މާފަރުގެ ބައިނަލްއަގުވާމީ އެއާޕޯޓް ފެންނަހެން އެ ރަށުގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/މާފަރު ފޭސްބުކް ޕޭޖު)

ނ. މާފަރު

ބިލު ނުދައްކައިގެން ކަރަންޓު ކަނޑާލި މާފަރު ކައުންސިލަށް އަލުން ކަރަންޓު ދީފި

ނުދައްކާ ހުރި ކަރަންޓު ބިލުތަކުގެ ޖުމްލަ 1.2 މިލިއަން ރުފިޔާއަށް އަރާ

ނ. މާފަރު ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުގެ ކަރަންޓު ބިލުތައް ނުދައްކާ ގިނަ ދުވަސްވުމާ ގުޅިގެން ކައުންސިލު އިދާރާ ހިމެނޭހެން ކަރަންޓު ކަނޑާލާފައި އޮތުމަށް ފަހު އަލުން މިއަދު ކަރަންޓު ދީފި އެވެ.

މައްސަލައިގެ ފެށުން - ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ތަންތަނުގެ ކަރަންޓު ބިލަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަރާފައި ވާއިރު، ބިލުތައް ނުދައްކައިގެން ކައުންސިލު އިދާރާ ހިމެނޭހެން ރަށުގެ ޕްރީ ސްކޫލާއި ފުޓްބޯޅަ ދަނޑުން ކަރަންޓު ކަނޑާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މާފަރު ކައުންސިލުގެ ރައީސް މުހައްމަދު އަދުނާނު މީގެ ކުރިން 'ދައުރު'އަށް ވިދާޅުވެފައިވާ ގޮތުގައި، އާ ކައުންސިލުން ހަވާލުވި އިރު، ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތަކާއި މަގު ބައްތިތަކަށް ދައްކަންޖެހޭ ކަރަންޓު ބިލުތައް ވެސް ނުދައްކާ ހުއްޓެވެ. އެގޮތުން، ނުދައްކާ ހުރި ބިލުތަކުގެ ޖުމްލަ 1.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ އޭރު ވިދާޅުވެފައިވެ އެވެ.

ބުނީ ކީކޭ؟ - އަދުނާނު މިއަދު 'ދައުރު'އަށް ވިދާޅުވީ، ކަރަންޓު ކަނޑާލާފައިވާ ތަންތަނަށް މިހާރު އަލުން އެ ހިދުމަތް ލިބެން ފަށާފައިވާ ކަމަށެވެ. ނުދައްކާ ހުރި ބިލުތަކަށް ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މި ކުރަނީ ކައުންސިލަށް އާމްދަނީ ލިބޭނެ ގޮތަށް ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދީގެން ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތަކަށް. މިހާރު ގާތްގަނޑަކަށް ލޭންޑް ޔޫސް ޕްލޭން ނިިމިފައި އޮތީ. ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރެވި، ރަށުގެ ބިންތައް ޓޫރިޒަމަށް ކުއްޔަށް ދީގެން ރަނގަޅު އާމްދަނީއެއް ލިބޭނެ،" އަދުނާނު ވިދާޅުވި އެވެ.

އެނގުން މުހިންމު - މާފަރަކީ ބައިނަލްއަގުވާމީ އެއާޕޯޓެއް އޮންނަ ރަށަކަށް ވެފައި ލޯކަލް ޓޫރިޒަމުގެ ރަނގަޅު މާކެޓަކަށް އެ ރަށް ހެދޭނެ ކަމަށް ކައުންސިލުން ދެކެ އެވެ. އެގޮތުން، ގެސްޓްހައުސް ހިންގަން އިންވެސްޓަރުންގެ ހުށަހެޅުންތައް މިހާރު ވެސް ލިބިފައިވާ ކަމަށް އަދުނާނު ވިދާޅުވި އެވެ.

"އެހާ ތަނަށް ވެސް ކަރަންޓު ބިލުތައް ދެއްކޭނެ ގޮތަކަށް ދައްކަމުން ދާނީ. ފެނަކައާ އެކު ވެސް މިދަނީ މަޝްވަރާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް