އަހުމަދިއްޔާ ސްކޫލުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)
ހުޅުމާލޭގައި ހަދާ އަހުމަދިއްޔާގެ އާ އިމާރާތް ޖާގަ ތަނަވަސްވެފައި ރީތި ވާނެ: ޕްރިންސިޕަލް
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އާ އިމާރާތެއް އަޅަން ހުޅުމާލެއިން މިހާރު ބިމެއް ދޫކޮށްފައިވާއިރު، ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދުގެ ވަރަށް ގިނަ އުއްމީދުތަކެއް ހުރީ އެތަނާ ގުޅިފަ އެވެ.
ރާއްޖޭގެ އެންމެ ބާރުބޮޑު، އަދި ތައުލީމީ ގޮތުން މޮޅު އެއް ސްކޫލު ހިންގަމުން އަންނަ އިމާރާތް މިހާރު އޮތީ ތޮއްޖެހިފަ އެވެ. އެހެންވެ، އެތަން އިތުރަށް ފުޅާކުރެވޭނެ ގޮތެއް ސްކޫލުން ހޯދަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެންމެ ފަހުން މި އުއްމީދުގައި ކުލަ ޖެހުނީ، އަހުމަދިއްޔާގެ އިމާރާތެއް އަޅަން ހުޅުމާލެއިން 43،000 އަކަފޫޓުގެ ބިމެއް ދޫކުރަން އާބަންކޯ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިދިޔަ ބުދަދުވަހު ސޮއިކުރުމުންނެވެ.
"އެޑިއުކޭޝަނުން އަދި އަޅުގަނޑުމެންނާ ބިމެއް ހަވާލެއް ނުކުރޭ. އެކަމަކު ހަވާލުކުރުމާ އެކު އާ ސްކޫލުގެ މަސައްކަތް ފެށޭނެ،" ރަޝީދު ވިދާޅުވި އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅާ އިމާރާތުގައި ހިންގާނީ އަހުމަދިއްޔާގެ ދެވަނަ ގޮތްޕެވެ. އެތަނުގައި ވެސް ކިޔަވައިދޭނީ، މިހާރު މާލޭގައި ވެސް ހިންގާ ގޮތަށް ޕްރީ ސްކޫލުން ފެށިގެން ހަޔާ ސެކަންޑަރީއާ ހަމައަށެވެ. ކިޔަވައިދޭނީ އެއް މެނޭޖްމެންޓެއްގެ ދަށުންނެވެ. އެކަމަކު ރަޝީދު ފާހަގަކުރެއްވި ގޮތުގައި އާ ސްކޫލު ވާނީ ހުރިހާ ގޮތަކުން ވެސް ވަސީލަތްތައް ފުރިހަމަ، ރީތި، ތަނަވަސް އިމާރާތަކަށެވެ.
ހުޅުމާލޭގައި އަހުމަދިއްޔާގެ ސްކޫލެއް ހުރުމަކީ ވަރަށް ގިނަ ބެލެނިވެރިންގެ ވެސް އުއްމީދެކެވެ.
ރަޝީދު ވިދާޅުވީ މިހާރު ވެސް އެ ސްކޫލުގައި، ހުޅުމާލޭގައި ދިރިއުޅޭ ވަރަށް ގިނަ ދަރިވަރުން ކިޔަވާ ކަމަށެވެ. އެކަމަކު ކޮންމެ ދުވަހަކު ވެސް ހުޅުމާލެއިން މާލެ އައިސް ގޮސް ހެދުމަކީ، ކުދިންނާއި ބެލެނިވެރިން އުފުލަން ޖެހޭ ތަކުލީފެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، ހުޅުމާލޭގައި އުޅޭ ބެލެނިވެރިން ވެސް މިހާރު ބޭނުންވޭ އަހުމަދިއްޔާގެ އިމާރާތެއް އެތަނުގައި ހުންނަން. މިއީ އެ މީހުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ،" ޕްރިންސިޕަލް ވިދާޅުވި އެވެ.
ބިން ސްކޫލާ އަދި ހަވާލާ ނުކުރާތީ، އިމާރާތުގެ މަސައްކަތް ފެށޭނެ ތާރީހެއް ބުނާކަށް ނޭނގެ އެވެ. އެކަމަކު އަހުމަދިއްޔާއިން އުއްމީދު ކުރަނީ މި ހަފުތާގެ ތެރޭގައި އެޑިއުކޭޝަނުން ބިން ހަވާލުކުރާނެ ކަމަށެވެ. އެއަށް ފަހު މާ ލަސްތަކެއް ނުވެ، ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
"މަސައްކަތް ފެށޭނެ ނުވަތަ ނިމޭނެ ސީދާ ތާރީހެއް ބުނަން އެނގޭނީ އެ މަސައްކަތާ ހަވާލުވާ ފަރާތާ ވާހަކަ ދެއްކުމަށް ފަހުގައި. އެކަމަކު އަޅުގަނޑު ޔަގީންކަން އަރުވަން ކައިރި މުސްތަގްބަލެއްގައި އިރާދަކުރެއްވިއްޔާ މި ތަނުގައި ކިޔަވައިދޭން ފެށޭނެ،" 3،000 އާ ގާތްކުރާ އަދަދަކަށް ދަރިވަރުން ކިޔަވާ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން: