ޖެނުއަރީ 28، 2023: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ގުނަން ފެށުން (ފޮޓޯ/އަބްދުﷲ އިޔާން)
އެމްޑީޕީން ބުނަނީ ޕްރައިމަރީގެ މައްސަލަ ނުބެލޭނެ ކަމަށް؛ ޖަވާބުދާރީވާން 10 ދުވަސް
މިިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ޕާޓީން ސިވިލް ކޯޓަށް ހުށަހަޅާފައި އޮތުމުން، އެ ކަމަށް ޖަވާބުދާރީވުމަށް މައްސަލަ ހުށަހެޅި ފަރާތަށް ކޯޓުން 10 ދުވަސް މިއަދު ދީފި އެވެ.
ވީ ކިހިނެއް؟ - ޖުމްލަ ތިން މީހަކު އެމްޑީޕީ ޕްރައިމަރީ ބާތިލުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަލީ އަމްޖަދު ކިޔާ މީހަކު ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 10:15ގައި ބޭއްވުމަށް ތާވަލް ކުރި އެވެ. ނަމަވެސް، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ހުށަހެޅުމުން، މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދާރީވުމަށް 10 ދުވަސް ދިނުމުގެ ގޮތުން މިއަދުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
ތަފްސީލު - އެމްޑިޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު މިއަދު 'ދައުރު'އަށް ވިދާޅުވީ، އަލީ އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށާއި އެހެންކަމުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ އިސްތިސާސެއް ނެތް ކަމަށެވެ.
"މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް ޕާޓީއަށް ވަނުމަށް ވަރަށް ކުރިން އަލީ އަމްޖަދު ވަނީ އެމްޑީޕީން ކެނޑިފައި. އެ ފަހުން ޕާޓީގެ މެންބަރެއް ނޫން އެއީ. އެހެންވެ، މި މައްސަލަ އޭނާއަށް ހުށަހޭޅެނެ ކަމަށް މި ޕާޓީން ގަބޫލެއް ނުކުރަން،" ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި އަނަސް ވިދާޅުވި އެވެ.
އެނގުން މުހިންމު - އެމްޑީޕީގެ ޕްރައިމަރީ ބާތިލުކުރަމަށް ހުށަހަޅާފައިވަނީ، އެ ޕާޓީގެ 39،000 މެންބަރުން ވަކިކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ، އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައި ނުވާތީ ކަމަށް ބުނެ އެވެ. އެހެންވެ، މި މައްސަލަ ބަލައި ނިމެންދެން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރަކަށް ވަނީ އެދިފަ އެވެ.
މި މައްސަލަ ސިވިލް ކޯޓަށް ބެލޭނެ: ދިޔާނާ
މި މައްސަލައިގައި ވަކާލާތުކުރައްވާ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، މައްސަލަ ރަޖިސްޓްރީ ކުރާތާ 10 ދުވަހުގެ ތެރޭގައި އެފަދަ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ގާނޫނުން ކޮންމެ ބަޔަކަށް ވެސް އޮންނާނެ އެވެ. އެ މުއްދަތުގެ ތެރޭގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ހުށަހެޅި ނަމަވެސް، އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިވާ އޮތްކަން އެނގެނީ މިއަދުގެ އަޑުއެހުމަށް ކޯޓަށް ވަޑައިގަތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުރާލާ އެ ބޭފުޅުން [އެމްޑީޕީ] ހުށަހަޅާފައި އޮތް ނަމަ، މިއަދު އަޅުގަނޑުމެންނަށް އެއަށް ޖަވާބުދާރީވެ، އަޑުއެހުން ކުރިއަށް ގެންދެވުނީސް،" މިއީ ޝަރީއަތް ލަސްކުރުމުގެ އުކުޅެއްގެ ގޮތުގައި ގަބޫލުކުރައްވާކަން ފާހަގަކުރައްވައި ދިޔާނާ ވިދާޅުވި އެވެ.
"ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ. [އެކަމަކު] އަޅުގަނޑު ގަބޫލުކުރަނީ ސިވިލް ކޯޓަށް ބެލޭނެ ކަމަށް."
އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި ދިޔާނާ ވިދާޅުވީ، ކޮންމެ ގޮތަކަށް ޕާޓީތަކުން އަމަލު ކުރިޔަސް ޕާޓީތައް ޖަވާބުދާރީ ކުރުމުގެ ސަގާފަތެއް މިހާތަނަށް ނެތް ކަމަށެވެ. މިހާތަނަށް ރާއްޖޭގައި އޮތީ ޕާޓީއަކުން ބޭނުން ކަމެއް، ބޭނުން ގޮތަކަށް ނިންމާ ފަދަ މާހައުލެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސިވިލް ކޯޓުގެ އިހްތިސާސް އޮތުން އެކަންޏެއް ނޫން އަޅުގަނޑު ގަބޫލުކުރަނީ، މިއީ ކޯޓުން މިކަން ރަނގަޅަށް ދިރާސާކޮށް، މީގެ އިފެކްޓިވް ފަރުވާއެއް ދެއްވަން ޖެހޭ ފަދަ ބޮޑެތި މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެން ނޫން ނަމަ، މި މައްސަލަ އަޅުގަނޑު ނުނަގާނަން،" ދިޔާނާ ވިދާޅުވި އެވެ.
އިންސާފުވެރި ޝަރީއަތެއް ބޭއްވިއްޖެ ނަމަ، ދިޔާނާ ގަބޫލު ކުރައްވާ ގޮތުގައި، މި މައްސަލަ ކާމިޔާބުވާނެ އެވެ. އަދި ދެ ފަރާތަށް މަސްލަހަތު ހުރި ގޮތަކީ، މިކަމުގައި ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމުން ކަމަށް ވީއިރު، އެއް ދުވަހުގެ ތެރޭގައި އަޑުއެހުންތައް ބޭއްވޭ ނަމަ، އެ ގޮތަށް ކޯޓުގައި އެދޭނެ ކަމަށް ދިޔާނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
ހަސަނު