ގަލޮޅު ސްކޫލް

ގަލޮޅު ސްކޫލް

ގަލޮޅު ސްކޫލުގެ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑުކޮށް، ސީސީޓީވީ ކެމެރާ ހަރުކޮށްފި

އެ ސްކޫލުގެ ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މިއަދު މާލޭގައި އެއްވުމެއް ބާއްވަން ވަނީ ނިންމާފައި
30 އޮކްޓޯބަރު 2021

ގަލޮޅު ޕްރީސްކޫލްގެ ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ސްކޫލުގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޕްރީ ސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަންފެށީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި މައްސަލަ ތަހުގީގުކޮށް ނިމެންދެން ތުހުމަތުކުރެވޭ މުވައްޒަފު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ތަފްސީލް - ގަލޮޅު ސްކޫލުގެ ކުއްޖަކަށް ޖިންސީ ގޯނާކުރީ އެކުއްޖާ ފާހާނާއަށް ގެންދިޔަ މަސައްކަތު މީހެއް ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް އަނިޔާ ލިބުނު ކުއްޖާގެ އާއިލާއާ ހަވާލާދީ ދުވަހު ނޫސް "މިހާރު" ގައި ބުނީ، އެކުއްޖާ ފާހާނާއަށް ގެންދަން ހަވާލުކުރި މީހަކު ހަނދާން ނެތް ކަމަށް ކްލާސް ޓީޗަރު ބުނި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ގަލޮޅު ސްކޫލުގެ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކުއްޖާއަށް ގޯނާކުރި މީހާ ޓީޗަރަށް ބުނެދޭން ނޭނގޭނަމަ، އެ މުވައްޒަފު އަދިވެސް ވަޒީފާގައި ހުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، ބެލެނިވެރިން ވަނީ ކުދިން ސްކޫލަށް ފޮނުވަން ޖެހިލުންވާ ކަމަށް ވެސް ބުނެފަ އެވެ.

ގަލޮޅު ސްކޫލުގެ ބަސް - އެ މައްސަލާގައި އެ ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސްކޫލުގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން އިއްޔެ ވަޒީފާއިން އެކަހެރިކޮށްފައިވާ ކަމަށެވެ.

"ފާހާނާކުރުމަށް ދާ ދަރިވަރުން ފާހާނާއަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުންނެވެ. ފާހާނާ ކުރުމަށް ފަހު އެހީތެރިކަން ބޭނުންވާ ދަރިވަރަކުވާ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ބެލެނިވެރިޔާއަށް އެންގޭނެއެވެ." ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިހާރު އެ ސްކޫލުގެ 18 ޕޮއިންޓެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި - ޕްރީސްކޫލެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަމުން އަންނަ އިރު، އަމީނިއްޔާ ސްކޫލުގެ ދަރިވަރަކަށް ޓީޗަރަކު ޖިންސީ ފުރައްސާރަކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލާގައި ތުހުމަތުވާ ޓީޗަރު މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.  

އެނގުން މުހިންމު - ސްކޫލުތަކުގައި ކުދިންނަށް ޖިންސީ ގޯނާ އަދި ފުރައްސާރަކުރާ މައްސަލައާ ގުޅިގެން 'ރައިޒް އަޕް' މޫވްމަންޓާއި ބެލެނިވެރިން ގުޅިގެން މިއަދު ރަސްފަންނު ސަރަހައްދުގައި އެއްވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް