ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރަސްމީކޮށް ރިޔާސި ޓިކެޓް އެރުވުން (ދައުރު ފޮޓޯ/ހުސައިން ސުނައިން)
އަޅުގަނޑުގެ ވެރިކަމެއްގައި 100 މިލިއަނަރުން އުފައްދާނަން: ގާސިމް
ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައި ފުރަތަމަ ފަސް އަހަރު ދުވަހުގެ ތެރޭ 100 މިލިއަނަރުން އުފައްދަވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ރޭ ވައުދުވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ރޭ ރަސްމީކޮށް ގާސިމަށް ވަނީ އަރުވައިފަ އެވެ. ޓިކެޓާ ހަވާލުވުމަށް ފަހު، ގާސިމް ވަނީ އޭނާ ގައުމަށްޓަކައި ކުރައްވާ ތަސައްވަރާއި ވެރިކަން ލިބިއްޖެ ނަމަ، ކުރައްވާނެ ކަންކަމުގެ މެނިފެސްޓޯއެއް އާންމު ކުރައްވައިފަ އެވެ.
ތަފްސީލު - ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ވެރިކަމަށް އައުމަށް އޭނާ އެކުލަވާލި މެނިފެސްޓޯގައި ގައުމުގައި މިހާރު ހުރި މައްސަލަތަކުގެ ހައްލުތައް ހުންނާނެ ކަމަށެވެ. އަދި ހާސްކަން ފިލުވާލައި، ހަމަޖެހުން ގާއިމުކުރުމަށް އިންގިލާބީ ބަދަލުތައް އެ މެނިފެސްޓޯގައި ހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަރާރިތައް ތަރައްގީ ކުރުމަށް 3 ބިލިއަން ރުފިޔާ ހޭދަކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި މަދުވެގެން 500 ސްމޯލް ބިސްނަސް ލީޑަރުން އުފައްދާނަން،" ރާއްޖޭގައި އެތައް ވައްތަރެއްގެ ވިޔަފާރިއެއް ކުރަވާ ގާސިމް ވިދާޅުވި އެވެ.
"[އަދި] ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި 100 މިލިއަނަރުން އުފައްދާނަން."
ރާއްޖޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވި ގޮތުގައި އިގްތިސާދީ ގޮތުން ރާއްޖެ އޮތީ ނާޒުކު ފައްތަރެއްގަ އެވެ. މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ފާޑުވިދާޅުވެ، 'ދަރަނި މިހާރު އޮތީ، ލޮލުކޮޅަށް ނުފެނަ ހިސާބަށް ގޮސް އޮބާލާފައި' ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ދަރަނިތައް ކުޑަކޮށް، އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯއްދަވާނެ ކަމަށެވެ. އެގޮތުން:
-
ފުރަތަމަ ތިން އަހަރުގެ ތެރޭ ދައުލަތުގެ ދަރަނި، ޖީޑީޕީގެ %120 އިން %90 އަށް ތިރިކޮށް، ދައުލަތުގެ ހަރަދު ޖީޑީޕީގެ %35ގައި ހިފަހަޓާނަން؛ ދައުލަތުގެ އާމްދަނީ ޖީޑީޕީގެ %30 އަށް މަތިކުރާނަން
-
ސަރައްހަދީ ތަރައްގީ ގެނައުމަށް ހަތް ސަރަހައްދަކަށް ބަހާލައި، އުތުރާއި ދެކުނުގައި އިގްތިސާދީ ހަބްތަކުގެ ގޮތުގައި ދެ މަންޒިލެއް ގާއިމް ކުރާނަން
އެ މެނިފެސްޓޯއިން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ތިބި ރައްޔިތުންގެ ހާސްކަން ވެސް ފިލުވާލާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން:
-
ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދުވެގެން 20،000 ހައުސިން ޔުނިޓް އަޅާނަން
-
އަމާޒަކީ 30،000 ހައުސިން ޔުނިޓް އެޅުން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ފޭސް 2ގައި އިމާރާތް ކުރި ހިޔާ ފްލެޓްގެ މައްސަލަތައް ފުރަތަމަ 100 ދުވަސްތެރޭ ހައްލު ކުރުމަށް ވެސް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ.
އެ ގޮތުން:
-
ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކާރަނަން
-
ކަރަންޓް ދިނުމަށް ބެކަޕް ޖެނެރޭޓަރު ބަހައްޓާނަން
-
ހިޔާ ނެއިބާހުޑް ޕާކް ތަރައްގީ ކުރާނަން
ގާސިމް އެދިވަޑައިގެންވީ، މިފަހަރު އޭނާއަށް ވެރިކަން ދެއްވުމަށެވެ. މީގެ ކުރިން ސިޔާސީ އެހެން ފިކުރުތައް ޓެސްޓު ކުރެއްވިޖެ ކަމަށާއި އެކަމުން ކުރެވުނީ ހިތި އަދި ނިކަމެތި ތަޖުރިބާތަކެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.
-
އިތުރަށް ކިޔާލަން: އެހެން ފިކުރުތައް ޓެސްޓް ކޮށްފި، މިފަހަރު އަޅުގަނޑަށް ފުރުސަތު ދެއްވާ
ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ ބައެއް އެހެން ކަންކަން:
-
ފޯޅަވައްސާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުން ބަދަލު ކުރަން ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރުން
-
އިސްލާމް ދީނުގެ ސައްހަ އަގީދާ އަށެގަންނުވައި އެ ނޫން ދީނަކަށް ފުރުސަތު ނުދިނުން
-
ހާރިޖީ ސިޔާސަތު ވަކި ގައުމެއްގެ ކޮޅަށް ނުޖެހުން
-
ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމްއެއް އެޅުން
-
މަސް ފިނިކުރުމުގެ ނިޒާމާއި ރާޑަރު ގާއިމް ކުރުމަށް ފުރަތަމަ ދެ އަހަރު ތެރޭ ލުއި ލޯނު ހަމަޖައްސައިދިނުން
-
ގޭބީސީތަކަށް އިންޓަނެޓަކީ އަސާސީ ހިދުމަތަކަށް ހަދައި ކޮންމެ ގޭބީސީއަކަށް ދަށްވެގެން 5 އެމްބީޕީއެސްގެ ސްޕީޑް ފޯރުކޮށްދިނުން
-
އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000 ރުފިޔާއަށް ބޮޑު ކުރުން
-
އަރަބިއްޔާ ސްކޫލް އާއި އެ ސްކޫލްގެ ބެލެވެރިންގެ ކަންބޮޑުވުންތަކަށް ފުރަތަމަ ދުވަހުން ފެށިގެން ހައްލުކުރުމަށް އިސްކަން ދިނުން
-
އާސަންދައަކީ ސިޔާސީ މީހުން ކައިރީ ގޮސް ސަލާން ޖަހަން ނުޖެހޭ، އިންސާފުވެރި ކޮރަޕްޝަން ނެތް ނިޒާމަކަށް ހެދުން
-
ޓްރާސްޝިޕްމަންޓް ޕޯޓު ހަގީގަތަކަށް ހެދުން
-
ރާއްޖޭގެ އަމިއްލަ ކްރިޑިޓް ކާޑް އުފައްދައި އިންވެސްޓްމަން ބޭންކް އާއި އޮފްޝޯ ބޭންކްގެ ހިދުމަތް ގާއިމްކުރާނަން؛ ޑިޖިޓަލް ކަރަންސީ ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލާނަން
ކޮމެންޓް (3)
މަލޭ
އިބިރަހިމާ
ހަހަހަހަހ`