އަހުމަދިއްޔާގެ ކޮމްޕިއުޓަ ކްލާހެއްގައި ދަރިވަރުން ފިލާވަޅު ނަގަނީ: މިހާރު މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް ސްކޫލް
އަހުމަދިއްޔާ 40: އަވަށު ކުޑަކުޑަ ސްކޫލެއް މިއަދު އެއްވަނާގައި
އެ ގެލެރީއަށް ވަދެ ނަޒަރު ހުއްޓާލުމާ އެކު، އެ ކިޔައިދޭ ވާހަކައިގެ ތެރެއަށް ވަރަށް ފަސޭހައިން ދަމައިގަންނާނެ އެވެ. ދޮރުން ވަންނަ އިރު ކުރިމަތީ ފާރުގެ މެދަށް ވާ ގޮތަށް އެ ހުރީ ޖީސީއީ އޯ ލެވެލްގައި ރާއްޖޭގެ އެއް ވަނަ ސްކޫލުގެ އެވޯޑްތަކެވެ. އެއާ ޖެހިގެން ކަނާތް ފަރާތުގައި ހުރީ، އޯ ލެވެލްގެ އެއް ވަނަ ސްކޫލް ހޮވުން ހުއްޓާލުމަށް ފަހު ދޭން ފެށި ޓޮޕް އެޗީވްމަންޓް އެވޯޑްތަކެވެ.
"މިއީ އަހުމަދިއްޔާގެ ކާމިޔާބު،" ހިނިތުންވުމެއްގައި ހުންނެވި، ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
"މި އެވޯޑްތަކެއް އެހެން އެއްވެސް ސްކޫލަކު ނުހުންނާނެ. މިއީ އަޅުގަނޑުމެން މިހާރު ވެސް ފަހުރުވެރިވާ ކާމިޔާބީތަކެއް."
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މައި ހޯލްގެ ނިމޭ ކޮޅުގައި ހަދާފައި ހުރި ހާއްސަ ގެލެރީއަކީ، މިއަދު އުމުރުން 40 އަހަރު ފުރުނު، ސްކޫލްގެ މުޅި ތާރީހެވެ: މައްޗަންގޮޅީ އަވަށު މަދަރުސާގެ ގޮތުން، މަދަރުސަތުލް އަހުމަދިއްޔާގެ ނަމުގައި، 21 ފެބްރުއަރީ 1982 ގައި، ސްކޫލް ހުޅުވަން ފޮނުވި ތާރީހީ ދައުވަތު ކާޑެވެ. ސްކޫލް ހުޅުވުމުގެ ފުރަތަމަ ހަބަރެވެ. އޭރުން ފެށިގެން މިއަދާ ހަމައަށް، ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅުންގެ ފޮޓޯތަކެވެ. ސްކޫލްގެ ނާޒިރުކަން/ޕްރިންސިޕަލުންގެ ތައާރަފެވެ. ތައުލީމީ ނަތީޖާގެ ގޮތުން ރާއްޖޭގެ ބޮޑެތި ސްކޫލްތައް ބަލިކޮށް، އެއް ވަނާގައި ޖެހިޖެހިގެން ހަތް އަހަރު ހޯދި އެވޯޑްތަކާއި އޭގެ ފަހުން ޓޮޕް އެޗީވްމަންޓް އެވޯޑްތަކެވެ.
ގެލެރީއަކީ ތާރީހެވެ. ފޮނި ހަނދާންތަކެވެ. އެ ތާރީހު ލިއެ، އެ ފޮނި ހަނދާންތަކާ ގުޅެނީ ބަޔަކު ކުރި، އަދި ކުރަމުން އަންނަ މަސައްކަތްތަކެވެ. އަހުމަދިއްޔާއަކީ، ކުޑަކުޑަ އަދި ވަރަށް އާދައިގެ އަވަށު މަދަރުސާއެއް ޒަމާނާ އެއްގޮތަށް ބަދަލުވަމުން އައިކަން ދައްކައިދޭ ނަމޫނާއެކެވެ. އެހެން އަވަށު މަދަރުސާތައް ހަމައެކަނި ޕްރީ ސްކޫލްތަކަކަށް ވެ، ގްރޭޑް ކްލާސްތައް ހުއްޓާލާ ހިސާބަށް ވަޅުޖެހުނު އިރު، މި ސްކޫލްގެ ހަށިގަނޑަށާއި ފުރާނައަށް ލިބުނީ ތާޒާކަމެވެ.
"މިއީ ހަމައެކަނި އެކެއްގެ މަސައްކަތެއް ނޫން. މިއީ ޓީމެއްގެ ގޮތުގައި ވަރަށް ގިނަ ބޭފުޅުން މަސައްކަތްކުރައްވައިގެން، އަހުމަދިއްޔާއަކީ ރާއްޖޭގެ އެންމެ މޮޅު ސްކޫލަށް ހެދުމުގެ އަޒުމުގައި [ތިބެގެން] ކުރެވުނު މަސައްކަތުގެ ނަތީޖާ،" ރަޝީދު ވިދާޅުވި އެވެ.
ފެށުން: ޑީ އަހުމަދު ދީދީގެ ދީލަތި އެހީ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން މާ ގިނަ ދުވަހެއް ނުވެ މާލޭގެ ހަތަރު އަވަށުގައި މަދަރުސާތައް އަލުން ފަށަން ނިންމައި، ބިން ހަވާލުކުރި އެވެ. މައްޗަންގޮޅީ މަދަރުސާގެ ބިންގާ 4 ޖޫން 1979 ގައި މައުމޫން އަޅުއްވައި ދެއްވި އެވެ. ދެން އައީ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އަދި މައްޗަންގޮޅީ އަވަށް ކުރިއަރުވާ ކޮމިޓީގެ ވެރިޔާގެ މަގާމުގައި ހުންނެވި ޑީ އަހުމަދު ދީދީ އަމިއްލަ ޖީބުން މާލީ އެހީތެރިކަން ދެއްވަން ނިންމަވައި، މަދަރުސާ އިމާރާތްކުރުމުގެ މަރުހަލާ އެވެ. އަހުމަދިއްޔާގެ ނަން ނިސްބަތްވަނީ ޑީ އަހުމަދު ދީދީގެ ނަންފުޅަށެވެ.
ހަމައެކަނި މަދަރުސާ އިމާރާތްކުރަން އެހީތެރިވެދެއްވީކީ ނޫނެވެ. މަދަރުސާ ފެށި އިރު ފުރަތަމަ ތިބި 200 ދަރިވަރުންގެ ފޮތް ފަންސޫރު ފަދަ އެއްޗެހި ހޯދައިދެއްވައި، މަދަރުސާ ހިންގަން ފުރަތަމަ ދެ އަހަރު ހޭދަކުރެއްވީ ވެސް ޑީ އަހުމަދު ދީދީ އާއި އަނބިކަނބަލުން ސައީދާ އިބްރާހިމް އެވެ.
"އަހުމަދިއްޔާއަކީ [ޑީ އަހުމަދު ދިދީ] އިސްނަންގަވައި، އަމިއްލަފުޅު ހަރަދުގައި އިމާރާތްކުރައްވައި، މައްޗަންގޮޅީގެ ރައްޔިތުންނަށް ހަދިޔާކުރެއްވި މަދަރުސާއެކެވެ،" ސްކޫލްގެ ގެލަރީގައި ބަހައްޓާފައި ހުރި އެއް ލިއުމެއްގައިވެ އެވެ.
"މަރުޙޫމް ޑީ. އަހުމަދު ދިދީ މި މަދަރުސާ އުފެއްދެވީ ތައުލީމް ލިބިގަތުމަށް ދަތިވެފައި ތިބި މައްޗަންގޮޅީގެ ކުދިންނަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވުމުގެ މާތް މަގުސަދުގަ އެވެ."
އެކަމަކު މަދަރުސާ ހުޅުވީ މާލޭގެ އެހެން އަވަށްތަކުގެ ބައެއް ދަރިވަރުންނަށް ވެސް ފުރުސަތު ދީގެންނެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ޑީ އަހުމަދު ދީދީ އޭރު ގެންގުޅުއްވީ ވަރަށް މާތް މަގުސަދެކެވެ.
"މަރުހޫމް ޑީ އަހުމަދު ދީދީގެ ވިސްނުންފުޅަކީ މުޖުތަމައުގައި ޚިދުމަތަށް ބޭނުންވެފައި ތިބި ބަޔަކަށް ވީހާވެސް ލުއި ގޮތެއްގައި މިކަން [ތައުލީމް] ފޯރުކޮށްދިނުން،" ރަޝީދު ވިދާޅުވި އެވެ.
އަހުމަދިއްޔާގެ ފުރަތަމަ ނާޒިރަކީ އަބްދުއްރަޝީދު އަލީ އެވެ. ހެޑްމާސްޓަރަކީ ދާދި ފަހުން އަވަހާރަވި ކޮޕީ މުހައްމަދު ރަޝީދެވެ. މި ދެ ބޭފުޅުންނާ އެކު، މަދަރުސާގެ އޮފީހަށް ފުރަތަމަ ހަމަޖެއްސީ އެންމެ ތިން މުވައްޒަފުންނެވެ.
ދައްކައިދިނީ ނަމޫނާ ތަރައްގީއެއް
އަހުމަދިއްޔާގެ ކުރިއެރުމާ ބެހޭ ވާހަކައިގެ ތަފުސީލެއް ބޭނުން ނަމަ އެންމެ ރަނގަޅު ބޭފުޅަކީ ވެސް މިހާރުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދެވެ. އަހުމަދިއްޔާގައި އޭނާ މަސައްކަތް ކުރައްވާތާ މިހާރު 35 އަހަރެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އިނގިރޭސި ޓީޗަރެއްގެ ގޮތުން 1987 ގައި އެ ސްކޫލާ ގުޅިވަޑައިގެންނެވި އިރު ވެސް "އެއީ ވަރަށް އާދައިގެ ސްކޫލެކެ"ވެ.
"ވަރަށް އާދައިގެ ކްލާސްރޫމްތަކެއް ހުރި، ވަރަށް އާދައިގެ ސްކޫލެއް މިއީ،" ކޮވިޑް-19އާ ގުޅިގެން ފުރަތަމަ ކުރިމަތިވި ބަންދުގެ ތެރޭގައި ހެއްދެވި ގެލަރީގައި އިންނަވައި، 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
"މާލޭގެ ތައުލީމީ ނިޒާމަށް [އޭރު] ބަލައިލާ އިރު އަވަށު މަދަރުސާތަކަކީ ކުދިކުދި ސްކޫލްތަކެއް."
އެކަމަކު މައްޗަންގޮޅީގެ ވެރިންނާއި އަހުމަދިއްޔާގެ ހިންގުންތެރިންނަށް، އެ 'ކުދިކުދި، އާދައިގެ' ގޮތެއްގައި ސްކޫލް ހިންގާކަށް ބޭނުމެއްނުވި އެވެ. ހާއްސަކޮށް މައްޗަންގޮޅީގެ އަވަށު ވެރިޔާގެ މަގާމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވި އިރު، އަހުމަދިއްޔާގެ ކުރިއެރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވިކަން، ރަޝީދު ފާހަގަކުރެއްވި އެވެ.
"ނަތީޖާ ރަނގަޅުކުރާށާއި ހިންގުން ރަނގަޅުކޮށް، ސްކޫލް ތަރައްގީކުރަން ޔާމީން މަސައްކަތްކުރެއްވި،" ރަޝީދު ވިދާޅުވި އެވެ.
އެ މަސައްކަތުގައި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް ތަޖުރިބާކާރުންގެ ބަޔަކާ ހަވާލުކޮށް، ދިރާސާއެއް ވެސް ހެދި އެވެ. އަދި އޭގެ ފަހުން އަބްދުއްސަމީއުގެ ނާޒިރުކަމުގައި ގެންނެވި ބަދަލުތައް ރަޝީދު ފާހަގަކުރައްވަނީ، ފަހުން ސްކޫލް ބަރާބަރަށް ހިނގައިގަތުމަށް ލިބުނު އެހީއެއްގެ ގޮތުގަ އެވެ. އެއް މިސާލަކަށް އޭނާ ދެއްކެވީ، ވަގުތީ ޓީޗަރުންގެ ބަދަލުގައި ފުލް ޓައިމް ޓީޗަރުން ހޯދުމެވެ.
އެހެން ސްކޫލްތަކުގެ ޓީޗަރުންނަށް ވަގުތު ލިބިގެން އޭރު "މެންދުރުފަހު ދަންފަޅީގައި [އަހުމަދިއްޔާ]ގެ ގްރޭޑް ކްލާސްތައް ހިންގަނީ. އަބްދުއްސަމީއު ހަވާލުވި ހިސާބުން ފުލްޓައިމް ޓީޗަރުންނަށް ބަދަލުކުރަން ފެށީ،" ރަޝީދު ވިދާޅުވި އެވެ.
"ކިޔެވުމަށް އެ ބަދަލުތައް ގެނައީ ސަމީއުގެ ދަށުން. އެހާ ހިސާބުން ހިންދެމިލާން ފެށީ."
ސަމީއު 2000 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ އެކު ސްކޫލާ ހަވާލުވެވަޑައިގަތީ، ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ގަހާ އަހުމަދު ސައީދެވެ. އޭނާގެ ޕްރިންސިޕަލްކަމުގެ ދަށުން އަހުމަދިއްޔާއަށް ވަރަށް ބޮޑެތި ބަދަލުތައް އައިތަން، އޭރުގެ ވަރަށް ގިނަ ބަޔަކު ފާހަގަކުރި އެވެ. އަދި އޯ ލެވެލް އިން މުޅި ރާއްޖެއިން އެއްވަނަ އަހުމަދިއްޔާއަށް ފުރަތަމަ ލިބުނީ ވެސް، އޭނާގެ ޕްރިންސިޕަލްކަމުގެ ދަށުގަ އެވެ.
އެއީ އަވަށު ސްކޫލެއްގެ 'ދަރަޖަ'އިން އަހުމަދިއްޔާ އުފުއްލައިލި، ނަތީޖާތަކެކެވެ. ސަރުކާރުގެ ބޮޑެތި ސްކޫލްތަކާއި އަމިއްލަ ބޮޑެތި ސްކޫލްތަކާ ވެސް ތައުލީމީ ގޮތުން ވާދަކުރެވޭނެ ފެންވަރަށް އަހުމަދިއްޔާ ތަރައްގީވެއްޖެކަން، އަންގައިދިނެވެ.
ހިތްވަރަށް ކުޑަ ވެސް ބަދަލެއް ނާދޭ
މުހައްމަދު ރަޝީދަކީ އެ ހުރިހާ ޕްރިންސިޕަލުންގެ ދަށުން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާ ވިދާޅުވަނީ 'ތިމަންނަގެ އާއިލާ ދެކެވާ ލޯބި އަހުމަދިއްޔާއަށް އޮތް' ކަމަށެވެ. އެވާހަކައާ މެދު ދެބަސްވެވޭކަށް ނެތެވެ. އިނގިރޭސި ޓީޗަރެއްގެ މަގާމުގައި އަހުމަދިއްޔާއަށް ވެންނެވި ގޮތަށް، ސަމީއު އާއި ސައީދުގެ ދަށުން ވެސް އޭނާ ހުންނެވީ ހިދުމަތުގަ އެވެ. އެންމެ ފަހުން ސްކޫލް ބޯޑަށް ފެނުނީ އަހުމަދިއްޔާ 'ދަންނަ' އެންމެ އިސް ބޭފުޅަކަށް އޭނާ ވުމުން، ސްކޫލް ހިންގެވުމުގެ ހުރިހާ ކަމެއް ހަވާލުކުރާށެވެ. އޭނާ އެކަން ނެންގެވީ ޗެލެންޖެއްގެ ގޮތުގަ އެވެ. އަދި 'ދެން އަހުމަދިއްޔާގެ ދުވަސް ދިޔައީ' ކަމަށް ބުނެ ވާހަކަ ދެއްކި މީހުންގެ އަޑުތަކުން ހިތްވަރު ވެސް ހޯއްދެވި އެވެ.
"އަޅުގަނޑު މި ސްކޫލްގެ ޕްރިންސިޕަލްކަމާ ހަވާލުވި ހިސާބުން ބައެއް ބޭފުޅުން ވިދާޅުވި މިހާ ހިސާބުން ދެން އަހުމަދިއްޔާގެ ދުވަސް އެ ދިޔައިއްޔޭ. ކުރީގައި ތިއްބެވި ބޭފުޅުން ކުރެއްވި މަސައްކަތްތަކެއް ދެން އަހުމަދިއްޔާއަކަށް ނުކުރެވޭނޭ،" ރަޝީދު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ވަރަށް ބޮޑު ޗެލެންޖަކަށް އެ ހަބަރު ނެގިން."
އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ވުރެ ގިނަ ދަރިވަރުން އޯ ލެވެލްގައި ބައިވެރިކޮށް، ރާއްޖޭގެ އެއް ވަނަ ހޯދި އެވެ.
ރަޝީދުގެ ސީދާ ޒިންމާގެ ތެރެއަށް އަހުމަދިއްޔާ ދިޔައިރު، އަދި މިއަދު 40 އަހަރު ފުރުނު އިރު، ކުރިން ކުރިމަތިނުވާ ގޮންޖެހުންތަކަކާ އަހުމަދިއްޔާ ވެސް ކުރިމަތިލި އެވެ. މާފަންނު މަދަރުސާ އާއި ގަލޮޅު ސްކޫލް އަދި އަމީރު އަހުމަދުގެ ގްރޭޑް ކްލާސްތައް އުވި، މިހާރުގެ އެހެން ސްކޫލްތަކާ ވާދަނުކުރެވޭ ވަރަށް އަޑިއަޅާލި އެވެ. އެ ބިރު އަހުމަދިއްޔާއަށް ވެސް އޮތެވެ.
އަހުމަދިއްޔާ ނަންބަރުތަކުން
-
2،900: ދަރިވަރުންގެ އަދަދު
-
370: ބޭބީ ނާސަރީ
-
630: ޕްރިސްކޫލް
-
720: ޕްރައިމަރީ
-
691: ސެކަންޑަރީ
-
489: ހަޔާ ސެކަންޑަރީ
-
46: ކްލާސް ރޫމް
-
228: މުވައްޒަފުންގެ އަދަދު
އެކަމަކު ރަޝީދު ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާއިން އަހުމަދިއްޔާގެ ނަން ގެއްލިގެން ނުދާނެ ގޮތަށް، ސްކޫލްގެ ހިންގުން، މެނޭޖްމަންޓްގެ އެހެން މީހުންނާ އެކު، ބަދަލުކޮށްލެވުމަކީ ނަސީބެކެވެ. އޭގެ ތެރެއިން އެއް ބަދަލަކީ، ޕްރީ ސްކޫލާއި ހަމައެކަނި ސެކަންޑަރީ ގްރޭޑްތަކަށް ކިޔަވައިދެމުން އައި އައުމަށް ބިނާނުވެ، ޕްރައިމަރީ ގްރޭޑްތައް އަލުން އުފެއްދުމެވެ. އޭގެ ކުރިން އަހުމަދިއްޔާގައި އޭ ލެވެލް ކްލާސްތައް ފެށި އެވެ. އޭގެ މަގުސަދަކީ އޯ ލެވެލް ނިންމާފައި ވެސް އަހުމަދިއްޔާގެ ދަރިވަރުންނަށް އެ ސްކޫލްގައި ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމެވެ.
"އަޅުގަނޑަށް ވިސްނުނީ އަހުމަދިއްޔާ މުސްތަގުބަލުގައި ބާއްވަން ބޭނުވަނީ ކަމަށްވަންޏާ ތިރިން އެބަ ޖެހޭ ކުދިން އުފައްދަން. އެ ހިޔާލު އައީ އެހެން އަވަށު މަދަރުސާތަކަށް ވަމުންދާ ގޮތް ފެނިފައި،" ރަޝީދު، 60، ވިދާޅުވި އެވެ.
"އަތޮޅުތަކުން ނޫނީ މާލޭގެ ސްކޫލްތަކުން ވަކިވެގެން އަންނަ ކުދިން ހަމައެކަނި ގްރޭޑް އަށަކަށް ވަދެގެން އަހުމަދިއްޔާ ސަވައިވްއެއް ނުވާނެއޭ އަޅުގަނޑުގެ ހިތަށްއެރީ."
މިއަދު އެ ބަދަލު ވަރަށް ކާމިޔާބެވެ. މިއަދު އަހުމަދިއްޔާގެ ޕްރައިމަރީ ގްރޭޑްތަކުގައި އެކަނި ވެސް 700 ދަރިވަރުން އެބަ ކިޔަވަ އެވެ. އަދި ރަޝީދު ވިދާޅުވި ގޮތުގައި މިހާރު ވެސް އާ ދިރާސީ އަހަރަށް، ސެކަންޑަރީގެ އިތުރުން ޕްރައިމަރީ ގްރޭޑްތަކަށް ވައްދަން ވެސް 'ދިގު ލިސްޓެއް' އެބަ އޮތެވެ.
އަބަދުވެސް ފުރުސަތުގައި އެކެއް ބޭނުންވޭ
އޯ ލެވެލްއިން އަބަދު އެއް ވަނަ ހޯދުމުން އަހުމަދިއްޔާއާ ދޭތެރޭގައި އެހެން ސްކޫލްތަކުގެ 'ހަސަދަވެރިކަން' އުފެދުނެވެ. ތައުލީމީ ދާއިރާގެ ބައެއް މީހުންނަށް އެ ވަނަ ހޯދުން މުހިންމެއް ނުވި އެވެ. އެއީ 'ބޭކާރު ވާދަވެރިކަމެއް' ކަމަށް ވެސް ދުއްޓެވެ. އެހެންވެ ދެން އެޑިޔުކޭޝަން މިނިސްޓްރީން ބަދަލުކޮށްލީ އެއް ވަނަ ސްކޫލް ނުހޮވައި، އޯ ލެވެލްގައި ފާސްވާ ނިސްބަތުން ޓޮޕް އެޗީވްމަންޓް އެވޯޑް ދޭށެވެ. އެ އެވޯޑްގައި ވެސް އަހުމަދިއްޔާ ހިމެނުނީ އެންމެ މަތިންނެވެ. އެންމެ ފަހުން 2014 ގައި، ޓޮޕް އެޗީވްމަންޓް އެވޯޑް ދިނުން ވެސް ހުއްޓާލި އެވެ.
އެކަމަކު އަހުމަދިއްޔާގެ އަޒުމަށް ބަދަލެއް ނާދެ އެވެ. އެގޮތުން 2020ގެ އޯ ލެވެލްގެ ނަތީޖާއަށް ބަލާއިރު ވެސް 197 ދަރިވަރުން ބައިވެރިވެ، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 95 ޕަސެންޓަށް އެރި އެވެ. ރާއްޖޭގެ ގަދަ 10 ގައި 64 ދަރިވަރުން ހިމެނުނެވެ. މިއީ ރާއްޖޭގެ ނިސްބަތުން އާދައިގެ ކަމެއް ނޫނެވެ.
ރަޝީދުގެ ވާހަކަތަކުން ދޭހަވަނީ ބައިވެރިވާ ކޮންމެ ކަމެއްގައި ވެސް މަތީ ވަނަ ހޯދުމަކީ އަހުމަދިއްޔާގެ 'ޑީއެންއޭ'ގައި ހިމެނޭ ސިފައެއް ކަމެވެ. ސްކޫލްގެ ނަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ބަދަލުކުރުމުގެ ފަހަތުގައި އޮތް ސަބަބަށް ވިސްނާލިޔަސް، ހައްގު މަގާމަށް ދައުވާކޮށް، ރީތި ނަން ހޯދުމަކީ، މެނޭޖްމަންޓުން ދޫކޮށްލާނެ ބައެއް ނޫންކަން އެނގެ އެވެ.
ޓޮޕް އެޗީވްމަންޓް އެވޯޑްގެ ރިހާސަލެވެ. ފާސްވި ކުދިންގެ ނިސްބަތް އެންމެ މަތީގައި އުޅުނަސް އެވޯޑް ބަލައި އަހުމަދިއްޔާގެ ފަރާތުން ސްޓޭޖަށް އަރަން ޖެހުނީ އެއަށް ވުރެ ދަށުން ދަރިވަރުން ފާސްވި ބައެއް ސްކޫލްތަކަށް ވުރެ ވެސް ފަހުންނެވެ. އެކަމާ މެދު ސުވާލު ކުރުމުން ޖަވާބަކަށް ވީ ސްޓޭޖަށް ގޮވަނީ ނަން ފެށޭ އަކުރުގެ ތަރުތީބުން ކަމަށް ވުމެވެ. އޭރު އަހުމަދިއްޔާގެ ނަމަކީ 'މަދަރުސަތުލް އަހުމަދިއްޔާ' އެވެ. އެހެންކަމުން ތަރުތީބަކީ، 'އެމް' އަކުރު އައުމުން ސްޓޭޖަށް ގޮވުމެވެ.
އެކަމަކު "އޯ ލެވެލްގެ އިމްތިހާނުގެ ނަތީޖާއަށް ބަލާއިރު އެންމެ މަތީ ޕާސް ޕަސެންޓޭޖް އޮތީ އަހުމަދިއްޔާ އަތުގައި،" ރަޝީދު ވިދާޅުވި އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ނަމަަށް ނަން ބަދަލުކުރީ 2015 ގަ އެވެ. މިހާރު އިނގިރޭސި އަކުރުގެ ތަރުތީބުން ސްޓޭޖަށް ގޮވާ ނަމަ އަހުމަދިއްޔާ ހިމެނޭނީ ކުރީގަ އެވެ. އެކަމަކު އެ ސްކޫލް ކުރި ހޯދަނީ، ނަމުންނެއް ނޫނެވެ. ކަމުންނެވެ. އަމަލުންނެވެ. މަސައްކަތުންނެވެ.
ސްކޫލްގެ ޖާގަ ކުޑަވެ، އޭގެ ގޮންޖެހުންތައް ބޮޑަސް، އަހުމަދިއްޔާ އޮތީ ފަހަތަށް ބަލައިގެން، ކުރިއެރުން ހުއްޓާލާ ހިސާބެއްގައެއް ނޫނެވެ. އެކަމަކު އިތުރު ޖާގަ ލިބިއްޖެ ނަމަ މިހާރަށް ވުރެ ވެސް ގިނަ ހިދުމަތްތަކެއް ފޮރުކޮށްދެވޭނެކަމުގެ ޔަގީންކަން، ޕްރިންސިޕަލަށް އެބަ އޮތެވެ. މާޒީއަކީ އޭގެ ހެއްކެކެވެ.
ސްކޫލްގެ ރީތި ގެލެރީއަށް ވަނުމުން ކިޔައިދެނީ އެ ވާހަކަ އެވެ. މިއަދު 40 އަހަރު ފުރޭ ސްކޫލް، ކުޑަކުޑަ އަވަށު މަދަރުސާއަކުން، މެދުމިނުގެ ސްކޫލަކުން މިހާރު ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފެންވަރު ރަނގަޅު އެއް ސްކޫލަށް އެ ވަނީ ތަރައްގީވެފަ އެވެ.
"އަޅުގަނޑު މިންކުރަނީ އަހުމަދިއްޔާއަކީ ރާއްޖޭގެ އެންމެ މޮޅު ސްކޫލް ކަމަށް،" ރަޝީދު ވިދާޅުވި އެވެ.
މިއަދަށް، އަހަރީ ދުވަހަށް، ޕްރިންސިޕަލްގެ އެ ވާހަކައިން ފުދެ އެވެ.
ކޮމެންޓް (2)
އިބްރާހިމް
މާލެ މީހާ