ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު.

އަލީ ވަހީދު

ދައުވާތައް ނެގުމާ އެކު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވަނީ

އަލީ ވަހީދުގެ ދައުވާތައް އަނބުރާ ގެންދިޔައީ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ހެކިވެރިން ސިޓީ ފޮނުމުން ކަމަށް ޕީޖީ އޮފީހުން ބުނޭ

މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވަނިކޮށް، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވަޒީފާ އިން ވަކިކޮށް ދައުވާ އުފުލުމާ ގުޅިގެން ރާއްޖޭން ބޭރަށް ވަޑައިގެން ބޭރުގައި އުޅުއްވަމުން ގެންދަވާ އަލީ ވަހީދު، އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް އަނބުރާ ގެންދިއުމާ އެކު މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މައްސަލައިގެ ފެށުން - ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ 18 ނޮވެމްބަރު 2020ގަ އެވެ. ކޯޓުން ޕާސްޕޯޓު ދޫކޮށްލުމާ އެކު ރާއްޖެއިން ފުރައިގެން ދިޔައީ، ފެބްރުއަރީ 2021ގަ އެވެ.

އޭނާގެ މައްޗަށް ކުރި ދައުވާތަކަކީ:

  • ރޭޕްކުރަން އުޅުން

  • ޖިންސީ އަނިޔާކުރުން

  • ޖިންސީ ގޯނާކުރުން

  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން

  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުން

ވީ ކިހިނެއް؟ - އަލީ ވަހީދު ފުރައިގެން ދިޔުމުން ޝަރީއަތް ކުރިއަށް ނުގެންދެވި މިދިޔަ ދެ އަހަރު ދިގުލައިގެން ގޮސްފައިވަނިކޮށް، ހެކި ނެތް ކަމަށް ބުނެ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމާފައިވާކަން މިދިޔަ މަހު 14ގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އިން ވަނީ ހާމަކޮށްފަ އެވެ. އެއާ އެކު، މިއަދު އޭނާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.

ތަފްސީލު - އަލީ ވަހީދުގެ ގާތް ބޭފުޅަކު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އޭނާ ރާއްޖެ ވަޑައިގަަތުމަށް ހަމަޖެހިފައިވަނީ ޓާކިޝް އެއާލައިންސްގެ ފްލައިޓަކުންނެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަންލް އެއާޕޯޓުގައި ޖެއްސުމަށް ތާވަލްކޮށްފައި ވަނީ 1:20ގަ އެވެ.

ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަންނަވާއިރު، އެއާޕޯޓުގައި އަލީ ވަހީދު މީޑީއާތަކާ ބައްދަލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

މިވީ މުއްދަތު ތެރޭގައި އަލީ ވަހީދު ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިވިލާތުގަ އެވެ. އެ ގައުމުގައި ހުންނަވައިގެން އަލީ ވަހީދު ވަނީ ސެޕްޓްބަރު 2021ގައި އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ބަޔަކު މިނިސްޓަރުކަމުގެ މަގާމުގެ ދަހިވެތިކަމުގައި ދޮގު ތުހުމަތު އަޅުވައި އޭނާގެ "ދުވަސް ދުއްވާލީ" ކަމަށެވެ.

އަލީ ވަހީދު އެންމެ ފަހުން އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ.

އެނގުން މުހިންމު - އަލީ ވަހީދުގެ ދައުވާތައް އަނބުރާ ގެންދަން ނިންމީ، ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ދީފައިވާ ބަޔާންތައް އަނބުރާ ގެންނަން ބޭނުންވާ ކަމަށް ބުނެ، މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން ޕީޖީ އޮފީހަށާއި ފުލުހުންނަށް ފޮނުވަމުންދިޔަ ސިޓީތަކާ ގުޅިގެންނެވެ. އެގޮތުން:

  • މައްސަލަ އަލުން ހުށަހަޅަން ފުލުހުންނަށް އަނބުރާ ފޮނުވާލި ފަހުން މުހިންމު ހެކިންނާއި އަނިޔާ ލިބުނު މީހުންގެ ފަރާތުން ތަކުރާރުކޮށް ސިޓީތައް ލިބިފައިވޭ

  • މި ސިޓީތަކާ ގުޅިގެން މައްސަލަ މުރާޖައާކޮށްދިނުމަށް ފުލުހުން އެދުނު

  • އެ މީހުންގެ ހެކިބަހާ ނުލައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރިއިރު، ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ މަގެއް ނެތް

  • އެހެންވެ، މައްސަލަ ކުރިއަށް ނުގެންދަން ނިންމައި އަނބުރާ ފޮނުވާފައިވާ މައްސަލައެއްގެ ގޮތުގައި ކަނޑައެޅީ މިދިޔަ މަހުގެ 6ގައި

ކޮމެންޓް (1)

އެނީ

11 ޖުލައި 2023
ހަނދާންވާ ގޮތުގައި ޖަލު ހުކުމެއް އޮންނާނެ !
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް