ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)
ޕްރީސްކޫލެއްގައި ޖިންސީގޯނާ ކުރި މައްސަލައިގެ ތަހުގީގު އަވަސްކޮށްދޭން ބެލެނިވެރިން ގޮވާލައިފި
މާލޭގައި ހިންގާ ޕްރީސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ނޭނގޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ތަހުގީގު އަވަސްކޮށްދިނުމަށް ބެލެނިވެރިން ގޮވާލައިފި އެވެ.
މައްސަލައިގެ ފެށުން - ޕްރީ ސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަންފެށީ މި މަހުގެ 16ގަ އެވެ. މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި މައްސަލަ ތަހުގީގުކޮށް ނިމެންދެން ތުހުމަތުކުރެވޭ މުވައްޒަފު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ދަރިން ސްކޫލަށް ފޮނުވުމަށް މައިންބަފައިންގެ ހިތުގައި ނުތަނަވަސްކަން އުފެދި ކުދިންގެ އުނގެނުމަށް ބުރު އެރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދެކެމެވެ."
ބެލެނިވެރިންގެ ބަސް - ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލާ "ރައިޒް އަޕް އެމްވީ" އާއި ބެލެނިވެރިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ސްކޫލުގެ މާހައުލުން މުދައްރިސުންނާއި ސްކޫލްގެ އެހެން އެއްވެސް މުވައްޒަފެއްގެ ފަރާތުން ދަރިވަރަކަށް ޖިންސީ އަނިޔާއާ ކުރިމަތިލާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ ކުދިންނަށް މިނިވަންކަމާ އެކު އުނގެނުމަށް ލިބިފައިވާ ހައްގަށް ބުރުއަރައި ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން މިހާރު ފެންމަތިވެފައިވާ މައްސަލައިގެ އަވަސް ތަހުގީގެއް ކޮށް، ފިޔަވަޅުއެޅުމަށް ބެލެނިވެރިން ވަނީ ގޮވާލައިފަ އެވެ. ބެލެނިވެރިން ވަނީ ތަހުގީގު މަރުހަލާ ލަސްވެ، ފިޔަވަޅު އެޅުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން މައްސަލަ ކުރިއަށްދާ ގޮތުގެ ތަފްސީލު ހާމަނުކުރުމުގެ ކަންބޮޑުވުން ވެސް ބެލެނިވެރިން ފާޅުކުރި އެވެ.
"މިކަމުގެ ސަބަބުން ދަރިން ސްކޫލަށް ފޮނުވުމަށް މައިންބަފައިންގެ ހިތުގައި ނުތަނަވަސްކަން އުފެދި ކުދިންގެ އުނގެނުމަށް ބުރު އެރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދެކެމެވެ." ބަޔާނުގައިވެ އެވެ.
އެހެންކަމުން ބެލެނިވެރިންގެ ފަރާތުން، 'ރައިޒްއަޕް' އިން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ކަންތައްތަކެއް ހުށަހަޅައިފަ އެވެ. އެއީ؛
-
މައްސަލައާ ގުޅިގެން ހިނގަމުންދާ ތަހުގީގު ގޮސްފައިވާ ހިސާބު ހާމަކުރުން
-
ޖިންސީގޯނާގެ މައްސަލަ ހިނގާފައިވާ ސްކޫލްގައި އެހެން އެއްވެސް ކުއްޖަކު ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވޭތޯ ބަލާ ފުރިހަމަ ތަހުގީގެއް ކުރުމަށް
-
އިތުރު ހާދިސާއެއް ސްކޫލެއްގައި ނުހިނގާނެ ގޮތަށް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް ހާމަކުރުން
-
ސުކޫލުގެ މާހައުލަކީ ކުދިންނަށް ރައްކާތެރި މާހައުލެއްކަން ޔަގީންކުރުމަށް ސްކޫލްތަކުގައި ”ސޭފްޓީ އޯޑިޓް“އެއް ކުރިއަށްގެންގޮސް ކުދިންނަށް ނުރައްކަލެއް ހެން ހީވާ ކޮންމެ ކަމެއް ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް އެޅި ފިޔަވަޅުތައް ހާމަކުރުން
-
ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަމުން ގެންދޭތޯ ބަލައި މޮނީޓާ ކުރުމަށް ހާއްސަ އޮފިޝަލުން ކަނޑައެޅުން
ތަފްސީލް - އޭގެ އިތުރުން ސްކޫލުތަކުގެ ބެލެނިވެރިން އެޑިއުކޭޝަން، ޖެންޑާ އަދި ފުލުހުންނާ ބައްދަލުކުރަން ބޭނުންވެއްޖެ ނަމަ، ބެލެނިވެރިންގެ ކަންބޮޑުވުން ފާޅުކުރުމަށް ފުރުސަތު ދިނުމަށާއި ބެލެނިވެރިންގެ ހިޔާލާއެކު ސިސްޓަމަށް އިސްލާހީ ބަދަލުގެންނަން ވެސް އެދިފައިވެ އެވެ.
ބެލެނިވެރިންގެ ފަރާތުން ބުނީ މިފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އަޅާއިރު މައްސަލައާ ގުޅުންހުރި މީހުން ވަގުތީ ގޮތުން މަގާމުން އެކަހެރި ކުރުމުގެ ބަދަލުގައި، އެމީހުންނަށް ކުދިންނާ އެކު މަސައްކަތް ކުރަންޖެހޭ އެއްވެސް ވަޒީފާއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ގަބޫލު ކުރާކަމަށެވެ.
އެހެންކަމުން ސްކޫލްތަކަށް މުވައްޒަފުން ނެގުމުގައި އެމީހުންގެ ބެކްގްރައުންޑް ރަނގަޅަށް ބަލައި ހޯދާފައި ވަޒީފާ ދިނުމަށް ބެލެނިވެރިން ވަނީ ގޮވާލައިފަ އެވެ.
"މި ކަމަކީ ކުޑަކުދިންނާއި ގުޅުންހުރި ސީރިއަސް މައްސަލައެއްކަމުގައި ވާއިރު، ކުޑަކުދިންގެ ހައްގުތަކާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަވާލުވެ ތިއްބެވި މުއައްސަސާތަކުން މިކަމާއި މެދު އިހުމާލުވަމުން ދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ބަޔާނުގައިވެ އެވެ.
އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް އަންނަނީ ބަލަމުންނެވެ. މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ގުޅުންހުރި - ޕްރީސްކޫލެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަމުން އަންނަ އިރު، އަމީނިއްޔާ ސްކޫލުގެ ދަރިވަރަކަށް ޓީޗަރަކު ޖިންސީ ފުރައްސާރަކުރި މައްސަލައެއް ވެސް އިއްޔެ ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލާގައި ތުހުމަތުވާ ޓީޗަރު މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އިތުރަށް ކިޔާލަން -