ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)
ނަޝީދު ދެކެނީ ޒެނީޝާގެ މައްޗަށް ދައުވާކުރުން ރަނގަޅު ނޫން ކަމަށް
ޒެނީޝާ ޝަހީދު ޒަކީގެ ޖެންޑާ މިނިސްޓަރު ކަމުގައި ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ކުދިންތަކަކާ މެދު އިހުމާލުވެފައިވާ ކަމަށް ބުނެ، އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލަ އަނބުރާ ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - 2017ގައި، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަތަކެއް ބެލުމަށް ފަހު އެޗްއާރުސީއެމް އިން ވަނީ ޒެނީޝާ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ހިމެނޭ ގޮތުން 30 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދިފަ އެވެ.
އެ މައްސަލައިގައި ޕީޖީން އަދި ގޮތެއް ނުނިންމަ އެވެ.
ބުނީ ކީކޭ؟- ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރަށް ހުންނެވި ޒެނީޝާގެ މައްޗަށް ދައުވާ ކުރާކަށް ނަޝީދަކަށް ފެނިވަޑައެއް ނުގަންނަވަ އެވެ. އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒެނީޝާގެ މައްޗަށް ދައުވާ ކުރުމުގެ ސަބަބުން ދިވެހި މުޖުތަމައަށް އިތުރު ރަނގަޅެއް ލިބޭނެ ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެެވެ.
"ދައުވާ އަނބުރާ ގެންދިޔުމަކީ ބުއްދިވެރި ގޮތެއްކަމުގައި އަޅުގަނޑު ދެކެން." ނަޝީދު ވިދާޅުވި އެވެ.
ތުހުމަތުތައް ޒެނީޝާގެ އިންކާރު - ޒެނީޝާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މައްސަލަ ފޮނުވާފައިވާއިރު އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ.
އޭނާ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއްވެސް ޖިނާއީ ކުށެއް ކޮށްފައި ނުވާނެ ކަމަށާއި އެފަދަ އަމަލެއް ކުރުމަށް އެހީތެރިވެ، ބައިވެރިވެފައި ވެސް ނުވާނެ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ހިންގި ތަހުގީގަށް ޒެނީޝާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ:
-
އޭނާއާ މެދު ތުހުމަތު ކުރާ މައްސަލައަކީ ޒާތީ ތައައްސުބުން އުފަންކުރި މައްސަލައެއް
-
މުޅި މައްސަލަ ބިނާކޮށްފައިވަނީ ސައްހަ ނޫން އަސާސްތަކެއްގެ މައްޗަށް
-
ތަހުގީގު ހިންގީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން
-
ތަހުގީގު ހިންގީ އެ ކަމަށް އޮންނަ ހަމަތަކާ ކަނޑައެޅިގެން ހިލާފަށް
އެނގުން މުހިންމު - މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލަ ވެސް ވަނީ އެތަނުން ބޭރުކޮށްލާފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހިންގި ތަހުގީގަކުން، މާލޭ ސިޓީ ކައުންސިލުން ލޮނު ޒިޔާރަތް ޕާކު ތަރައްގީ ކުރުމުގެ ތެރޭގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ފާހަގަކުރި ނަމަވެސް ޕީޖީއިން ނިންމީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.
ނަޝީދު ވެސް ވަނީ އެ މައްސަލައިގައި ޝިފާގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.