ޖޭޕީން އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން ހުށަހެޅި ގަރާރަށް ވޯޓު ނަގަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ޖުމްހޫރީ ޕާޓީ

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ލަފާދޭން ފާސްކޮށްފި

ރިޔާސީ އިންތިހާބާ މެދު ޖޭޕީން އަމަލު ކުރާނެ ގޮތެއް ނިންމާނީ ގައުމީ ކޮންފަރެންސް އިން އިންތިހާބުކުރާ އާ ކައުންސިލުން

މިހާރު ވެެރިކަން ކުރަމުން އަންނަ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލަށް ލަފާ ދިނުމަށް ޖޭޕީގެ ގައުމީ ކޮންފަރެންސް އިން މިރޭ ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ޖޭޕީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވަކިން ނުވަތަ ކޯލިޝަނަކާ އެކު ވާދަކުރުމަށް އެ ޕާޓީގެ ގައުމީ ކޮންފަރެންސަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދު ހުށަހެޅުއްވި ގަރާރަށް މިރޭ އޮތް ސެޝަންގައި ވަނީ ބަހުސްކޮށް، ވޯޓަށް އަހާފަ އެވެ.

ތަފްސީލު - އެ ގާރާރު ފާސްކޮށްފައި ވަނީ، ރިޔާސަތުގައި އިންނެވި އެ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވި ގޮތުގައި، ކޮންފަރެންސްގެ އިއްތިފާގުންނެވެ.

މި ގަރާރާ ގުޅޭ ގޮތުން ކުރި ގަޑިއެއްހާއިރު ބަހުސްގައި:

  • ވާހަކަދެއްކެވި އެއް ބޭފުޅަކު ފިޔަވައި ހުރިހާ ބޭފުޅުން ވެސް ވާހަކަދެއްކެވީ ގަރާރާ އެއްކޮޅަށް ނުވަތަ ޖޭޕީން އިންތިހާބުގައި ވާދަކުރަން ތާއީދުކޮށް

  • ގަރާރާ ދެކޮޅަށް ވާހަކަދެއްކެވީ ރައީސް އޮފީހުގެ މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަހްމަދު ސަމީރު އެކަނި

  • ސަމީރު ގަރާރާ ދެކޮޅަށް ވާހަކަދެއްކެވިޔަސް، އޭނާ ވެސް ވޯޓު ދެއްވީ ގަރާރު ފާސްކުރުމަށް

ޖޭޕީން އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން ހުށަހެޅި ގަރާރަށް ބަހުސް ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ގަރާރުގައި ބުނެފައިވަނީ، މިދިޔަ ހުރިހާ ރިޔާސީ އިންތިހާބެއް ވެސް އެހެން ޕާޓީތަކުން ކާމިޔާބުކޮށްފައިވަނީ ގާސިމް އާއި ޖުމްހޫރީ ޕާޓީގެ ތާއީދާއި އެހީތެރިކަމާ އެކު ކަމަށެވެެ. އެއިން ކޮންމެ ފަހަރަކު ވެސް ހަދާ ކޯލިޝަން އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ޕާޓީތަކުން އަމަލުކޮށްފައި ނުވާކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

"ވެރިކަމާއި އާރާއި ބާރު ލިބުމުން، އެ އަހުދުތައް މަތިން ހަނދާން ނައްތާލައި ޖުމްހޫރީ ޕާޓީގެ ހިއްސާ ސަރުކާރުގައި ކުޑަކޮށް އަދި އެއްބަސްވެވުނު ކޯލިޝަންގެ އަސްލު ގެއްލުވާލައި ކޯލިޝަން ރޫޅާލައި ޖުމްހޫރީ ޕާޓީ ނިކަމެތިކޮށްލާ ތަން" ފެނިފައިވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

ގަރާރުގައި ބުނީ:

  • 2013ގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓިން ފުރަތަމަ ބުރުގައި ވާދަކޮށް، ދެވަނަ ބުރަށް ނުދިޔައީ ކުޑަ ފަރަގަކުން

  • ޕާޓީގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ، ރައްޔިތުންނަށް ފައިދާ ހުރި ގޮތްތަކަށް 

  • ޖުމްހޫރީ ޕާޓީ އަކީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ގާބިލުކަމާއި ހަކަތަ ހުރި ޕާޓީއެއް

"ރާއްޖޭގެ ސިޔާސީ މަސްރަހު މި ވަގުތު ތަރުތީބު ވެފައި އޮތް ގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ގާއިމުކޮށް، ރައްޔިތުންނަށް ހިދުމަތްކުރުމަށް ލިބެން އޮތް އެންމެ ފަހި ފުރުސަތު ކަމުގައި ދެކޭތީ... މި ހިނގާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ވާދަކުރުމަށް ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕާޓީގެ ކައުންސިލަށް އިލްތިމާސްކޮށް،" ގަރާރު ހުށަހަޅާ ކަމަށް ބުނެފައިވެ އެވެ.

ޖޭޕީން އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން ހުށަހެޅި ގަރާރަށް ބަހުސް ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މި ގަރާރުގެ ބަހުސްގެ ތެރެއިން ގާސިމް ވެސް ވާހަކަދެއްކެވީ އެ ގަރާރަށް ތާއީދުކުރައްވާ މޭރުމަކުންނެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ސީދާ ވިދާޅުނުވި ނަމަވެސް، އެކި ކޯލިޝަންތަކުގެ ތެރެއިން ލިބުނު ހިތި ތަޖުރިބާ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން މާލީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނެވިކަން ފާހަގަކުރެއްވި އެވެ.

އެނގުން މުހިންމު - ރިޔާސީ އިންތިހާބާ މެދު ޖޭޕީން އަމަލު ކުރާނެ ގޮތެއް ނިންމާނީ ގައުމީ ކޮންފަރެންސް އިން އިންތިހާބުކުރާ އާ ކައުންސިލުން، ފަހުގެ ތާރީހެއްގަ އެވެ.

ކޮމެންޓް (1)

ޒިކްވަން

25 ފެބްރުއަރީ 2023
އެމްޑީޕީ އަދި ޕީޕީއެމް ނޫންބަޔަކު ގައުމު ލީޑުކުރާތަން ދެކެން ބޭނުން
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް