މިިދިޔަ އޮގަސްޓް މަހު ބޭއްވި އެެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އިސް ދެ ލީޑަރުން. (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

ނަޝީދު ވަކިން މާހެފުމެއް ބާއްވާތީ އެމްޑީޕީން ކަންބޮޑުވެއްޖެ

އެމްޑީޕީން މިރޭ ރަސްމީކޮށް މާހެފުމެއް ބާއްވާއިރު، ހަމަ އެ ގަޑީގައި ނަޝީދު ފެކްޝަނުން ވެސް މާހެފުމެއް ބާއްވަން ވަނީ ނިންމާފައި

އެމްޑީޕީން މިރޭ ރަސްމީކޮށް މާހެފުމެއް ބާއްވަން ނިންމާފައި ވަނިކޮށް، ހަމަ އެ ގަޑީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވަކިން މާހެފުމެއް ބާއްވަން ނިންމާފައިވާތީވެ، އެ ޕާޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން މިިދިޔަ ބުރާސްފަތި ދުވަހު ވަނީ، މާލޭގައި މާހެފުން ބާއްވަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އޭގެ ފަހުން، ނަޝީދުގެ ފެކްޝަނުން ވެސް މިިދިޔަ ބުރާސްފަތި ދުވަހު ވަނީ މާހެފުމެއް ބާއްވާނެކަން އިއުލާންކޮށްފަ އެވެ. ދެ މާހެފުން ވެސް އޮތީ މިރޭ 8ގަ އެެވެ.

ތަފްސީލު - މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، ޕާޓީން ރަސްމީކޮށް މާހެފުމެއް ބާއްވަން އިއުލާންކޮށްފައި ވަނިކޮށް، ހަމަ އެ ގަޑިއާ ދިމާކޮށް ވަކިން މާހެފުމެއް ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޕާޓީން ރަސްމީކޮށް މި ހަރަކާތް ބޭއްވުމަށް މާ ކުރިން އޮތީ އިއުލާންކޮށްފައި. އެހެން އޮއްވައި އެހެން މާހެފުމެއް މި އިއުލާން ކުރީ. އެއީ އެންމެ ރީތި ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވަހީދު (ވ). (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

އިބްރާހިމް ވަހީދު ވިދާޅުވީ، ނަޝީދު ޕާޓީގެ އިސް މަގާމެއްގައި ހުންނަވައި މިފަދަ ކަމެއް ކުުރެއްވުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ޕާޓީގެ ރައީސް، ޕާޓީގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެއީ އެކަން ވާން ޖެހޭނެ ގޮތަކީ ވެސް،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދަށް ލިބުނު ނާކާމިޔާބީއަށް ފަހު، ޕާޓީގެ ތެރޭގައި އޮތް ދެ ފެކްޝަނުންގެ ކޯޅުން ވަނީ އިތުރަށް ބޮޑުވެފަ އެވެ. އެ މަނިކުފާނުގެ މައްޗަށް ކާމިޔާބީ ހޯއްދެވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތްޕުޅަށް އަރާވަޑައިގަތުމަށް ނަޝީދު ނިންމާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ މަނިކުފާނުގެ 'ފިކުރެއްގެ ދިރުން'އަށް 50،0000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް