ކުނި އުކާލުމުގެ ފީ ސްޓެލްކޯ ކަރަންޓު ބިލުގައި ހިމެނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ކުނީގެ މައްސަލަ

ދެން ފޮނުވާ ކަރަންޓު ބިލެއްގައި ކުނީގެ ފީ ހިމެނޭނެ

ކުންޏަށް ފީ ނަގާނީ 34އަށް ވުރެ ގިނަ ކަރަންޓް ޔުނިޓް ބޭނުންކުރާ ގޭބިސީތަކުން އެކަނި

ސްޓެލްކޯ އިން ދެން ފޮނުވާ ކަރަންޓު ބިލުގައި ކުނި އުކާލުމުގެ ފީ ހިމެނޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ވެެމްކޯ އިން މާލެ ސަރަހައްދުގައި ކުނި އުކައިދޭ ހިދުމަތަށް ގިނަ ގޭބިސީތަކުން ފައިސާ ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީން ނިންމީ، ކުނި އުކާލުމުގެ ފީ ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމެނުމަށެވެ.

މި ކަމަށް ވާން ޖެހޭ ތައްޔާރީތައް ނިންމައި ވެމްކޯ އާއި ސްޓެލްކޯއާ ދެމެދު މިއަދު ވަނީ ބިލު އެއްކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި:

  • އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް 

  • ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު

ތަފްސީލް - މި އެއްބަސްވުމުގެ ދަށުން، ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތަށް ކުރާ ބިލުގައި، އެ ބިލުގެ މުއްދަތަށް ކުނީގެ ފީ ވެސް ހިމަނާނެ އެވެ.

  • މިސާލަކަށް ކަރަންޓު ބިލުގެ މުއްދަތަކީ 25 ދުވަސް ނަމަ، ކުނި ފީ ވެސް ހިމެނޭނީ 25 ދުވަހަށް

  • ކުންޏަށް ފީ ނަގާނީ 34އަށް ވުރެ ގިނަ ކަރަންޓް ޔުނިޓް ބޭނުންކުރާ ގޭބިސީތަކުން

މިއަދުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ، ކުނި އުކާލުމުގެ ފީ ސްޓެލްކޯގެ ކަރަންޓު ބިލާ އެއްކޮށްލުމުން އެ ކަމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތަކަށް ކޮންމެ ބިލަކުން 2.5ރ. ސްޓެލްކޯއަށް ނަގާނެ ކަމަށެވެ.

ކުނި އުކާލުމުގެ ފީ ސްޓެލްކޯ ކަރަންޓު ބިލުގައި ހިމެނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ޝަރީފް (ވ) ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އެނގުން މުހިއްމު - ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމުގެ ގަވައިދުގެ ދަށުން ދޭން ފަށާ މި ހިދުމަތާ އެކު އަމަލުކުރަން ޖެހޭ ގަވައިދު ވެސް މިއަދު ވަނީ ގެޒެޓުކޮށްފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން އާންމުކޮށްފައިވާ އެ ގަވައިދު ބުނާ ގޮތުން:

  • ބިލު ކުރާ މުއްދަތުގެ ކުރިން ދީފައިވާ އެއްވެސް ހިދުމަތެއްގެ އަގު އެ ބިލުގެ މުއްދަތުގައި ފޮނުވާ ބިލުގައި ހިމަނައިގެން ނުވާނެ 

  • ސްޓެލްކޯގެ ބިލާއި ވެމްކޯގެ ބިލު އެއްކޮށްލުމުގެ ކުރިން ކުނި އުކާލުމުގެ ހިދުމަތަށް ފައިސާ ނުދައްކައިގެން ކޮށްފައިވާ އެއްވެސް ޖޫރިމަނާއެއް މި އެއްބަސްވުމުގެ ދަށުން ހަދާ އެއްވެސް ބިލެއްގައި ހިމަނައިގެން ނުވާނެ

ފާހަގަ ކުރެވޭ ކަމެއް - ދެ ބިލު އެއްކޮށްލައިގެން ފީ ނަގަން ފެށުމުން ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ކަމަށް ސަރުކާރުން ދެކެ އެވެ. އެގޮތުން، ސަރުކާރުން ބުނާ ގޮތުގައި:

  • ވެމްކޯގެ ފީ ދައްކަން އުފުލަން ޖެހޭ ތަކުލީފުތައް ނިމުމަކަށް އައުން

  • ވެމްކޯގައި އިތުރަށް ރަޖިސްޓްރީ ވާން ނުޖެހުން

  • ކުރީ އެޕާޓުމަންޓުގެ ބިލު މިހާރުގެ ބިލުން އުނި ނުކުރެވިގެން އުޅޭކަށް ނުޖެހޭނެ

  • ގެ ބަދަލުވިޔަސް އަލުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ

  • ގޭގެ ވެރިފަރާތުގެ ސިޓީއެއް ހޯދާކަށް ނުޖެހޭނެ

  • ފީ ނަގާނީ މީހުން ދިރިއުޅޭ ތަންތަނުގައި ލާފައި ހުރި މީޓަރުތަކަށް އެކަނި

  • ވެމްކޯގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރަން މަގުފަހިވެ، މާލެތެރެ ސާފުތާހިރުކޮށް ބޭއްވޭނެ

  • ކުނި އުކާލުމުގެ ހިދުމަތަށް ދައްކަން ޖެހެނީ ކުރިން ވެސް ދައްކަމުން އައި 150ރ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް