ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ ލިބޭ ފަރާތްތައް ކްރިމިނަލް ކޯޓުގައި ވަކީލުންނާ އެކު.

މޭ 6ގެ ހަމަލާ

ނަޝީދަށް ދިން ހަމަލާ: ކުރިން ބަލައިނުގަތް ހެކި ހުށަހަޅަން ތަހުމީނަށް ފުރުސަތު ދީފި

ހެކިބަސް ނަގަން ފަށަން މިއަދަށް ތާވަލުކުރި ޝަރީއަތް މި މަހުގެ 23އަށް ވަނީ ފަސްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާކޮށްފައިވާ ތަހުމީން އަހުމަދުއަށް ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް މިއަދު ކްރިމިނަލް ކޯޓުން ދީފި އެވެ. އެއާ އެކު، ހެކިބަސް ނަގަން ފަށަން މިއަދަށް ތާވަލުކުރި ޝަރީއަތް މި މަހުގެ 23އަށް ވަނީ ފަސްކޮށްފަ އެވެ.

ވީ ކިހިނެއް؟ - ތަހުމީން، ފޮޅޭމާ/ގއ. ކޮނޑޭގެ މައްޗަށް ތިން ދައުވާއެއްް ކުރެ އެވެ. އެއީ:

  • ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ 

  • ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ 

  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ

ދައުވާތަކަށް އިންކާރުކޮށްފައިވާތީ ހެކި ހުށަހަޅަން ދިން މުއްދަތުގައި ތަހުމީންގެ ފަރާތުން ހެކި ހުށަހެޅީ މުއްދަތު ހަމަވި ފަހުން ކަމަށް ވުމުން އޭރު ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން އެ ހެކިތައް ބަލައިގެންފައެއް ނުވެ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން މައްސަލަ ބަލާ ބެންޗު ބަދަލުވެ، މިހާރު އެ މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ ސަފްވަތު ހަބީބު އެކަންޏެވެ.

މި މައްސަލައިގެ ޝަރީއަތް ފަށަން މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މި މައްސަލާގައި ހިމެނޭ އެންމެންގެ އިފްތިތާހީ ބަޔާން ހުށަހަޅައި ނިންމާފައި ވާއިރު، ޝަރީއަތް އަންނަ އޮގަސްޓު މަހަށް ނިންމަން ގަސްތުުކުރައްވާކަން ގާޒީ ސަފްވަތު އެ ދުވަހު ހާމަކުރެއްވި އެވެ.

ތަފްސީލް - މިއަދު ތާވަލުކޮށްފައި އޮތީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. އެކަމަކު މިއަދުގެ އަޑުއެހުން ފައްޓަވަމުން ސަފްއަތު ވިދާޅުވީ، ތަހުމީންގެ ކުރީގެ ވަކީލު އިސްމާއިލް މުހައްމަދުގެ ސިޓީއެއް ކޯޓަށް ލިބިފައިވާ ކަމަށެވެ. އެ ސިޓީގައިި ވަކީލު އިސްމާއިލް އެދިވަޑައިގެންފައިވަނީ، ގާޒީ ވިދާޅުވި ގޮތުގައިމ މައްސަލައިން ދިފާއުވާން ތަހުމީނަށް ހެކި ހުށަނޭޅުނީ ވަކީލުގެ އިހުމާލުން ކަމަށް ވުމުން، އެ ފުރުސަތު ތަހުމީނަށް ދެއްވުމަށެވެ.

ނަމަވެސް، ގާޒީ ފުރަތަމަ ވިދާޅުވީ، ހެކި ހުށަހެޅީ މުއްދަތު ހަަމަވެފައި އޮތުމުން ކަމަށް ވުމުން، ހެކި ހުށަހެޅުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ކުރީގެ ބެންޗުން ނިންމާފައިވާ އެ ނިންމުމަކީ އޭނާގެ ވެސް ވިސްނުން ކަމަށެވެ. 

ސަފްއަތު ވިދާޅުވީ:

  • ހެކި ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެ

  • އެކަން ކުރެވޭނެ ގާނޫނީ ހަމައެއް ނެތް

  • ވަކީލު ބަދަލުވާ ކޮންމެ ފަހަރަކު ކުރީގެ ވަކީލުން ހަދާފައިވާ ގޯސްތައް ރަނގަޅު ކުރަން ފުރުސަތު ދިނުމަކީ ހައްލެއް ނޫން

ނަމަވެސް، ތަހުމީނު މިހާރު އައްޔަންކޮށްފައިވާ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، ތަހުމީނަށް ލިބިފައިވާ ދިފާއުވުމުގެ ހައްގު ކުރީގެ ވަކީލުގެ އިހުމާލުން ގެއްލިގެން ދިއުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ ލިބޭ ތަހްމީން އަދި އޭނާގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި.

