މާފަރު

ނ. މާފަރު

މާފަރު ކައުންސިލު އިދާރާއިން ކަރަންޓު ކަނޑާލުމުން ގޭގައި މަސައްކަތް ކުރަނީ

މާފަރު ކައުންސިލުން ބުނީ އާ ކައުންސިލުން ހަވާލުވި އިރު 1.2 މިލިއަން ރުފިޔާގެ ބިލު ނުދައްކާ އެބައޮތް ކަމަށް

މާފަރު ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ތަންތަނުގެ ކަރަންޓު ބިލަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަރާފައިވާއިރު، ބިލުތައް ނުދައްކައިގެން ކައުންސިލު އިދާރާ ހިމެނޭހެން ރަށުގެ ޕްރީސްކޫލާއި ފުޓްބޯޅަ ދަނޑުން ކަރަންޓު ކަނޑާލައިފި އެވެ.

ވީ ކިހިނެއް؟ - މާފަރު ކައުންސިލުގެ ރައީސް މުހައްމަދު އަދުނާނު މިއަދު 'ދައުރު' އަށް ވިދާޅުވީ، އާ ކައުންސިލުން ހަވާލުވި އިރު، ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތަކާއި މަގު ބައްތިތަކަށް ދައްކަންޖެހޭ ކަރަންޓު ބިލުތައްވެސް ނުދައްކާ އެބަހުރި ކަމަށެވެ.

އެ ބިލުތަކުގެ ޖުމްލަ، 1.2 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ މަހަކުވެސް ކަރަންޓު ބިލުގެ ޕެންޑިންތައް އިތުރުވަމުންދާ ކަމަށް އަދުނާނު ވިދާޅުވި އެވެ.

"އިދާރާގެ އެއްވެސްް ބިލެއް ނުދެއްކި އޮވެގެންނެއް ނޫން [ކަރަންޓު ކަނޑާލީ]. ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބައެއް މިސްކިތްތަކާ މަގުމައްޗާ [ހިމެނޭހެން]. މި ދައުރަށް އަޅުގަނޑުމެން ހަވާލުވި އިރުގައި އޮތް މިލިއަނެއް ހައި ރުފިޔާގެ ބިލު ޕެންޑިން ގައި. އަހަރެމެން ހަވާލުވުމަށްފަހު ދައްކަމުން މި އަންނަނީ ބަޖެޓު އޮތް ވަރަކުން. މީގެ ކުރިންވެސް ކަރަންޓު ކަނޑާލި ކުރީ ދައުރުގައި،" އޭނާ ވިދާޅުވި އެވެ.

ތަފްސީލް - ކައުންސިލުގެ ރައީސް ވިދާޅުވީ ކައުންސިލަށް އާމްދަނީ ހޯދޭނެ އެކި މަގުތައް ބަލައި، އާމްދަނީ ހޯދައިގެން ބިލުތައް ދެއްކުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފިނޭންސް އާއި އެލްޖީއޭ މެދުވެރިކޮށް ވެސް ގޮތެއް ހަމަޖެހޭތޯ ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓު ބިލުތަކަށް ފައިސާ ދނުދެއްކި ވަނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކައުންސިލުގެ ބަޖެޓު ހިފަހައްޓާފައި ވާތީ ކަމަށާއި އެ ފައިސާ ލިބޭތޯ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ކަރަންޓު ކަނޑާލުމުގެ ސަބަބުން ކައުންސިލުގެ އިދާރާއިން ދޭ ހިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އަދި ކައުންސިލުގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ގޭގައި ތިބެގެން ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލުން ބުނީ

  • ކައުންސިލު އިދާރާ އާއި ފުޓްސަލް ދަނޑުގެ ނުދެއްކޭ އެއްވެސް ބިލެއް ނޯންނާނެ ކަމަށް

  • ޕެންޑިންގައި އޮތީ މަގުބައްތިތަކާއި ބަނދަރު ބައްތި އަދި މިސްކިތްތަކުގެ ބިލުތައް ކަމަށް

  • މައްސަލަ ހައްލުވުމުން ކައުުންސިލު އިދާރާއިން ހިދުމަތް ދޭން ފަށާނެ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް