ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު. (ފޮޓޯ/ ޝަރުހާން)
ނަޝީދަށް ވަކި ފެކްޝަނެއް ނެހެދޭނެ: ރައީސް
އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދަށް ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް ނެހެއްދެވޭނެ ކަމަށާއި މިހާރު އަމާޒަކަށް ވާންވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށް އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ނަޝީދަށް ލިބުނު ނާކާމިޔާބަށް ފަހު، ޕާޓީ ތެރޭގައި އޮތް ފެކްޝަނުގެ ކޯޅުން އިތުރަށް ބޮޑުވެ، ނަޝީދު ގެންދަވަނީ 'ފިކުރެއްގެ ދިރުން'ގެ ނަމުގައި ވަކިން ހަރަކާތްތައް ބާއްވަމުންނެވެ. ރައީސަށް ތާއީދުކުރުމަށް ވެސް ނަޝީދު ވަނީ ދެކޮޅު ހައްދަވާފަ އެވެ.
-
އިތުރަށް ކިޔާލަން - ނަޝީދު ވަކިން މާހެފުމެއް ބާއްވާތީ އެމްޑީޕީން ކަންބޮޑުވެއްޖެ
އިއްޔެ މުލިއާގޭ ބޭރުގައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހް ވަނީ، ޕްރައިމަރީއަށް ފަހު، އެ މަނިކުފާނުގެ ކުރީގެ ޒަމާންވީ ރަހުމަތްތެރިޔާ ނަޝީދު ވަކި ފެކްޝަނެއް ހައްދަވައިގެން އުޅުއްވާތީވެ، އެކަމާ ދެކޮޅަށް ފާޅުގައި ފުރަތަމަ ފަހަރަށް ވާހަަކަފުޅު ދައްކަވާފަ އެވެ.
ބުނީ ކީކޭ؟ - "އެ ކަމެއް ނުކުރެވޭނެ ނޫންތޯ؟ އެ ކަމެއް ނުކުރެވޭނެ،" ނަޝީދު ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރައްވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް ވިދާޅުވި އެވެ.
ޕްރައިމަރީގައި ނަޝީދުގެ މައްޗަށް ކާމިޔާބު ހޯއްދެވި ރައީސް ސޯލިހް ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި އަސާސްތަކެއް އެބަ އޮތް ކަމަށެވެ. އެންމެން ވެސް އަމަލު ކުރަން ޖެހެނީ އެ އުސޫލުތަކުގެ މައްޗަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިންތިހާބާ ގުޅޭ ގޮތުން ނަޝީދާ މަޝްވަރާކުރައްވާނަންތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ޕްރައިމަރީއަކުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު މިހާރު ކަނޑައަޅާފައިވާ ކަމަށާއި ޕާޓީ އޮންނަންވާނީ އެ ނިންމުމާ އެކު ކަމަށެވެ.
"އެ ގޮތަކަށް ނުނިންމޭނެ ޕާޓީ ތެރޭގައި. ޕާޓީގައި އެބަ އޮތް ނިންމުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ:
-
ޕްރައިމަރީއަށް ފަހު ނަޝީދާ މަޝްވަރާކުރައްވާފައެއް ނުވާނެ
-
އެމްޑީޕީގެ ތެރެއިން މިހާރު ކުރަން ޖެހޭނެ މަސައްކަތަކީ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން؛ އެ ނޫން ކަމެއް އިންތިހާބާ ގުޅޭ ގޮތުން ދެން ނޯންނާނެ
އެނގުން މުހިންމު - ޕްރައިމަރީގެ ނަތީޖާއަށް ފަހު، ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި، ރައީސް ސޯލިހް ރިޔާސީ ޓިކެޓް ހޯއްދެވީ ވަރަށް ބޮޑަށް އޮޅުވާލައިގެން ނުފޫޒާއި ބާރު ބޭނުންކޮށްގެން ކަމަށެވެ. އެ ގޮތުން، ޕާޓީގެ ދަފްތަރުން މެންބަރުން އުނިކުރި މައްސަލަ ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަމަވެސް، މި ތުހުމަތުތައް ރައީސް ސޯލިހްގެ ޓީމާއި އެމްޑީޕީން ވެސް ދޮގު ކުރެ އެވެ.
ޕްރައިމަރީގެ ނަތީޖާ ގަބޫލުކުރެއްވި ނަމަވެސް، ރައީސް ސޯލިހްގެ ފަހަތްޕުޅަށް އެރުއްވުމުގެ ބަދަލުގައި ނަޝީދު ގެންދަވަނީ އެ މަނިކުފާނުގެ 'ފިކުރެއްގެ ދިރުން' ހަރަކާތަށް 50،000 މެންބަރުން ހަމަކުރެއްވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ފަހުން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
-
އިތުރަށް ކިޔާލަން - ނަޝީދު ބަލި ގަބޫލުކުރިޔަސް ރައީސަށް ތާއީދެއް ނުކުރި
ގުޅުން ހުރި ކަމެއް - އެމްޑީޕީން ރައީސް ސޯލިހަށް މިދިޔަ މަހު ރަސްމީކޮށް ރިޔާސީ ޓިކެޓް އަރުވާފައި ވާއިރު، ޕްރައިމަރީ ބާތިލުކުުރުމަށް އެދި ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފައިވެ އެވެ.
-
އިތުރަށް ކިޔާލަން - އެމްޑީޕީން ބުނަނީ ޕްރައިމަރީގެ މައްސަލަ ނުބެލޭނެ ކަމަށް