އާރަށް މައްސަލައިގައި ހުކުމް ތަންފީޒުކުރަން 25 ޑިސެމްބަރު 2022ގައި ކުރީގެ ރައީސް ޔާމީން މާފުއްޓަށް ގެންދަން ކަރެކްޝަންސްގެ ލޯންޗަށް އަރުވަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ޔާމީންގެ ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި
އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި އިދިިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި އެ މުއާމަލާތުގެ ފައިސާއިން މަނީ ލޯންޑާ ކުރި މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހު 28 ވަނަ ދުވަހު އެވެ. އެ ހުކުމް ކުރިތާ އަންނަ ހަފްތާއަށް ދެ މަސްވާއިރު، މިއަދު ޔާމީންގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓަށް ހުށަހަޅާފަ އެވެ.
ތަފްސީލު - ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވަނީ މި މައްސަލަ އިސްތިއުނާފަށް ހުށަހެޅިކަން ޓްވީޓެއްގައި ހާމަކުރައްވައިފަ އެވެ.
ބުނީ ކީކޭ؟ - "މިއީ ކްރިމިނަލް ކޯޓުން މިހާތަނަށް ރައީސް ޔާމީނުގެ މައްޗަށް ނިންމި ދެވަނަ ޝަރީއަތް. ދެ ފަހަރު ވެސް ގަބޫލްކުރަން ދަތި ގޯސްތައް ގާޒީ ހަދާފައިވޭ. މިއީ ގާނޫނީ ހަމައެއް ނެތް ސިޔާސީ ދައުވާތަކެއް. އިންޝާﷲ ކާމިޔާބު ލިބޭނެ،" ޝިޔާޒްގެ ޓްވީޓްގައި ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ހުންނެވި ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާ އެކު، ސެޕްޓެމްބަރު މަހުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ވަނީ ހުރަސްއެޅިފަ އެވެ. ޔާމީންގެ ވަކީލުންގެ ޓީމުން މީގެ ކުރިން ބުނެފައިވާ ގޮތުން، އަންނަ މާޗް މަސް ތެރޭ ހައި ކޯޓުން އިސްތިއުނާފް މައްސަލައިގައި ގޮތެއް ނިންމި، އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ އެވެ.
-
އިތުރަށް ކިޔާލަން - ޔާމީން މާޗުގައި މިނިވަންވާނެ: ވަކީލުން
ފަސްމަންޒަރު - ޔާމީނަށް ދައުވާ އުފުލި އާރަށުގެ 1 މިލިއަން ޑޮލަރުގެ މުއަމަލާތާ ގުޅިގެން އެމަނިކުފާނު ދިފާއުގައި ވިދާޅުވެފައި ވަނީ، އެއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ ހުކުމްގައި ބުނެފައިވަނީ، އެމަނިކުފާނު ޑޮަލަރު މާރު ކުރި ކަމަށް ބުނެ ދިފާއުވުމަށް ހުށަހަޅާފައިވާ ބައެއް ހެކިތައް ސައްހަ ނޫން ކަމަށާއި އެއީ ނުހިނގާ ކަމެއް، ހިނގި ކަމަށް ދެއްކުމަށް ކުރި ކަމެއް ކަމަށެވެ. އަދި މަނީ ލޯންޑާ ކުރުމަށް ގެންގުޅޭ ބައެއް އުކުޅުތައް ބޭނުންކޮށްފައިވާ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ޔާމީންގެ ޕީޕީއެމް-ޕީއެންސީން މި ހުކުމް ގަބޫލެއް ނުކުރެ އެވެ. އެ ކޯލިޝަނުން ބުނެފައިވަނީ، އެއީ ސިޔާސީ ނުފޫޒުން ދައުވާ އުފުލައި، ކޮށްފައިވާ "ހަރާމް ހުކުމެއް" ކަމަށެވެ.