ޖޭޕީގެ ގައުމީ ކޮންފަރެސް ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ގާސިމް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ގާސިމް ވިޔަފާރިވެރިންނަށް: އަޅުގަނޑު ވެރިކަމަށް އަޔަސް ކަންބޮޑު ނުވޭ

މުދަލުގެ ތަނަވަސްކަން ލިބިވަޑައިގެންފައި ވާއިރު، ވެރިކަމަށް ވަޑައިގަންނަވަން އޭނާ މަސައްކަތް ކުރައްވަންވީ ކޮން ސަބަބަކާ ހުރެތޯ ގާސިމް ސުވާލު އުފެއްދެވި

އޭނާ ވެރިކަމަށް ވަޑައިގެންފާނެތީ ބައެއް ވިޔަފާރިވެރިން ކަންބޮޑުވާ ކަމަށާއި، ނަމަވެސް "ފުރިފައި ހުރި އެއްޗެއް ގުޑުގުޑު ނާޅާނެ" ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް، ރާއްޖޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވިފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާމް ރޭ ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ގާސިމް މި ގޮތަށް ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ނުސީދާކޮށް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފި ނަމަ، އެެއީ ވިޔަފާރިވެރިން ބިރުގަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަމާ ކަންބޮޑު ނުވުމަށެވެ.

ބުނީ ކީކޭ؟ - "ވިޔަފާރިވެރިންގެ ތެރެއިން ބަައެއް ބޭފުޅުން ހިތްޕުޅަށް އަރާވައިޑައިގަންނަވާ، އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އައިމާ ތިމަންނާމެންނަށް އޮންނާނީ ވަރަށް ނިކަމެތިކަމެކޭ. އަޅުގަނޑު ދަންނަވަންތޯ، ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ދުވަހަކު ވެސް،" މީގެ ކުރިން ބޭއްވި ދެ ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވި ގާސިމް ވިދާޅުވި އެވެ.

ރޭ ބޭއްވި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ގާސިމް. (ފޮޓޯ/ ޖޭޕީ)

އެކަން ފާހަގަކުރެއްވުމަށް ފަހު ގާސިމް ވިދާޅުވީ، ރައީސްކަމަށް އޭނާ ވަޑައިގަތުމަށް ޝައުގުވެރިކަން އޮތީ "މި ގައުމުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ކުރެވޭ މަސައްކަތްތަކަށް ތަރުހީބު ދީ، އެކަންކަން ކުރިއަށް ގެންގޮސް" ނިންމުމަށް ކަމަށެވެ.

"އަޅުގަނޑު ކޮންކަމަކާތޯ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަންނަން އަޅުގަނޑު މަސައްކަތް ކުރަންވީ، ކޮން އެއްޗެއް ހަދަންތޯ؟ ކޯޗެއްތޯ އަޅުގަނޑުގެ ނެތީ؟ ﷲ އަޅުގަނޑަށް ދެއްވާފައިވާ އެ ނިއުމަތް ވަނީ ފުރައި ފުރިހަމަކުރައްވާފައި،" ގިނަ އަދަދެއްގެ ރިސޯޓުތަކާއި އެ ނޫން ވެސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ވިލާ ގްރޫޕުގެ ބާނީ ގާސިމް ވިދާޅުވި އެވެ.

"އެހެންވީމަ، އަައި އޭމް ނޮޓް ކްރޭޒީ [އަހަރެން މޮޔައެއް ނޫން]. އައި އޭމް ސޮރީ ސޭއިން ދިސް [މާފްކުރޭ މިހެން ބުނަން ޖެހޭތީ]. އެކަމަކު ކަމެއް ކުރާއިރު، އެ ކަމެއް ކުރުމުގެ ގާބިލުކަމާއި ކެޕޭސިޓީ އާއި ހުނަރުވެރިކަމާއި އެކަންކަން ހުރެގެން ކުރެވޭނީ."

ގާސިމް ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެއާ ޖެހިގެން އައި ޖުމްލައިގައި ދެން ގާސިމް ނުސީދާކޮށް ރައްދު ދެއްވީ، މިހާރު ވެރިކަމުގައި ހުންނެވި އަދި ގާސިމްގެ އެހީތެރިކަމާ އެކު އެ މަގާމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

"ރައްޔިތުންގެ މެދުގައި ކުރަން ޖެހޭ ކަންކަން ދިގުލައިގެން، ލަސްވެގެން، ލަސްވެގެން ގޮސް، 10 އަހަރު ކޮޅަށް ސޮއްސާލީމަ ކަމަކު ނުދާނެ،" ރައީސް ސޯލިހްގެ ނަން ނުގެންނަވައި ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމްއާ އެކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ގުޅުން ހުރި ކަމެެއް - ގާސިމް ވެރިކަމަށް ވަޑައިގެންފާނެތީ އެހެން ވިޔަފާރިވެރިން ކަންބޮޑުނުވުމަށް އޭނާ އެދިވަޑައިގެންނެވި އިރު، ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް އިން މިދިޔަ ހުކުރު ދުވަހު ވަނީ، ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ކައުންސިލަށް ލަފާ ދޭން ގަރާރެއް ފާސްކޮށްފަ އެވެ.

ފަސް މަންޒަރު - މި ސަރުކާރުގެ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ގައުމީ ކޮންފަރެންސް އިން އިންތިހާބުކުރި އާ ކައުންސިލުންނެވެ. ވެރިކަން ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހް ވަނީ ދެވަނަ ދަރެއް އެ މަނިކުފާނަށް ކަށަވަރު ކުރުމަށް ޖުމްހޫރީ ޕާޓީއަށް ވެސް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފަ އެވެ.

ކޮމެންޓް (2)

ސަލީމް

28 ފެބްރުއަރީ 2023
ކަންބޮޑު ވޭ. ކީއްވެ ކަންބޮޑު ނުވާންވީ
1 1

ޢަލީ އަކދރ

27 ފެބްރުއަރީ 2023
ދޭން ޖެހޭ ލާރި އެތަކެއް އަހަރުވެގެންދާ އިރުވެސް މުވައްޒަފު މީހާއަށް ނުދެވޭ މީހަކޭ މި އަނގަފުޅާކުރަނީ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް