ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)
ޔާމީން މާޗުގައި މިނިވަން ވާނެ: ވަކީލުން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ކުރި ހުކުމް، ކުރިއަށް އޮތް ދެތިން ހަފްތާއެއްހާ ދުވަސް ތެރޭ އިސްތިއުނާފަށް ހުށަޅާނެ ކަަަމަށާއި އަންނަ މާޗު މަހު އެމަނިކުފާނު މިނިވަންވާނެ ކަމަށް ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީ މެދުވެރިކޮށް، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފާ ގުޅޭ ގޮތުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ވަނީ، މ. ދިމްޔާތުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
ތަފްސީލު - ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'އިން ކުރި ސުވާލެއްގެ ޖަވާބުގައި ވަކީލުންގެ ޓީމުންގައި ހިމެނިވަޑައިގެންނަވާ އާދަމް ޝަމީމް ވިދާޅުވީ، މި މުޅި މައްސަލަ އަދިވެސް ދިރާސާ ކުރަމުންދާ ކަމަށާއި މިއީ ވަރަށް ބޮޑު، ބުރަ މަސައްކަތެއް ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ތެރޭ އިސްތިއުނާފް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮނުނު ކޮނުނުހެން ފަސް ގިނަވާ އުސޫލުން މިކަން މިދަނީ. ވަކި ދުވަހެއް ބުނާކަށް ނެތިން، އެކަމަކު އިރާދަކުރެއްވިޔާ ކުރިއަށް އޮތް ހަފްތާއެއް [ނުވަތަ] ދެ ހަފްތާއެއްހާ ދުވަހު އިސްތިއުނާފަށް ހުށަހެޅޭތޯ ބަލާނަން،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އިސްތިއުނާފަށް ހުށަހެޅުން ލަސްވެގެން ޔާމީން ކަންބޮޑުވެވަޑައެއް ނުގަންނަވަ އެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ، ވަކީލުންގެ ޓީމުން ހަމަޖެހިގެން ވީހާ ވެސް ރަނގަޅު އިސްތިއުނާފެއް ހުށަހެޅުމަށް ކަމަށް ޝަމީމް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ޔާމީން އަކީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނު އިންތިހާބުގައި ވާދަ ކުރެއްވުމަށް ވަނީ ހުރަސްއެޅިފަ އެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ސުންގަޑި 3 އޮގަސްޓްގައި ހަމަވާނެ އެވެ.
އެ މުއްދަތުގެ ކުރިން ޔާމީންގެ މި މައްސަލަ ނިމިދާނެ ކަމަށް ގަބޫލު ކުރެވޭތޯ 'ދައުރު'އިން ކުރި ސުވާލުގެ ޖަވާބުގައި ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ، އާންމު ގޮތެއްގައި ޝަރީއަތް ދިގުލައިގެން ދަނީ ދަށު ކޯޓުގައި ކަމަށާއި އިސްތިއުނާފީ ކޯޓުތަކުގައި ދެ ތިން އަޑުއެހުމުން ވެސް މައްސަލައެއް ނިންމޭ ކަމަށެވެ.
"އިސްތިއުނާފް މަރުހަލާގައި ދޭއް ނުވަތަ ތިން އަޑުއެހުމަށް ވުރެ ދިގެއް ނުވޭ ރާއްޖޭގައި [ހާއްސަކޮށް] ހައި ކޯޓުގައި. އެހެންވީމަ ވަރަށް ތެދަށް ދަންނަވާ ނަމަ، އަޅުގަނޑުމެން އުންމީދު ކުރަން މާޗު ހިސާބުގައި ރައީސް ޔާމީން މިނިވަންވެވަޑައިގެންނަވާނެ ކަމަށް،" ޔާމީންގެ ސަރުކާރުގައި ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޖަމީލް ވިދާޅުވި އެވެ.
ޖަމީލް އިތުރަށް ވިދާޅުވި ގޮތުގައި މާޗުގައި މައްސަލަ ނިންމޭނެ ކަމަށް ލަފާ ކުރަނީ، އެއްވެސް ނުފޫޒެއް ނެތި، ހުރިހާ ކަމެއް ވެސް އޮންނަ އުސޫލުތަކުގެ ކުރިއަށް ދާ ނަމަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލުން ފާހަގަ ކުރެއްވި ބައެއް ކަންކަން:
-
ހުކުމްގައި ހެކި އުފެއްދި ކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި ބުނާ ބުނުމެއް؛ އެއީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް
-
ދޮގު ހެކި އުފައްދާފައެއް ނުވާނެ؛ ދިފާއީ ހެކިން ފުލުހަށް ހާޒިރު ކުރީ ބިރުދައްކަން
-
ހުކުމް ލިޔެފައި ވަނީ، ދައުލަތުގެ ހުލާސާ ބަޔާނުގައި ހުރި ބައެއް ކަންކަން ވަރަށް ބޮޑަށް ނަކަލުކޮށްގެން
-
މައްސަލައިގައި ނުހިމެނޭ ނުވަަތަ ދައްކާފައިނުވާ ބައެއް ވާހަކަތައް ހުކުމްގައި ހިމަނާފައިވޭ
-
އިސްތިއުނާފް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް
ފަސްމަންޒަރު - ޔާމީނަށް ދައުވާ އުފުލި 1 މިލިއަން ޑޮލަރުގެ މުއަމަލާތާ ގުޅިގެން އެމަނިކުފާނު ދިފާއުގައި ވިދާޅުވެފައި ވަނީ، އެއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ ހުކުމްގައި ބުނެފައިވަނީ، އެމަނިކުފާނު ޑޮަލަރު މާރު ކުރި ކަމަށް ބުނެ ދިފާއުވުމަށް ހުށަހަޅާފައިވާ ބައެއް ހެކިތައް ސައްހަ ނޫން ކަމަށާއި އެއީ ނުހިނގާ ކަމެއް، ހިނގި ކަމަށް ދެއްކުމަށް ކުރި ކަމެއް ކަމަށެވެ. އަދި މަނީ ލޯންޑާ ކުރުމަށް ގެންގުޅޭ ބައެއް އުކުޅުތައް ބޭނުންކޮށްފައިވާ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ޔާމީންގެ ޕީޕީއެމް-ޕީއެންސީން މި ހުކުމް ގަބޫލެއް ނުކުރެ އެވެ. އެ ކޯލިޝަނުން ބުނެފައިވަނީ، އެއީ ސިޔާސީ ނުފޫޒުން ދައުވާ އުފުލައި، ކޮށްފައިވާ "ހަރާމް ހުކުމެއް" ކަމަށެވެ.