މިދިޔަ މަހު ބޭއްވި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި މިނިސްޓަރު ހުސައިން ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ކޯލިޝަން އެއްބަސްވުން އޮތީ 5 އަހަރަށް؛ އިސްތިއުފާ ދޭކަށް އަދި ނުވިސްނަން: ޑރ. ހުސައިން
މި ސަރުކާރު ވެރިކަމަށް އައުމަށް ޕާޓީތަކާ އެކު ކޯލިޝަން އެއްބަސްވުން ހެދީ ފަސް އަހަރުދުވަހުގެ މުއްދަތަކަށް ކަމަށާއި މި ދަނޑިވަޅުގައި މަގާމުން އިސްތިއުފާ ދެއްވަން އަދި ނުވިސްނަވާ ކަމަށް، ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި ހުސައިން 'ދައުރު'އަށް ދެއްވި އިންޓަވިއެއްގައި އެހެން ވިދާޅުވީ، ޖޭޕީން އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން އެ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ބައެއް ފަރާތްތަކުން ގޮވާލަމުން ދާތީ އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑު ގަބޫލުކުރަނީ، އެގްރިމަންޓް ހެދީ ފަސް އަހަރަށް. އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ސަބަބުން [ނުވަތަ] ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ސަބަބުން އިސްތިއުފާ ދޭން ޖެހޭ ކަމަށް އަޅުގަނޑުގެ އަމިއްލަ ޒަމީރު ގަބޫލެއްނުކުރޭ،" ހުސައިން ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑު މި މަގާމުގައި ހުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއަށް އުދަނގޫފުޅުވަންޏާ، ރައީސް ބޭނުންފުޅުވަނީ އަޅުގަނޑު އިސްތިއުފާ ދޭން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ނަމަ، އަޅުގަނޑު އިސްތިއުފާ ދޭނަން."
ހުސައިން ފާހަގަކުރެއްވި ގޮތުގައި:
-
މި ފަސް އަހަރުގެ ތެރޭގައި ބޭއްވި މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެސް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވާދަކުރީ ވަކިން
-
އޭރު ވެސް ކޯލިޝަން ރޫޅާލަން ޖެހޭ ކަމަށް މެންބަރުން ވަކާލާތެއް ނުކުރައްވާ
-
އެހެންވެ، ޖޭޕީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމަކީ މިހާރު އޮތް ކޯލިޝަން ދައުރު ނިމުމުގެ ކުރިން ރޫޅާލަން ނުވަތަ ރޫޅެން ޖެހޭ ސަބަބެއް ނޫން
އެނގުން މުހިންމު - ޖޭޕީގެ ނިންމުމާ ގުޅިގެން އެ ޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވާ އަހްމަދު ސަމީރު ވަނީ ސަރުކާރުގެ މަގާމުން އިސްތިއުފާ ނުދެއްވައި ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވާފަ އެވެ.
ނަމަވެސް، ޕާޓީން ވަކިވުމުގެ ވިސްނުމެއް މިނިސްޓަރު ހުސައިންގެ ނެތެވެ.
ގުޅުން ހުރި ކަމެއް - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ފަހުން ޕީޕީއެމްއަށް ބަދަލުވެވަޑައިގަތެވެ. އޭގެ ތެރޭގައި:
-
އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
-
އޭރުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
ޖޭޕީގެ ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، މި ގޮތަށް އެ ޕާޓީގެ މެންބަރުން ބޮޑެތި ޕާޓީތަކަށް ބަދަލުވުމަކީ ޖޭޕީ ފަދަ ޕާޓީތައް ކުރިއެރުމަށް އެޅޭނެ ހުރަހެކެވެ.
އެނގުން މުހިންމު - ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް ވެސް ވަނީ، ސިޔާސީ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ މެންބަރުން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ ދިފާއުގައި ވާހަކަދައްކަވާފަ އެވެ. އަދި އެ މެންބަރުން މަގާމުން އިސްތިފާ ނުދެއްވުމަށް ވެސް އޭނާ އެދިވަޑައިގެންފައިވެ އެވެ.
ގާސިމް ވިދާޅުވީ، ޖޭޕީގެ ނިންމުމާ އެކު ކޯލިޝަން ރޫޅެން ޖެހޭ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.
ފަސް މަންޒަރު - މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނެފައި ވަނީ، ދެ ރިޔާސީ ކެންޑިޑޭޓުން ސަރުކާރުގައި ތިއްބަވައިގެން ކުރިއަށް ދާން އުދަނގޫވާނެ ކަމަށެވެ. އަދި އިތުރަށް ކުރިއަށްދާނެ ގޮތަކާ ގުޅޭ ގޮތުން ޖޭޕީގެ ލީޑާޝިޕާ އެކު ރައީސް މަޝްވަރާކުރައްވާނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
ކޮމެންޓް (1)
ހުސެން