ގުރައިދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރެއްވި އިބްރާހީމް ޝާޒުގެ ކެމްޕެއިން ހަރަކާތެއްގައި އޭނާއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ކެމްޕެއިން ޓީމް

'އެމްޑީޕީއަށް މި ލިބުނީ ތާރީހީ ކާމިޔާބެއް؛ ރިޔާސީ އިންތިހާބަށް އާ އުންމީދެއް'

އެމްޑީޕީގެ އިސް ބޭފުޅުން ސިފަކުރައްވާ ގޮތުގައި، މިއީ ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ކާމިޔާބީއެއް
15 އޭޕްރީލު 2023

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ކ. އަތޮޅުގެ ގޮނޑިއެއް މީގެ ކުރިން ދުވަހަކު ވެސް ލިބިފައެއް ނެތެވެ. ނަމަވެސް، މިއަދު ބޭއްވި ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެކަން މި ވަނީ ބަދަލުވެފަ އެވެ. މި ވީހާ ތަނުގައި އިދިކޮޅު ޕީޕީއެމްއިން ކޮންޓްރޯލް ކުރަމުން އައި ގުރައިދޫ ދާއިރާ އެމްޑީޕީއަށް ވަނީ ފުރޮޅިފަ އެވެ.

ދެ ފެކްޝަނެއް އުފެދި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް މި ލިބުނު ކާމިޔާބީ، ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި ލީޑަޝިޕުން ސިފަކުރަނީ ތާރީހީ، ބޮޑު ކާމިޔާބެއްގެ ގޮތުގަ އެވެ.

"އެމްޑީޕީގެ ތާރީހުގައި ވެސް ނުލިބޭ ގޮނޑިއެއް، އެތެރޭގެ ގޮންޖެހުންތަކާ އެކު ވެސް މި ކާމިޔާބުކުރެވެނީ،" ގުރައިދޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ޝާޒުގެ ކެމްޕޭން މެނޭޖަރު މުހައްމަދު ޖައިޝް އިބްރާހިމް މިރޭ 'ދައުރު'އަށް ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބަށް ކޯލިޝަނެއް ހެދުމާ މެދު ސުވާލު އުފެދިފައި އޮތް ދަނޑިވަޅެއްގައި، ޕާޓީ އެކައްޗެއްގެ ގޮތުގައި އޮވެ ކުރި މަސައްކަތުގެ ނަތީޖާ މިއީ."

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ޖައިޝް ވިދާޅުވި ގޮތުގައި، މި ނަތީޖާއިން ވެސް މި ހާމަވެގެންދަނީ، ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ތާއީދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް މިންވަރެވެ.

"ރައީސް ސޯލިހުގެ އިސްނެންގެވުމުގެ މަތިން މި ދާއިރާގައި ހިންގާ މަޝްރޫއުތަކާއި ރާވާފައި ހުރި ޕްރޮގްރާމްތަކަށް [ދާއިރާގެ ރައްޔިތުންގެ] އާނއެކޭ މި ބުނީ،" އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ފެންނަ މަރުހަބާގެ މެސެޖުތަކުން ވެސް، އާންމުން އަދި އެމްޑީޕީގެ އިސް ބޭފުޅުން ސިފަކޮށްފައިވަނީ މިއީ އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މި އިންތިހާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރި ހުރިހާ އެންމެންނަށް މަރުހަބާ ދަންނަވާފަ އެވެ.

"ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފުރަތަމަ ފަހަރަށް ކ. އަތޮޅަށް ނިސްބަތްވާ މަޖިލިސް ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވި ގުރައިދޫ ދާއިރާގެ އެންމެހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވި އެވެ.

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މި ނަތީޖާއާ އެކު ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ވެސް ވަރަށް ފަސޭހަކަމާ އެކު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.

"މި ވޯޓްގެ ނަތީޖާއަކީ މުޅި ރާއްޖެއިން ވެސް ރައީސް ސޯލިހު ބަލައިގެންފި ކަމުގެ އަލިގަދަ ހެއްކެއް،" މަރުހަބާގެ މެސެޖުގައި ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ތަރުޖަމާނު އަދި ފިނޭންސްގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ މިއީ ސަރުކާރުގެ ސިޔާސަތުތަކަށް އާންމުންގެ ތާއީދު އޮތް މިންވަރު ހާމަވެގެން ދިޔަ އިންތިހާބެއް ކަމަށެވެ.

"މި ކާމިޔާބީން ހާމަވާ ކަމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ ތާއީދު، އަދި އެމްޑީޕީ މިދާ މިސްރާބަށް މި ޕާޓީގެ މެމްބަރުންގެ އިތުބާރާ ތާއީދު،" އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ

ހުސައިން ރިޒާ އާދަމް (ޕީޕީއެމް):

  • މާލެ ފޮށި - 150 

  • މާފުށީ 1 ނަންބަރު ފޮށި - 226

  • މާފުށީ 2 ނަންބަރު ފޮށި - 179 

  • ގުރައިދޫ 1 ނަންބަރު ފޮށި - 219 

  • ގުރައިދޫ 2 ނަންބަރު ފޮށި - 210 

  • ގުޅީ ފޮށި - 242

  • ޖުމްލަ ވޯޓު: 1،226

އިބްރާހީމް ޝާޒު (އެމްޑީޕީ):

  • މާލެ ފޮށި - 162 

  • މާފުށީ 1 ނަންބަރު ފޮށި - 308

  • މާފުށީ 2 ނަންބަރު ފޮށި - 196 

  • ގުރައިދޫ 1 ނަންބަރު ފޮށި - 179 

  • ގުރައިދޫ 2 ނަންބަރު ފޮށި - 246 

  • ގުޅީ ފޮށި - 255

  • ޖުމްލަ ވޯޓު - 1،346

އަލީ އަރީފް (އެމްއެންޕީ):

  • މާލެ ފޮށި - 20 

  • މާފުށީ 1 ނަންބަރު ފޮށި - 27

  • މާފުށީ 2 ނަންބަރު ފޮށި - 24 

  • ގުރައިދޫ 1 ނަންބަރު ފޮށި - 21 

  • ގުރައިދޫ 2 ނަންބަރު ފޮށި - 14 

  • ގުޅީ ފޮށި - 16

  • ޖުމްލަ ވޯޓު - 122

އިތުރު އާޓިކަލް

އިތުރު އާޓިކަލް