ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރުކަމުގެ އާ ދައުރަކަށް އިންތިހާބުވެވަޑައިގެންވި ގާސިމް. (ފޮޓޯ/ ޖޭޕީ)

ޖުމްހޫރީ ޕާޓީ

ގާސިމް އިތުރު ދައުރަކަށް ޖޭޕީގެ ލީޑަރަކަށް ހޮވައިފި

މިދިޔަ 15 އަހަރު އެ މަގާމުގައި ހުންނެވީ ގާސިމް؛ މިއީ އޭނާ އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ހަތަރު ވަނަ ދައުރު

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ މަގާމަށް، ޕާޓީ އުފެއްދީއްސުރެ މިދިޔަ 15 އަހަރުދުވަހު އެ މަގާމުގައި ހުންނެވި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިތުރު ދައުރަކަށް ހޮވިވަޑައިގެންފައިވާ ކަމަށް އެ ޕާޓީން މިއަދު އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - ގާސިމް ފިޔަވައި އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލާފައެއް ނުވެ އެވެ. އެހެންވެ، މިއަދު ހެނދުނު ދަރުބާރުބާރުގޭގައި އޮތް އެ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ސެޝަންގައި ޖުމްހޫރީ ޕާޓީން ވަނީ، ގާސިމް ލީޑަރު ކަމަށް ހޮވިވަޑައިގެންފައިވާކަން އިއުލާންކޮށްފަ އެވެ.

ތަފްސީލު - ޖުމްހޫރީ ޕާޓީގެ ބާނީ އަދި އެ ޕާޓީ އުފެދުނީއްސުރެ ލީޑަރުކަމުގައި ހުންނެވި ގާސިމް އެ މަގާމަށް ހޮވިވަޑައިގެންފައި މި ވަނީ ހަތަރު ވަނަ ދައުރަކަށެވެ. އެގޮތުން:

  • ކޮންމެ ފަސް އަހަރަކުން މި މަގާމަށް ބޭފުޅަކު އިންތިހާބު ކުރަނީ ޕާޓީގެ ގައުމީ ކޮންފަރެސް އިން 

  • ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން، އިންތިހާބީ މަގާމުތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލައިފި ނަމަ، ވޯޓުލުމަކާ ނުލައި އެ ކެންޑިޑޭޓަކު މަގާމަށް ހޮވޭނެ

ޕާޓީގެ ލީޑަރު ކަމުގެ މަގާމުގެ އިތުރުން، އިތުރު ތިިން މަގާމަކަށް ވޯޓު ލުމެއް ނެތި ވަނީ ތިން ބޭފުޅަކު ހޮވިވަޑައިގެންފަ އެވެ. އެއީ:

  • ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީން

  • ޒުވާނުންގެ ލީގުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝުއައިބު ޝިފާޒް ޝަރީފް

  • އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަހުމަދު

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން. (ފޮޓޯ/ޖޭޕީ)

ގުޅުން ހުރި ކަމެއް - ގާސިމް ލީޑަރު ކަމުގެ މަގާމަށް ހޮވިވަޑައިގެންފައި ވާއިރު، އޭނާގެ އަނބިކަނބަލުން އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ އެ ޕާޓީގެ ނައިބު ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލައްވާފަ އެވެ. ޖުމްލަ ފަސް ބޭފުޅުން ހޮވާ އެ މަގާމަށް ނަހުލާއާ އެކު 12 ބޭފުޅަކު ވާދަކުރައްވަ އެވެ.

އިއްޔެ ފެށި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި މިހާރު ކުރިއަށް ދަނީ، މި މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށް ވޯޓުލުމެެވެ. ވޯޓުލުމަށް ފަހު، ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރުމަށް ކައުންސިލަށް ލަފާ ދިނުމަށް ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން ބަހުސް ކުރުން އޮންނާނެ އެވެ.

ރިޔާސީ އިންތިހާބަށް އެ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމާނީ، މިއަދު އިންތިހާބު ކުރާ އާ ކައުންސިލުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް