ނަޝީދުގެ 'ފިކުރެއްގެ ދިރުން ފެކްޝަން'ގެ ފަރާތުން ގާސިމްއާ ބައްދަލުކުރެއްވުން

ގާސިމް، ނަޝީދު ފެކްޝަންގެ އާ ބައްދަލުވުމެއް

މި ބައްދަލުވުން ބާއްވާފައި މިވަނީ ދެ ފަރާތުން ބައްދަލުވުމެއް ނުބާއްވާތާ ދުވަސްގަނޑަކަށް ފަހު

ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރަން ނިންމާފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަންގެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާ ބައްދަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެންމެ ފަހުން އެ ދެފަރާތުން ބައްދަލުވުންތައް ބޭއްވިތާ ދުވަސްގަނޑަކަށް ފަހު، މި ބައްދަލުވުން ބާއްވާފައި ވަނީ، ގާސިމްގެ ސަން އައިލެންޑް ރިސޯޓު ނުވަތަ މިހާރުގެ ނަމުން ނަމަ، 'ވިލާ ޕާކް' ރިސޯޓުގަ އެވެ.

ތަފްސީލު - ގާސިމްގެ އެޑްވައިޒަރު އަދި ކުރީގެ ދަނގެތި ދާއިރާ މެންބަރު އަހްމަދު އިލްހާމް މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ބައްދަލުވުމަކީ، ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކުގެ އިތުރު ތަފްސީލު މީޑިއާއާ ހިއްސާ ކުރުމަށް ނިންމާފައި ނުވާތީ، އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ގާސިމްއާ އެކު އިލްހާމް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި އެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ދެން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ:

  • ގާސިމްގެ އެޑްވައިޒަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު

  • ގާސިމްގެ އެޑްވައިޒަރު އަދި ވިލިފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދު

ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަންގެ ފަރާތުން ގާސިމްއާއެކު ބޭއްވި ބައްދަލުވުން

ނަޝީދުގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ:

  • މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

  • ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިހާބް

  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

  • އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު

ފާހަގަކޮށްލެވޭ ކަމެއް - އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދު ފެކްޝަން އާއި ޖުމްހުރީ ޕާޓީން އެކުގައި މަސައްކަތް ކުރަމުން އަންނަ އިރު، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާއި ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ބައެއް އިސްލާހުތަކާ ގުޅޭ ގޮތުން ނަޝީދުގެ ފަރާތުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ. ނަމަވެސް މިހާތަނަށް އެ ހުށަހެޅުންތަކަށް ގޮތެއް ނިމުނުކަން ދެ ފަރާތުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

26 ފެބްރުއަރީ 2023 - ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ރައީސް ނަޝީދާއި ގާސިމް އިބްރާހިމް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ނަޝީދުގެ ފަރާތުން ޖޭޕީއަށް ހުށަހެޅި ކަރުދާހުގައި މައިގަނޑު އަށް ދާއިރާއަކަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފައިވެ އެވެ. އެގޮތުން:

  • ރައީސްގެ ބާރުތަކާއި ބޮޑުވަޒީރުގެ މަގާމު އުފައްދަން ހިމަނާފައިވޭ

  • ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައީސް؛ ވަޒީރުންގެ މަޖިލީހުގެ މަގާމުތައް ފިޔަވައި ސަރުކާރު ހިންގުމަށް ބޭނުންވާ އޮފީސްތަކާއި އިދާރާތަކަށް ބޭނުންވާ ސިޔާސީ މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން އައްޔަން ކުރާނީ ރައީސްގެ މަޝްވަރާގެ މަތިން ބޮޑުވަޒީރު

  • ބޮޑު ވަޒީރުގެ މައިގަނޑު ޒިންމާއަކީ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ އެންމެ އިސް ފަރާތުގެ ގޮތުން ކުރާން ޖެހޭ ކަންކަން ކުރުން

  • ވަޒީރުންގެ މަޖިލިސް އެކުލަވާލަން ޖެހެނީ، މަޖިލިސް މެންބަރުންގެ ތެރެއިން؛ އެކަމަކު ރައީސް އައްޔަން ކުރާ މެންބަރުން ވަޒީރުންގެ މަޖިލީހުގެ %40އަށް ވުރެ އިތުރު ނުވާނެ ގޮތަށް އައްޔަން ކުރުމަށް ހުރަހެއް ނެތް

މި ހުށަހެޅުންތަކުގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:

  • މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައެޅުމާއި ދާއިރާތައް ބެހޭނެ ގޮތް ކަނޑައެޅުން

  • ނޭޝަނަލް ލިސްޓުން މަޖިލީހަށް އައްޔަން ކުރެވޭނެ ޖުމްލަ އަދަދާއި ކޮންމެ ޕާޓީއަކަށް ލިބޭނެ ގޮނޑީގެ އަދަދު ބަޔާންކުރުން

  • ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން

  • ސަރުކާރުގެ ކުންފުނިތައް އުފެއްދޭނީ ގާނޫނެއްގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބަޔާން ކުރުން

މިކަންކަން ކުރުމަށް ޓަކައި ޓައިމްލައިނެއް ވެސް މި ހުށަހެޅުންތަކުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން:

  • ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ/ ނުފެންނަ ވޯޓެއް ނެގުން؛ އެ ވޯޓު ނަގާނީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބަށް ފަހު، 17 ނޮވެމްބަރު 2023ގެ ކުރިން

  • އެ ވޯޓުގައި ބަރުލަމާނީއަކަށް ބަދަލު ކުރަން ރައްޔިތުން ރުހޭ ނަމަ، ދެން އަންނަ އަހަރު މަޖިލިސް އިންތިހާބު ބާއްވާނީ އެ ބަދަލުތަކާ އެކު

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ހަސަން

6 މޭ 2023
ކިތަންމެ ވަރަކަށް ބައްދަލު ކުރިޔަސް މިހާރު ސޭޓަށް އިނގޭ އަންނި ކުޅެން އުޅުނު ކުޅިވަރު
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް