ޖުމްހޫރީ ޕާޓީގެ ގައުމީ ކޮްންފަރެންސްގައި ސަމީރު ވާހަކަ ދައްކަވަނީ ފޮޓޯ/ ޖޭޕީ)

ޖުމްހޫރީ ޕާޓީ

ޖޭޕީން ރިޔާސީ ރޭހަށް ނުކުތުމާ އެކު ސަމީރު ޕާޓީން ވަކިވާން ނިންމައިފި

ގާސިމް ވެރިކަމަށް ވަޑައިގަތުމަށް އޭނާގެ "ހިތް އެދުނަސް"، ސިޔާސީ މަސްރަހުގައި ކަންތައްތައް ހިނގާ ގޮތުން އެއީ ވުން ދުރު ކަމެއް ކަމަށް ސަމީރު ވިދާޅުވި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ން މިއަދު ނިންމުމާ އެކު، އެ ޕާޓީން ވަކިވުމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަހުމަދު ސަމީރު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި:

  • ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ ތެރެއިން 48 ބޭފުޅުންގެ ވޯޓުން ފާސްކުރީ ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް 

  • އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި ބޭފުޅަކީ ސަމީރު

ތަފްސީލު - ޖޭޕީން އެ ނިންމުން ނިންމުމާ އެކު، ކައުންުސިލް ބައްދަލުވުމުގެ ތެރެއިން ސަމީރު ވަނީ ޕާޓީން އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާން ކުރައްވާފަ އެވެ. އެ ގޮތަށް ނިންމެވީ، އޭނާ ކައުންސިލް ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި:

  • އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން އޭނާ މާ ކުރިން ނިންމަވާފައި އޮތުމުން 

  • އެހެންވެ، ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުރުމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ

"އަޅުގަނޑުގެ ޒަމީރު ގަބޫލުކުރަނީ އަޅުގަނޑު މި ހިސާބުން މިކަން ކަމާ ގުޅިގެން މި ޕާޓީން ރިޒައިން ކުރުމަށް. އެހެންވީމަ، ވަރަށް އިހުތިރާމާ އެކު ޕާޓީގެ ލީޑަރުގެ އަރިހުން އެދެނީ މިކަން ގަބޫލުކުރައްވައި އަޅުގަނޑަށް އެ ފުރުސަތު ދެއްވުން،" އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ވެސް ހަ އަހަރު ވަންދެން ކުރިން ފުުރުއްވި ސަމީރު ވިދާޅުވި އެވެ.

ރައީސް ސޯލިހް، ސަމީރަށް މަގާމުގެ ފަތްކޮޅު އަރުވަނީ: އޭނާ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ވަޑައިގެންނެވީ ޖޭޕީގެ ސްލޮޓެއްގައި. (ފޮޓޯ/ ރައީސް އޮފީސް)

ޖުމްހޫރީ ޕާޓީ 2008ގައި އުފެއްދި އިރު އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަމީރު ވިދާޅުވީ، މިހާތަނަށް އައިއިރު އޭނާ އެންމެ ގިނަ ހިދުމަތެއް ކުރެއްވި ޕާޓީ އަކީ ޖޭޕީ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ، ﷲގެ ރަހުމަތްފުޅާ އެކު ތިޔަ އެންމެ ބޭފުޅުން ހެޔޮ ނިޔަތުގައި، ހެޔޮ މަގުގައި މަސައްކަތްކުރައްވާނެ ކަމަށް. މި ޕާޓީއަށާއި މި ޕާޓީގެ ލީޑަރަށް ކާމިޔާބަށް އެދެމުން މި ޕާޓީއާ ވަކިވާ ވާހަކަ ހިތާމައާ އެކު ދަންވަން،" މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުކަން ވެސް ކުރިން ކުރެއްވި ސަމީރު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑު ވަރަށް ލޯބިވާ ޕާޓީއެއް އަދި މި ޕާޓީގެ ލީޑަރަކީ ވެސް. އެހެން ނަމަވެސް، ތިޔަ އެންމެ ބޭފުޅުންގެ މަސައްކަތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް [ގާސިމް] ގެނައުމަށް މަސައްކަތް ކޮށްދެއްވާށޭ. އަޅުގަނޑު ވެސް އެދެން މަނިކުފާނު ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް އައުމަށް."

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކައުންސިލަށް ލަފާ ދޭން އެ ޕާޓީގެ ގައުމީ ކޮންފްރަންސްގައި ސަމީރު ވޯޓު ދެއްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެނގުން މުހިންމު - ޖުމްހުރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ކައުންސިލުން ނިންމި އިރު، މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސް އިން ވެސް ވަނީ އެ ގޮތަށް ކައުންސިލަށް ލަފާ ދިނުމަށް ފާސްކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ވެސް އެ ނިންމުމާ ދެކޮޅަށް ވާހަކަދެއްކެވި ހަމައެކަނި ބޭފުޅަކީ ސަމީރެވެ. ނަމަވެސް، އެ ނިންމުން ފާސްވީ ސަމީރުގެ ވޯޓާ ވެސް އެކު އެވެ.

'ރައީސް ސޯލިހް އަންގާ ގޮތަކަށް މި ހުރީ ކުރިއަށް ދާން'

ކައުންސިލް ބައްދަލުވުމަށް ފަހު، ސަމީރުގެ ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން އޭނާ 'ދައުރު'އަށް ވިދާޅުވީ އަދި މި ވަގުތު އިތުރު ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ހުރިހާ ވެސް އަމާޒެއް ހުރީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި އެމްޑީޕީއާ ގުޅިވަޑައިގަންނަވާނަންތޯ ސުވާލު ކުރުމުން ސަމީރު ވިދާޅުވީ ރައީސް ސޯލިހް އޭނާއަށް މަޝްވަރާ ދެއްވާ ގޮތަށް އަމަލުކުރައްވާނެ ކަމަށެވެ.

"ޕާޓީއަކަށް ނިސްބަތްވުމަކީ އެ މަނިކުފާނާ އެކު [ރައީސް ސޯލިހާ އެކު] މަސައްކަތްކުރުމަށް ހުރަހެއް ނޫން އަޅުގަނޑު ދެކެނީ... ނަމަވެސް، އަޅުގަނޑު ހުންނަންވީ މިސްރާބު ރައީސް ނިންމެވީމަ އެ ގޮތުގައި ހުންނާނަން. އަޅުގަނޑު މި ހުރީ އަޅުގަނޑުގެ ވައުދު މަތީ ރައީސް ސޯލިހާ އެކު،" މީގެ ކުރިން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ސަމީރު ވިދާޅުވި އެވެ.

ސަމީރު އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު، ދެ ވަނަ ފަހަރަށް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ 2014ގެ މަޖިލިސް އިންތިހާބަށް ފަހު އެވެ. ސަމީރު ވިދާޅުވި ގޮތުގައި، ގާސިމް ވެރިކަމަށް ވަޑައިގަތުމަށް އޭނާގެ "ހިތް އެދުނަސް"، ސިޔާސީ މަސްރަހުގައި ކަންތައްތައް ހިނގާ ގޮތުން އެއީ ވުން ދުރު ކަމެކެވެ.

"މި ޕާޓީގެ ލީޑަރު ޖަލަށްލައި އެންމެ ހާލުގައި ޖެހުނު ދުވަހު ވަރަށް ބޮޑަށް ޕާޓީ ގޮވައިގެން މަސައްކަތް ކުރިން. އެހެން ނަމަވެސް، އެ ދުވަސްތައް މާޒީވެ އެ ދިޔައީ. [އަޅުގަނޑަކީ] ގާސިމް ވެރިކަމަށް އައުމަށް ހިތް އެދޭ މީހެއް. އެކަމަކު އަޅުގަނޑަކަށް ނުފެނޭ އެކަން އެ ގޮތަށް ވާނެ ތަނެއް،" ސަމީރު ވިދާޅުވި އެވެ.

ކޮމެންޓް (2)

ސަލީމް

17 މާރިޗު 2023
އަމިއްލަ އެދުމަށްޓަކައި ، ވަޒީފައި ގައި ފިތިފައި
0 0

އިޒުވީ

14 މާރިޗު 2023
ޖޭޕީ އުވާލަން ތިޖެހުނީ ސަމީރު ދަންޏާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް