ސަރުކާރުގެ ހަފްލާއެއްގައި ގާސިމް (ކ) އާއި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ގާސިމްގެ ތައުރީފުގައި ރައީސް ސޯލިހުގެ ނަމެއް ނެތް

ޖޭޕީގެ މަސައްކަތްތަކަށް ކްރެޑިޓް ނުދޭ ކަމަށް ވިދާޅުވެ ގާސިމް ސަރުކާރަށް ފާޑުވިދާޅުވި އިރު، ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓަކު ވާދަކުރުމަށް ގައުމީ ކޮންފަރެންސަށް ވަނީ ގަރާރެއް ހުށަހަޅާފައި

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އެ ޕާޓީގެ ކޮންފަރެންސްގައި ކުރީގެ ދެ ރައީސަކަށް ތައުރީފްކުރައްވައި ވާހަކަ ދެއްކެވި ހިތޯބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނަން އެއްގޮތަކަށް ވެސް ނުގެންނަވަ އެވެ. އޭގެ ބަދަލުގައި ސަރުކާރާ ބެހޭ ގޮތުން ގާސިމް އިއްވެވީ ފާޑުކިޔުމާއި ޝަކުވާ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ތާއީދަށް އެދިވަޑައިގެން ރައީސް ސޯލިހު ސިޓީފުޅެއް ފޮނުއްވާފައިވާ އިރު، ޖޭޕީން އިންތިހާބުގައި އަމަލު ކުރާނެ ގޮތަކާ ވެސް ގުޅިފައިވާ ކޮންފަރެންސްގައި ގާސިމް ދެއްކެވީ، ކުރީގެ ސަރުކާރުތަކާ އެކު ވެސް އެ ޕާޓީއަށް ތަޖުރިބާކުރެވިފައިވާ ގޮތަށް، މި ސަރުކާރުގެ ކޯލިޝަންގައި ވެސް މައްސަލަތައް ހުރި ކަމުގެ ވާހަކަ އެވެ.

ވީ ކިހިނެއް؟ - ޕާޓީގެ ގައުމީ ކޮންފަރެސް ފެށުމުގެ ރަސްމިއްޔާތުގައި ގާސިމް ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ވާހަކަ ދެއްކެވި އެވެ. ލިޔެފައި އޮތް އެ ހިތާބު އިއްވަވަމުން ގާސިމް ވަނީ، މާޒީގެ ތަޖުރިބާ އާއި ކޯލިޝަންތަކުގައި ޖުމްހޫރީ ޕާޓީއަށް ކަން ދިމާވާ ގޮތާ މެދު ޝަކުވާކުރައްވައި އެމްޑީޕީ އާއި ޕީޕީއެމްގެ ތިން ސަރުކާރަށް ވެސް ފާޑުވިދާޅުވެފަ އެވެ.

ތަފްސީލު - އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން އަދި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތިއްބެވި ރަސްމިއްޔާތުގައި ގާސިމް އެއް ކަމަކަށް ފާހަގަކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިމަތިވި ހުރަސްތަކާއި ސިޔާސީ ވެރިންނަށް ކުރިމަތިލާން ޖެހުނު ހުކުމްތަކެވެ. 

"[ޔާމީންގެ ވެރިކަމުގައި] އެ ދުވަސްވަރު ތަފާތު އެކި ބާވަތް ބާވަތުގެ ހުކުމްތަކާއި ބޮޑެތި އަދަބުތައް ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ފަހަތުން ދިޔައީ ފުމެ އަރަމުން. މަނިކުފާނު ވެސް [ނަޝީދު] އެއީ އޭގެ އެއް ވިކްޓިމްއެއް. އަދި ޝޭހް އިމްރާން ވެސް، ފާރިސް މައުމޫނަކީ ވެސް އޭގެ ވިކްޓިމްއެއް،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އޭނާގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެމްޑީޕީގެ ރައީސް ނަޝީދު އިއްޔެ ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އޭނާއަށް ޔާމީންގެ ވެރިކަމުގައި ކުރިމަތިލާން ޖެހުނު ޖަލު ހުކުމަށް ފަހު، އަމިއްލައަށް އަރުވާލެވިގެން ބޭރުގައި ހުންނެވި ދުވަސްވަރު އެހީތެރިވެދެއްވީ ނަޝީދު ކަމަށް ގާސިމް ވިދާޅުވި އެވެ. ޕާސްޕޯޓް ކެންސަލްކޮށްފައި އޮތުމުން، އިތުރު ފަރުވާއަށް ސިންގަޕޫރުން ޖަރުމަަނަށް ވަޑައިގެންނެވީ ނަޝީދުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންކަން ފާހަގަކުރެއްވި އެވެ.

"އެކަމަށްޓަކައި މަނިކުފާނަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. މިކަން ސިއްރު ކުރާކަށް އަޅުގަނޑު ނެތިން. އެއީ މުނާސަބު ވަގުތުގައި، މުނާސަބު ވާހަކަ ދެއްކުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގަބޫލުކުރަން. އަޅުގަނޑުގެ އެތެރެފުށާއި ބޭރުފުށުން އަބަދުވެސް ދާނީ އެ ގޮތަށް،" ގާސިމް ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ނަޝީދު ބުރަކޮށް މަސައްކަތް ކުރައްވައި އެތައް އަނިޔާތަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވިކަން ވެސް ގާސިމް ފާހަގަކުރެއްވި އެވެ.

ނަޝީދަށް ތައުރީފް ކުރެއްވުމަށް ފަހު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ގާސިމް ތައުރީފް ކުރެއްވި އެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި މައުމޫންގެ ދައުރު ވެސް އޮތް ކަމާއި އެމަނިކުފާނުގެ ވެރިކަމުގައި ގައުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވިކަން ފާހަގަކުރެއްވި އެވެ.

"އެ މަނިކުފާނު [މައުމޫން]ގެ ފުރިހަމަ ތާއީދު ލިބިގެން ނުދިޔަ ނަމަ، މިއަދުގެ މި އުފާވެރި ޑިމޮކްރެޓިކް ހަޔާތް އަޅުގަނޑުމެންނަށް އާބާދުނުކުރެވުނީސް. އަދި ގައުމަށް މި ލިބުނު ތަރައްގީ އާއި އުމްރާނީ އަދި އިޖުތިމާއީ ގޮތުން ލިބިގެން އައި ތަރައްގީ ވެސް ނުލިބުނީސް. އެކަމަށްޓަކައި އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމަށް ހިފެހެއްޓުމެއް ނެތް ޝުކުރާއި ސާބަސް ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ގާސިމް ވާހަކަ ދައްކަވަނީ

ގާސިމްގެ ތައުރީފާއި ޝުކުރުގެ ވާހަކަތަކުގެ ތެރޭގައި ރައީސް ސޯލިހުގެ ނަންފުޅު އެއްގޮތަކަށް ވެސް ނުގެންނެވި އިރު، މި ސަރުކާރުގެ ރަނގަޅު އެއްވެސް ކަމެއް އޮތް ކަމަކަށް ވެސް އެ ހިތާބަކު ނެތެވެ؛ އޮތީ ޝަކުވާ އެވެ. ވެރިކަންކުރާ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އޮވެމެ، ސަރުކާރުން ކުރާ ރަނގަޅު ކަމަކަށް އެ ޕާޓީއަށް ކްރެޑިޓް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

"އަޅުގަނޑުމެން މި ފޮނުވާ ވަޒީރުން ކެބިނެޓުގައި ވެސް އެބަ ތިއްބަވާ. ކުންފުނިތަކުގައި ވެސް ނުހަނު ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅުން ތިއްބަވާ. ނަމަވެސް ނެރެވޭ ހެޔޮ ނަތީޖާގައި އަޅުގަނޑުމެންގެ ބައިވެރިވުން އޮންނަ ކަމަކަށް ނުވޭ. ދޭ އެހީތެރިކަމެއް ވެސް އޮންނަ ކަމަކަށް ނުވޭ. މިއީ ކިހިނެއް ވާނެ ކަމެއްތޯ؟" ގާސިމް ވިދާޅުވި އެވެ.

"މި ކަންކަން ދާނީ ގިނަ ފަހަރަށް، ހަމަ ދިވެހި ބަހުގައި ބުނެ އުޅޭ މިސާލެއް އަޅުގަނޑު ދަންނަވާލާނަން، ކަނދި ކަމަނާގެ މަސް ތެލުލުމަށޭ...އާދެ، މަސްކޮޅު މީރިއްޔާ އެއީ ކަނދި ކަމަނާގެ މޮޅުކަން، ރަހަ ގޯސްވެއްޖެއްޔާ އެއީ ކޮންމެވެސް އެހެން މީހެއްގެ މައްސަލައެއް."

އެނގުން މުހިއްމު - ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު އެކަނި ނުވަތަ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް ދެ ދުުވަހުގެ މި ކޮންފަރެންސަށް ގަރާރެއް ވަނީ ހުށަަހަޅާފަ އެވެ. މިއަދު މެންދުރު ފަހު އޮންނަ ޝެޝަންއަށް އެޖެންޑާކޮށްފައިވާ އެ ގަރާރު ހުށަހެޅުއްވީ، ޕާޓީގެ ކައުންސިލަށް ލަފައެއް ދިނުނުގެ ގޮތުން، ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދެވެ. ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޖޭޕީން އަމަލު ކުރާނެ ގޮތެއް ނިންމާނީ، ގައުމީ ކޮންފަރެންސްގައި އިންތިހާބުކުރާ އާ ކައުންސިލުންނެވެ.

ފަސްމަންޒަރު - އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހު ވަނީ ދެވަނަ ދައުރެއް ހޯއްދެވުމަށް ކޯލިޝަން ހެދުމަށް، ޖުމްހޫރީ ޕާޓީ ހިމެނޭ ގޮތަށް، މި ސަރުކާރުގައި އޮތް ތިން ޕާޓީއަށް ދައުވަތު ދެއްވައިފަ އެވެ. އެ ދައުވަތަށް މިހާތަނަށް އިޖާބަ ދީފައި ވަނީ އަދާލަތު ޕާޓީންނެވެ. ކޯލިޝަންގައި ނެތް އެމްޑީއޭއަށް ރައީސް ދެއްވި ދައުވަތު އެ ޕާޓީން އިއްޔެ ވަނީ ގަބޫލުކޮށް، ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމާފަ އެވެ.

ކޮމެންޓް (1)

މުޖުތާޒު

25 ފެބްރުއަރީ 2023
ޓައުރީފުގެ ލިސްޓްގަ ނަންނެތީ ކޮނމެވެސް ސަބަބެއްއޮވެގެންހެން އަހަރެންނައްހީވަނީ ގާސިމަކީ ކަންތައްތަކައް ވަރައްވިސްނާ ބޭފުޅެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް