ތަހުމީން: އޭނާގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަންގާރަދުވަހު
ނަޝީދަށް ދިން ހަމަލާ: ތަހުމީނުގެ ދިފާއުގައި ހަ ހެކިވެރިއެއް، އެކެއްގެ ހެކިބަސް ބަލައި ނުގަންނަން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާކޮށްފައިވާ ތަހުމީން އަހުމަދަށް ހެކި ހުށަހަޅަން ދިން އިތުރު ފުރުސަތުގައި ހުށަހެޅި ހެކިވެރިންގެ ތެރެއިން އެކެއްގެ ހެކިބަސް ބަލައި ނުގަންނަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ތަހުމީން، ފޮޅޭމާ/ގއ. ކޮނޑޭގެ މައްޗަށް ތިން ދައުވާއެއްް ކުރެ އެވެ. އެއީ:
-
ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ
-
ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ
-
ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ
ހެކި ހުށަހަޅަން ދިން މުއްދަތުގައި ތަހުމީންގެ ފަރާތުން ހެކި ހުށަހެޅީ މުއްދަތު ހަމަވި ފަހުން ކަމަށް ވުމުން އޭރު ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން އެ ހެކިތައް ބަލައިގެންފައެއް ނުވެ އެވެ.
އެކަމަކު މައްސަލައިން ދިފާއުވާން ތަހުމީނަށް ހެކި ހުށަނޭޅުނީ ވަކީލުގެ އިހުމާލުން ކަމުން މި މަހުގެ 10ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ގާޒީ ސަފްވަތު ހަބީބު އޮތީ ހެކި ހުށަހަޅަން ތަހުމީންއަށް ފުރުސަތު ދީފަ އެވެ.
ތަފްސީލް - މިއަދުގެ އަޑުއެހުން ބޭއްވީ ތަހުމީންގެ ހެކިވެރިންނާ މެދު ދައުލަތުން ހުށަހަޅާ ހުށަހެޅުންތަކާ މެދު ވާހަކަދައްކާ ގޮތެއް ނިންމާށެވެ. ތަހުމީންގެ ފަރާތުން ދިފާއުގައި ހަ ހެކިވެރިން ހުށަހެޅި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ އޭނާ އެ ތަނުގައި ނެތްކަން ސާބިތުކުރަން ހުށަހެޅި ދެ ހެކިވެރިއެއްގެ ހެކިބަސް ބަލައިނުގަތުމަށެވެ. އެގޮތުން ދައުލަތުން ހެކިބަސް ބަލައި ނުގަތުމަށް އެދުނީ:
-
ޝައްމޫން ރަޝީދު، މ. މިރިޔާޒް
-
މުހައްމަދު ޒޫމަލް ޒަރީރު، ހުޅުމާލެ ފްލެޓު 5637
-
ދައުލަތުން ބުނީ އެއީ ޖިނާއީ އިޖުރާއަތު ގާނޫނުން ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ހުށަހަޅާފައިވާ ހެކިވެރިން ކަމަށް
ބުނީ ކީކޭ؟ ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ ސަފްއަތު ނިންމެވީ ދިފާއުން އިއުތިރާޒުކުރި ދެ ހެކިވެރިންގެ ތެރެއިން ޒޫމަލް ބަލައިނުގަތުމަށެވެ.
ދައުލަތުން އިއުތިރާޒުކޮށްފައިވާ ދެވަނަ ހެކިވެރިޔާ ޝައްމޫންގެ ހެކިބަސް އެއް ކަމެއް ސާބިތުކުރަން ބަލައި ގަންނަން ނިންމެވި އެވެ.
ސަފްއަތު ވިދާޅުވީ:
-
ތަހުމީންގެ ފަރާތުން ޝައްމޫން ހުށަހެޅީ ދެ ކަމެއް ސާބިތުކުރަން ކަމަށް
-
އެއީ ތަނުގައި ނެތްކަން ސާބިތުކުރަން
-
ތަހުމީންގެ އަތުގައި ސައިކަލެއް ނުހުންނަ ކަމާއި، އަމިއްލަ ސައިކަލެއް ނުގެންގުޅޭ ކަމާއި، ތަހުމީން އަކީ މާލީ ހާލަތު ދަށް މީހެއްކަން ސާބިތުކުރަން
-
ދައުލަތުން ހުށަހެޅީ ތަނުގައި ނެތްކަން ސާބިތުކުރަން ޝައްމޫންގެ ހެކިބަސް ބަލައި ނުގަންނަން
-
އެެހެންކަމުން ޝައްމޫންގެ ހެކިބަސް ބަލައި ނުގަންނާނީ ތަނުގައި ނެތްކަން ސާބިިތުކުރަން؛ ދެވަނަ ސަބަބު ސާބިތުކުރަން ޝައްމޫންގެ ހެކިބަސް ބަލައި ގަންނާނެ
އެނގުން މުހިންމު - ދެން މި މައްސަލާގައި އޮންނާނީ ދައުވާ ލިބޭ ހުރިހާ ފަރާތްތަކާ އެކު ބާއްވާ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. މި އަޑުއެހުން އޮންނާނީ އަންގާރަދުވަހު އެވެ.
މައްސަލައިގެ ހުލާސާ
ނަޝީދު އަވަހާރާކޮށްލަން 6 މޭ 2021 ދުވަހުގެ ރޭ ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދު ކުށަށް އިއުތިރާފްވެ، ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން އޭނާ ވަނީ 23 އަހަރަށް ޖަލަށް ލައިފަ އެވެ.
އެ މައްސަލާގައި ދެން ހިމެނޭ އެހެން މީހުންގެ މައްސަލަތައް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. އެގޮތުން، ކޯޓުގައި ޝަރީއަތް ކުރިއަށް ދަނީ:
-
ތަހުމީން އަހުމަދު - ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ
-
މުޖާޒު އަހުމަދު، މއ. ފޭރުގެ/ކ. މާލެ - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ
-
އަލީ ހައިޝަމް، ނޫރީގެ/ނ. މަނަދޫ - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
އިސްހާގު، މއ. ކުދެހިގެ/މާލެ - ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
ފަހުމީ އަލީ، ހުދުރުވާގެ/ގއ. ވިލިނގިލި - ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
މުހައްމަދު ނާޒިމް، އަސަރީގެ/އއ. މާޅޮސް - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