ތަހުމީން، ފޮޅޭމާ/ގއ. ކޮނޑޭ.

މޭ 6ގެ ހަމަލާ

ނަޝީދަށް ދިން ހަމަލާ: ބޭރުކޮށްލި ތަހުމީންގެ ދިފާއީ ހެކި ބަލައިގަނެވޭނެ ކަމަށް ހައި ކޯޓުން ނިންމައިފި

ތަހުމީންގެ ފަރާތުން ދިފާއުގައި ހުށަހެޅި ހަ ހެކިވެރިންގެ ތެރެއިން ދަށު ކޯޓުން ބަލައިނުގަންނަން ނިންމީ ދެ ހެކިވެރިންގެ ހެކިބަސް؛ އެ ނިންމުން ހައި ކޯޓުން ވާނީ ބާތިލުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާކޮށްފައިވާ ތަހުމީން އަހުމަދަށް ހެކި ހުށަހަޅަން ދިން އިތުރު ފުރުސަތުގައި ހުށަހެޅި ހެކިވެރިންގެ ތެރެއިން ބައެއް ދިފާއީ ހެކި ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން އިއްޔެ ބާތިލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ތަހުމީން، ފޮޅޭމާ/ގއ. ކޮނޑޭގެ މައްޗަށް ތިން ދައުވާއެއްް ކުރެ އެވެ. އެއީ:

  • ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ 

  • ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ 

  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ

ތަހުމީންގެ ފަރާތުން ހެކި ހުށަހެޅީ މުއްދަތު ހަމަވި ފަހުން ކަމަށް ވުމުން، ކްރިމިނަލް ކޯޓުގައި އޭރު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން އެ ހެކިތައް ބަލައިގެންފައެއް ނުވެ އެވެ.

އެކަމަކު މައްސަލައިން ދިފާއުވާން ތަހުމީނަށް ހެކި ހުށަނޭޅުނީ ވަކީލުގެ އިހުމާލުން ކަމަށް ވާތީ، މިދިޔަ 10 މެއިގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ގާޒީ ސަފްވަތު ހަބީބު ވަނީ ހެކި ހުށަހަޅަން ތަހުމީންއަށް ފުރުސަތު ދެއްވާފަ އެވެ.

މި ފުރުސަތުގައި ތަހުމީންގެ ފަރާތުން ދިފާއުގައި ހަ ހެކިވެރިން ހުށަހެޅި އެވެ. ކްރިމިނަލް ކޯޓުން ނިންމީ، މި ހެކިވެރިންގެ ތެރެއިން، ހަމަލާ ދިން ވަގުތު އެ ތަނުގައި ތަހުމީން ނެތްކަން ސާބިތުކުރަން ހުށަހެޅި ދެ ހެކިވެރިއެއްގެ ހެކިބަސް ބަލައިނުގަތުމަށެވެ. އެއީ:

  • ޝައްމޫން ރަޝީދު، މ. މިރިޔާޒް/ކ. މާލެ

  • މުހައްމަދު ޒޫމަލް ޒަރީރު، ހުޅުމާލެ ފްލެޓު 5637

  • ކްރިމިނަލް ކޯޓުން އެ ގޮތަށް ނިންމީ ތަހުގީގު މަރުހަލާގައި އެ ދިފާއު ނުނަގާ އޮތުމުން

  • ދަށު ކޯޓުގެ މި ނިންމުން ތަހުމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި

ތަފްސީލް - ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، އެ ދެ ހެކިވެރިންގެ ހެކިބަސް ބަލައި ނުގަނެވޭނެ ތަނެއް ނެތްކަން އިއްޔެ ކަނޑައަޅާފައިވަނީ މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައި ކޯޓުން އިއްވި ހުކުމުގައި ބުނީ:

  • ތަހުގީގު މަރުހަލާގައި އެ ދިފާއު ނެގިދާނެކަން ތަހުމީންއަށް އެނގިފައިވާ ކަމަކަށް ނުބެލެވޭ

  • ދައުވާ އުފުލުމުގެ ކުރިން އެފަދަ މައުލޫމާތެއް ލިބިފައިވޭތޯ ބަލާއިރު، ތަހުގީގީ ސުވާލުތަކަށް ފަހު ދައުވާ ފޯމު ލިބުުމުގެ ކުރިން ދައުވާއާ ގުޅިގެން އެއްވެސް މައުލޫމާތެއް ތަހުމީނަށް ލިބިފައި ނުވާކަން އެނގޭ

  • ދައުވާ އުފުލުމަށް ފަހު، ފަސް ދުވަހުގެ ތެރޭގައި ލިއުންތައް ތަހުމީންއަށް ލިބި އެ މުއްދަތުގައި ދިފާއު ހުށަހެޅެން އޮތް ނަމަވެސް، ދިފާއު ހުށަހެޅުން ލަސްވީ ތަހުމީންގެ އިހުމާލަކުން ނޫން

  • އެހެންކަމުން، އެ ލަސްވުމަކީ ތަހުމީންއަށް ދިފާއު ހުށަހެޅުމުގެ ހައްގު މަހުރޫމް ކުރެވޭނެ ސަބަބަކަށް ވެގެން ނުވާނެ 

މައްސަލައިގެ ހުލާސާ

ނަޝީދު އަވަހާރާކޮށްލަން 6 މޭ 2021 ދުވަހުގެ ރޭ ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދު ކުށަށް އިއުތިރާފްވެ، ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން އޭނާ ވަނީ 23 އަހަރަށް ޖަލަށް ލައިފަ އެވެ.

އެ މައްސަލާގައި ދެން ހިމެނޭ އެހެން މީހުންގެ މައްސަލަތައް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. އެގޮތުން، ކޯޓުގައި ޝަރީއަތް ކުރިއަށް ދަނީ:

  • ތަހުމީން އަހުމަދު - ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ

  • މުޖާޒު އަހުމަދު، މއ. ފޭރުގެ/ކ. މާލެ - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ

  • އަލީ ހައިޝަމް، ނޫރީގެ/ނ. މަނަދޫ - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • އިސްހާގު، މއ. ކުދެހިގެ/މާލެ - ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • ފަހުމީ އަލީ، ހުދުރުވާގެ/ގއ. ވިލިނގިލި - ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • މުހައްމަދު ނާޒިމް، އަސަރީގެ/އއ. މާޅޮސް - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް