ގުރައިދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރެއްވި އިބްރާހީމް ޝާޒުގެ ކެމްޕެއިން ހަރަކާތެއްގައި އޭނާއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ކެމްޕެއިން ޓީމް

ގުރައިދޫ ދާއިރާގެ ރައްޔިތުން ސަރުކާރާ އެކު ތިބިކަން ހާމަވެއްޖެ: ރައީސް

މި ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ކާމިޔާބުވުމަކީ ޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއް ކަމަށް ރައީސް ވެސް ވިދާޅުވި
15 އޭޕްރީލު 2023

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ހޯދި ކާމިޔާބީން ދައްކައިދެނީ އެ ދާއިރާގެ ރައްޔިތުން ސަރުކާރާ އެކު ތިބިކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ބައި-އިލެކްޝަންގައި، ޕީޕީއެމްގެ ހުސައިން ރިޒާ އާދަމް އަދި އެމްއެންޕީގެ އަލީ އަރީފްއާ ވާދަކުރައްވައި އެމްޑީޕީގެ އިބްރާހީމް ޝާޒު ވަނީ ކާމިޔާބު ހޯއްދަވާފަ އެވެ. އެއާ އެކު، އިދިކޮޅު ޕީޕީއެމުން ޒަމާނުއްސުރެ ކޮންޓްރޯލް ކުރަމުން އައި، އެ ޕާޓީގެ ތާއީދު ބޮޑު ދާއިރާއެއް ފުރަތަމަ ފަހަރަށް ވަނީ އެމްޑީޕީއަށް ފުރޮޅިފަ އެވެ.

ބުނީ ކީކޭ؟ - "މި އިންތިހާބުން ހާމަވެގެން މި ދިޔައީ ސަރުކާރާ އެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން. ފުރަތަމަ ފަހަރަށް މި ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމަކީ ޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއް،" ޝާޒުއަށް މަރުހަބާ ވިދާޅުވެ މިރޭ ކުރެއްވި ޓުވީޓެއްގައި، އެމްޑީޕީގެ ޓިކެޓުގައި ދެ ވަނަ ދައުރެއް ހޯއްދަވަން ނުކުންނަވާފައިވާ ރައީސް ސޯލިހް ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ރައީސް ސޯލިހާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް މި ލިބުނު ކާމިޔާބީ، ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި ލީޑަޝިޕުން ވެސް ސިފަކުރަނީ ތާރީހީ، ބޮޑު ކާމިޔާބެއްގެ ގޮތުގަ އެވެ. އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، މިއީ ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ކާމިޔާބީއެކެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ

  • އިބްރާހީމް ޝާޒު (އެމްޑީޕީ) - 1،346

  • ހުސައިން ރިޒާ އާދަމް (ޕީޕީއެމް) - 1،226

  • އަލީ އަރީފް (އެމްއެންޕީ) - 122

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އިންތިހާބުގައި 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ 2،755 މީހުން ނުވަތަ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %80.4 އެވެ.

ގުރައިދޫ ބައި-އިލެކްޝަންގެ ވޯޓު ގުނުމުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ފަސް މަންޒަރު - ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ، މިދިޔަ ތިން ދައުރު އެ ދާއިރާގެ މެމްބަރުކަން ކުރެއްވި ޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހިމް ރިޒާ، ކެންސަރު ބައްޔަަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެ.

ޕީޕީއެމުން ކުރިމަތިލެއްވީ އިބްރާހިމް ރިޒާގެ ކޮއްކޮ، ހުސައިން ރިޒާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް