
މުހައްމަދު ރަޝީދު: މިއީ އާދައިގެ ޕްރިންސިޕަލެއް ނޫން
އެ ތަނުގައި ހުރި އެއްޗެހީގެ ތައާރަފް ދެއްވަމުން މުހައްމަދު ރަޝީދު ގެންދެވީ، އަމިއްލަ ދިރިއުޅުމުގެ ނުވަތަ އާއިލާގެ ވާހަކައެއް ކިޔައިދޭހާ އުފަލުން ހުންނަވަ އެވެ. އެ ޖޯޝްގަ އެވެ. ތަށިތަކަށް އިޝާރަތްކުރައްވައި، 'މިއީ އެހެން ސްކޫލަކުން ފެންނާނެ އެއްޗެއް ނޫނޭ' ވިދާޅުވީ ބަޔަކަށް ރައްދެއް ދެއްވަން ނުވަތަ މަލާމާތެއް ކުރެއްވުމުގެ ނިޔަތެއް އޮވެގެން ކަމަކަށް ނުބެލެވެ އެވެ. އެއީ ތެދެކެވެ. އޯ ލެވެލްއިން މުޅި ރާއްޖެއިން އެއްވަނަ، ޖެހިޖެހިގެން ހަތް އަހަރު ހޯދި އެއްވެސް ސްކޫލެއް، އަހުމަދިއްޔާ ނޫނީ، ރައްޖެއަކު ނެތެވެ.
އަހުމަދިއްޔާގެ ޕްރިންސިޕަލް ހުންނެވީ ހިތްހަމަޖެހިވަޑައިގެންފަ އެވެ. ސްކޫލުގައި އަލަށް ހެދި ގެލެރީ ތެރޭގައި، އަހުމަދިއްޔާގެ ތާރީހާ ބެހޭ ހުރިހާ ވާހަކައެއް، އޮޅުމެއް ނެތި، އަދި އުނދަގުލަކާ ވެސް ނުލައި، ކިޔައިދެއްވޭ ވަރަށް އޭނާ ވަނީ އެ ސްކޫލާ ގުޅިވަޑައިގެންފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެ ސްކޫލާއި އޭނާއާ ދެމެދު އޮތީ 'އަމިއްލަ ދަރިއަކާ ދޭތެރޭގައި އޮންނަ ކުލުނު' ފަދަ ލޯތްބެކެވެ.
"އަޅުގަނޑު ވަރަށް ޅައިރު އަހުމަދިއްޔާއަށް އައީ، ވަރަށް ޒުވާން އިރު. އޭރުންސުރެ އަހުމަދިއްޔާއާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑު ލޯތްބެއް އުފެދުނު،" ދެ ކުދިންގެ ބައްޕަ ރަޝީދު، 60، ވިދާޅުވި އެވެ.

އެއީ 1987 އެވެ. އަހުމަދިއްޔާއާ އޭނާ ގުޅިވަޑައިގަތީ އިނގިރޭސި ޓީޗަރެއްގެ ގޮތުން، އުމުރުން އެންމެ 24 އަހަރުގަ އެވެ. އޭގެ ފަހުން މި ވޭތުވި ގާތްގަނޑަކަށް 35 އަހަރުގެ ތެރޭގައި އެކި މަގާމުތަކުން ޕްރޮމޯޓްވަމުން ގޮސް ޕްރިންސިޕަލްގެ ގޮނޑިއާ ހަމައަށް ވަަޑައިގެންނެވުނީ ސްކޫލްގެ ހުރިހާ ކުރިއެރުމެއް ތަޖުރިބާކުރައްވަމުންނެވެ. ސްކޫލްގެ އެކި ހިންގުންތެރިންގެ ދަށުގައި މަސއްކަތްކުރައްވަމުންނެވެ. އުނދަގޫ ދުވަސްތައް ވެސް، އެހެން މީހުންނެކޭ އެއްގޮތަށް، ކުރިމަތިވި އެވެ. ކިރިޔަކިރިޔާ ވަކިނުވެ ހުންނެވި ދުވަސްކޮޅެއް ވެސް ދިޔަ އެވެ.
ނަމަވެސް އަހުމަދިއްޔާގެ ތެރެއިން އޭނާ ދަސްކުރެއްވި ސްކޫލް ހިންގެވުމުގެ ތަޖުރިބާ އާއި ފިލާވަޅުތައް، އޭނާ ދޫކޮށްލާފައި ނުދެ އެވެ. އެހެންކަމުން ރަޝީދު ހުންނެވީ ކޮންމެ ހާލެއްގައި ވެސް، އަހުމަދިއްޔާގަ އެވެ. އަދި އެންމެ ފަހުން، 'މި ތަނުގައި ރަޝީދު ނޫން ދެން އަހުމަދިއްޔާ ރަނގަޅަށް ދަންނަ މީހަކު ނެތެން ނޫންހޭ' ސްކޫލްގެ ބޯޑުގެ މެމްބަރުންނަށް ބުނެވޭ ވަރަށް، އޭނާގެ ހަޔާތުގެ ދިގު މުއްދަތެއް އޮތީ އެ ސްކޫލާ އެކު ހޭދަކުރައްވައިފަ އެވެ.
ސަރުކާރުގައި އުޅެމުން ވެސް އަހުމަދިއްޔާ
ރަޝީދަކީ ސްކޫލް ހިންގުމުގެ ދާއިރާއިން ތައުލީމު ހާސިލްކުރެއްވި ބޭފުޅެއް ނޫނެވެ. އޭރުގެ އީޕީއެސް އިން އޯ ލެވެލް ފުރިހަމަ ކުރެއްވުމަށް ފަހު، ޓިއުޝަން ކްލާސްތަކުގައި މަސައްކަތް ފެއްޓެވީ ޓީޗަރުންގެ ރަސްމީ ތަމްރީނެއް ނެތި އެކަމަކު ކިޔަވައިދިނުމުގެ ހުނަރު ހުރެގެންނެވެ. އަހުމަދިއްޔާގެ އިނގިރޭސި ޓީޗަރަކަށް އުޅުއްވަނިކޮށް ސަރުކާރުގެ ނުރަސްމީ ތައުލީމު ދޭ މަރުކަޒުން ފުރުސަތު ލިބިވަޑައިގަތުމުން، ރަސްމީކޮށް ސަރުކާރާ ގުޅިވަޑައިގަތެވެ. އެކަމަކު އަހުމަދިއްޔާ ދޫކޮށެއްނުލައްވަ އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސްކޫލްގެ ހުރިހާ ކަމެއް ބަރާބަރަށް ފަންކްޝަން ކުރާ ކަމަށް ވަންޏާ މި ޒަމާނުގައި އަޅުގަނޑުގެ މޮބައިލް ފޯނުން ވެސް ސްކޫލް ހިންގާލެވޭނެ.
ރަޝީދު ވިދާޅުވި ގޮތުގައި އަހުމަދިއްޔާގެ އެންމެ ފުރަތަމަ ނާޒިރު އަބްދުއްރަޝީދު އަލީގެ ދުވަސްވަރު ވެސް ސްކޫލް ހިންގުމުގެ ކަންކަމުގައި އޭނާ ކޮންމެވެސް ވަރަކަށް ބައިވެރިކުރި އެވެ. އޭގެ ފަހުން އަބްދުއްސަމީއު، އަހުމަދިއްޔާގެ ޕްރިންސިޕަލަށް ވަޑައިގެން، ކުރިއަށް ވުރެ ބޮޑެތި ޒިންމާތައް، ހިންގުމުގެ ދާއިރާގައި ހަވާލުކުރި އެވެ.
"އަޅުގަނޑު މިތަނަށް އައިސް ކުރަން ފެށި މަސައްކަތުން މި ތަނުގައި ތިއްބެވި ބޭފުޅުން، ހާއްސަކޮށް މަރުހޫމް ޑީ އަހުމަދު ދިދީ، އޭރުގެ ޕްރިންސިޕަލް އަބްދުއްރަޝީދަށް އަޅުގަނޑުގެ މަސައްކަތް ފެނިގެން އެ ބޭފުޅުންގެ މަސައްކަތުގެ ތެރެއަށް ގެންނަވައިގެން، ފުރުސަތު ދެއްވައިގެން ސްކޫލްގެ ބައެއް މަސއްކަތްތަކަށް އަޅުގަނޑު ހާއްސަކުރި،" ރަޝީދު ވިދާޅުވި އެވެ.

"ސްކޫލް ހިންގުމުގެ ތެރެއަށް އެ ބޭފުޅުން އަޅުގަނޑު ގެންގޮސްދެއްވީ. ހާއްސަކޮށް ޕްރިންސިޕަލް އަބްދުއްރަޝީދު އިސްތިފާ ދެއްވުމުން ސަމީއު ޕްރިންސިޕަލްކަމާ ހަވާލުވެވަޑއިގެން ފަހުން އަޅުގަނޑު ހަމަ ސްކޫލްގެ މެނޭޖްމަންޓްގެ ތެރެއަށް ގެންނެވި."
އޭރު ވެސް މާލެ އާއި ބޮޑެތި ރަށްރަށުގެ ސްކޫލްތައް ހަވާލުކުރަމުން އައީ ހެޑްމާސްޓާ ކޯސް ނުވަތަ، ސްކޫލް ހިންގުމުގެ ދާއިރާއިން އެއަށް ވުރެ މަތީ ތައުލީމާއި ތަމްރީންތައް ފުރިހަމަކޮށްފައި ތިބި މީހުންނާ އެވެ. ރަޝީދުގެ ތަފާތަކީ، އޭނާ ކަންކަން ދަސްކުރެއްވީ ސަމީއުމެން ކަހަލަ ބޭފުޅުންގެ ފަހަތުގައި ހުންނަވައިގެން ކަމަށް ވުމެވެ. އެހެންވެ އޭނާ ގަބޫލުކުރައްވަނީ މިހާރު ހުންނެވި މަގާމާ ހަމައަށް ވަޑައިގެންނެވުނީ 'އަހުމަދިއްޔާ ސްކޫލް ހިންގުމުގެ ތެރޭގައި އުޅެގެން' އެ ދަސްވި އެއްޗެއްގެ އެހީގައި ކަމެވެ.

"އަޅުގަނޑު އިނގިރޭސި ޓީޗަރުގެ މަގާމުން، ސްޕަވައިޒަރުގެ މަގާމުން، ސީނިއަ ސްޕަވައިޒަރުގެ މަގާމުން އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމުން ސީނިއަ އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމުން، ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ފުރާފައި 2009 ގައި ނާޒިރުގެ މަގާމާ ހަމައަށް އާދެވިފައި މި ހުރީ،" އަހުމަދިއްޔާގައި ކުރެއްވި ދަތުރުގައި އުފުއްލެވި ޒިންމާތައް، ފަސޭހަކަމާ އެކު ވިދާޅުވި އެވެ.
އެއީ ޔަގީނުން ވެސް ތަޖުރިބާ އެވެ. އަމަލީ މަސައްކަތުގެ އިލްމެވެ.
އަތުގައި އޮތް ފޯނުން ވެސް ސްކޫލް ހިންގާލެވޭނެ
ނުރަސްމީ ތައުލީމު ދޭ މަރުކަޒުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި ހިސާބުން ރަޝީދަކީ ދެ ވަޒީފާގައި އުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެތަނުގައި 10 އަހަރު ހޭދަކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ވަޒީފާއަކަށް ބަދަލުވެވަޑައިގަތެވެ. އޭގެ ފަހުން މިއަދާ ހަމައަށް އޭނާ އުޅުއްވަނީ ރައްޔިތުންގެ މަޖިލިހުގަ އެވެ. މިހާރު ހުންނެވީ އާދައިގެ މަގާމަކު ވެސް ނޫނެވެ: އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އެވެ.
"ކޮންމެ ތާކު މަސައްކަތް ކުރިޔަސް [އަޅުގަނޑަކީ] ވަރަށް ފަރުވާތެރިކަމާ އެކީގައި، ވަރަށް ލޯތްބާއި އެކުރާ ކަމެއް ވަރަށް ކަމޭހިތައިގެން ކުރާ މީހެއް،" ރަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ކައިރީގައި މަސައްކަތްކުރާ މީހުންނަށް މަސައްކަތް ހަވާލުކޮށް ނިންމަން ފުރުސަތު ދޭނަން. މީހުން ގޮވައިގެން އުޅޭނީ."
އަހުމަދިއްޔާގައި ވެސް އޭނާގެ އާދައަކީ އެ އެވެ. ސްކޫލްގެ ކަމެއް ނިންމަނީ އެހެން މީހުންގެ ވެސް ހިޔާލާއި ބޭނުންވާ ގޮތަށެވެ. ތިމާއަށް ފެންނަ ގޮތަށް ހުރިހާ ކަމެއް ނިންމުމަކީ، ރަޝީދުގެ ބަހުން ނަމަ، އޭނާގެ ސިފައެއް ނޫނެވެ.

"އަޅުގަނޑު އަމިއްލައަށް އެއްވެސް ޑެސިޝަނެއް ނުނަގާނެ،" ރަޝީދު ވިދާޅުވި އެވެ.
"ސީނިއަ މެނޭޖްމަންޓާ މަޝްވަރާކޮށް، ހުރިހާ ބޭފުޅުން އިއްތިފާގުވެގެން އެންމެ ރަނގަޅަށް މި ސްކޫލްގެ ކަންތައް މި ހިންގަނީ."
މިއީ 1980 ،1990 އަދި 2000 އާއި 2010ގެ އަހަރުތަކެއް ވެސް ނޫނެވެ. އެހެން ޕްރިންސިޕަލުންގެ ފަރާތުން އޭނާއާ ހަމައަށް އަހުމަދިއްޔާ 'ވާރުތަވީ' އިރު މާލޭގައި ތައުލީމު ދިނުމުގެ ނިޒާމް ވެސް، ސްކޫލްތަކުގެ ފެންވަރާއި ގޮތްގަނޑު ވެސް ބަދަލުވެއްޖެ އެވެ. ހަމައެކަނި އަވަށު މަދަރުސާއެއްގެ ގޮތުގައި އަދި ކުރިން ގަބޫލުކުރި ކުރުންތަކުގެ މައްޗަށް ބިނާކޮށް ސްކޫލެއް ކުރިއަށް ނުގެންދެވޭ ވަރަށް، ހުރަސްތައް ވެސް ދަނީ ގިނަވަމުންނެވެ.
އަހުމަދިއްޔާ މިއަދު
-
2،900: ދަރިވަރުންގެ އަދަދު
-
370: ބޭބީ ނާސަރީ
-
630: ޕްރީ ސްކޫލް
-
720: ޕްރައިމަރީ
-
691: ސެކަންޑަރީ
-
489: ހަޔާ ސެކަންޑަރީ
-
46: ކްލާސް ރޫމް
-
228: މުވައްޒަފުން
އިތުރަށް ކިޔާލަން -
ރަޝީދަށް އޮތީ މި އަންނަ ބަދަލުތަކުގެ ތެރެއިން އަހުމަދިއްޔާ ސަލާމަތްކުރެއްވުމެވެ. އޭނާ ވަނީ ކުރިން ކިޔަވައިދެމުން އައި ޕްރީ ސްކޫލާއި ސެކަންޑަރީ ތައުލީމުގެ އިތުރުން، ޕްރައިމަރީ އާއި ހަޔާ ސެކަންޑަރީ ވެސް ތައާރަފުކޮށްފަ އެވެ. މިއަދު އެއީ 2،900 ދަރިވަރުން ކިޔަވަމުން އަންނަ، ރާއްޖޭގެ އެންމެ ބޮޑު އެއް ސްކޫލެވެ. ދޭ ތައުލީމުގެ ފެންވަރު ރަނގަޅު، އަދި ނަތީޖާ ވެސް މޮޅު ސްކޫލެކެވެ.
މިއީ އާދައިގެ ޓީޗަރެއްގެ ގޮތުން އަހުމަދިއްޔާއަށް ގުޅިވަޑައިގެންނެވި ބޭފުޅެއްގެ ކާމިޔާބު ދައްކައިދޭ މިސާލުތަކެކެވެ.
ރަޝީދުގެ އާދައަކީ ކޮންމެ ދުވަހެއްގެ ހެނދުނު 6:45 ގައި އަހުމަދިއްޔާއަށް ވަޑައިގަތުމެވެ. ކުރައްވަން ހުރި އިދާރީ ކަންކަން ނިންމާލެއްވުމެވެ. ދެން ރައްޔިތުންގެ މަޖިލިހަށް ވަޑައިގެން އެތަނުގެ މަސައްކަތެވެ. އޭގެ ފަހުން އަނެއްކާ އަހުމަދިއްޔާއަށެވެ.
އޭނާގެ މެނޭޖްމަންޓް ޓީމުން އަހުމަދިއްޔާއަށް ވަނީ ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސްކޫލްގެ ހުރިހާ ކަމެއް ބަރާބަރަށް ފަންކްޝަން ކުރާ ކަމަށް ވަންޏާ މި ޒަމާނުގައި އަޅުގަނޑުގެ މޮބައިލް ފޯނުން ވެސް ސްކޫލް ހިންގާލެވޭނެ،" ރަޝީދު ވިދާޅުވި އެވެ.
"އެ ފެންވަރަށް އަހުމަދިއްޔާ ހުންނާނީ ތަރައްގީކޮށްފައި."
މި މަހު 21 ގައި 40 އަހަރު ފާހަގަކުރި ސްކޫލްގެ ތާރީހު ވެސް އަދި ކުރިއަށް މިދާ ދުވަސްތައް ވެސް، ރަޝީދު ބަލައިގަންނާނީ ސްކޫލްގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތުގެ ގޮތުގަ އެވެ. ދެގޮތެއް ނުވެ، 1987 އިން ފެށިގެން، އަދިވެސް ހުންނެވި ހިދުމަތްތެރިއެއްގެ ގޮތުގަ އެވެ.