ހަމްޒާ ފާޅުކުރެއްވި ކަންބޮޑުވުންތަކާއި އިއުތިރާޒުތަކުގެ ސަބަބުން ސަފްއަތު ނިންމެވީ ދައުލަތުގެ އިއުތިރާޒެއް އެ ކަމުގައި ނެތް ނަމަ އެ ފުރުސަތު ދެއްވުމަށެވެ. އަދި ކުރީގެ ވަކީލުގެ ސިޓީއަށް ރިއާޔަތްކުރައްވައި ދައުލަތުން ދެކޭ ގޮތް ހޯދުމަށް 10 މިނިޓުގެ ވަގުތުކޮޅެއް ދައުލަތަށް ދެއްވި އެވެ. 

އެއަށް ފަހު، ދައުލަތުން ބުނީ، ހުށަހަޅާ ހެކިތަކަކީ އާ ހެއްކަކަށް ނުވާ ނަމަ ކުރީގެ ހެކިތައް އަލުން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އިއުތިރާޒު ނުކުރާ ކަމަށެވެ.

އެހެންވެ، ޝަރީއަތުން މިއަދު ނިންމީ އެ ފުރުސަތު ތަހުމީނަށް ދިނުމަށެވެ.

އެ ފުރުސަތު ދެމުން ޝަރީއަތުން ފާހަގަކުރީ:

  • ދިފާއީ ހެކި ހުށަހެޅުމަކީ ދައުވާތަކުން ދިފާއުވުމަށް ލިބިގެންދާ ހަމައެކަނި ފުރުސަތު

  • ހެކި ހުށަނޭޅި އޮތީ ދައުވާ ރައްދުވާ ފަރާތުގެ އިހުމާލުގެ ސަބަބަކުން ނޫން؛ އެއީ ވަކީލުގެ އިހުމާލެއްކަން ޔަގީންކުރެވިފައިވޭ

  • މީގެ ކުރިން އިބްތިދާއީ މަރުހަލާގައި ތަހުމީންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތައް ބަލައިގަންނަން ކަނޑައަޅާފައިވޭ

ތަހުމީނުގެ ފަރާތުން ހުށަހަޅާ ހެކިތަކުގެ ތެރެއިން ވަކި ހެއްކެއް ބަލައިނުގަތުމަށް ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ދައުލަތުން މިއަދު އެދުނެވެ.

ގާޒީ ނިންމެވީ:

  • އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 2ގެ ކުރިން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ދައުލަތަށް ފުރުސަތު ދެއްވުމަށް 

  • އެ ހުށަހެޅުންތަކަށް ޖަވާބުދާރީވާން ތިން ދުވަހުގެ ފުރުސަތެއް ތަހުމީނަށް ދެއްވި

މި ހުށަހެޅުންތަކާ މެދު ދެ ފަރާތުން ވާހަކަދައްކައި ގޮތެއް ނިންމަން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ތަހުމީންގެ ބައި އެކަނި ކުރިއަށް ގެންދާ ގޮތަށް ވަކި އަޑުއެހުމެއް ބާއްވަން ގާޒީ ނިންމެވި އެވެ. އެހެންވެ، ހެކިބަސް ނަގަން މިއަދު ބާއްވަން އުޅުނު އަޑުއެހުން މި މަހުގެ 23 ވަނަ ދުވަހަށް ފަސްކުރިކަން ގާޒީ އިއުލާންކުރެއްވި އެވެ.

މައްސަލައިގެ ހުލާސާ

ނަޝީދު އަވަހާރާކޮށްލަން 6 މޭ 2021 ވަނަ ދުވަހުގެ ރޭ ދިން މި ހަމާލާގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދު ކުށަށް އިއުތިރާފްވެ، ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން އޭނާ ވަނީ 23 އަހަރަށް ޖަލަށްލައިފަ އެވެ.

އެ މައްސަލާގައި ދެން ހިމެނޭ އެހެން މީހުންގެ މައްސަލަތައް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. އެގޮތުން، ކޯޓުގައި ޝަރީއަތް ކުރިއަށް ދަނީ:

  • ތަހުމީން އަހުމަދު - ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ

  • މުޖާޒު އަހުމަދު، މއ. ފޭރުގެ/ކ. މާލެ - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ

  • އަލީ ހައިޝަމް، ނޫރީގެ/ނ. މަނަދޫ - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • އިސްހާގު، މއ. ކުދެހިގެ/މާލެ - ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • ފަހުމީ އަލީ، ހުދުރުވާގެ/ގއ. ވިލިނގިލި - ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • މުހައްމަދު ނާޒިމް، އަސަރީގެ/އއ. މާޅޮސް - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް