ޖުމްހޫރީ ޕާޓިގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/މަޖިލީސް)

ޑްރަގު ގެންނަ ބިދޭސީން ފޮނުވާލާ ގޮތަށް ހެދީ ގާނޫނުއަސާސީގެ ބާރުކަނޑުވާލާފައި: ގާސިމް

ގާސިމް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީ އާއި ގަނޫނާ ހިލާފަށް ހަދާ ގަވައިދު ވަނީ ބާތިލު އެއްޗަކަށް

ވައިގެ މަގުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ބިދޭސީން ޑީޕޯޓުކޮށްލާ ގޮތަށް ގަވައިދެއް ހެދީ، ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް ފަހު ކަމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާމިގިލީ ދާއިރާގެ މެންބަރުކަން ކުރައްވާ ގާސިމް މިގޮތަށް ވިދާޅުވީ، އެ ގަވައިދު އިސްލާހު ކުރުމަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ތަފްސީލު - އެމްޑީޕީން އެ ކުއްލި މައްސަލަ ބަލައިނުގަތުމަށް ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެމްޑީޕީގެ މެމްބަރުންނާއި ގާސިމްގެ ވެސް ވޯޓާ އެކު ބަހުސް ކުރުމަށް ފާސްވި އެ މައްސަލައަށް ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެ ގަވައިދު ހަދާފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް އެއްވެސް ގަވައިދެއް ނުހެދޭނެ. އަދި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ގަވައިދެއް ނެހެދޭ ތާނގައި، ކުރާ އަމުރަކަށް ވެސް ތަބާވާކަށް ނުޖެހޭ. އެއީ ކޮންމެ ވެރިޔަކު ކުރިޔަސް،" މިދިޔަ ޖެނެއަރީ މަހު ގެޒެޓް ކުރި އެ ގަވައިދަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވި އެވެ.

"މި މައްސަލައިގެ ބޮޑުކަން އެބަ އެނގޭ ވަރަށް ސާފުކޮށް، ކޮންމެވެސް ދިމާލަކުން ކޮންމެވެސް ބަޔަކު މި އުޅެނީ ގާނޫނުއަސާސީގެ ބާރުކަނޑުވާލައިގެންކަން ނުވަތަ ގާނޫނުތަކުގެ ބާރު ކަނޑުވާލައިގެންކަން."

ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތުގެ ތެރެއިން. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ގާސިމް ދެކެވަޑައިގަންނަވާ ގޮތުގައި، މި ގޮތަށް ގަވައިދު ހެދުން "ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހެ" އެވެ.

"ކޮންމެ ބަޔަކު ކުރިޔަސް، ވެރިކަމުގެ ބާރު ހިންގުމުގެ ބާރު ލިބިގެންވަނީ، ގާނޫނުއަސާސީ އާއި ގާނޫނުގެ ތެރެއިން... އެއީ ބާތިލު އެއްޗެއް. އެކަން ކުރި ބަޔަކު ވެސް ގޯސް، އަނެއްކާ އެ ކަމަށް އަމުރުކުރި ބަޔަކު ވެސް ގޯސް،" ގިނަ ދުވަސްތަކަކަށް ފަހު މަޖިލީހުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

"މި ބާވަތުގެ ކަންކަން މުޖުތަމައުއެއްގެ ތެރޭގައި ހިނގާ ކަމަށް ވާނަމަ، އެ ތަނެއްގެ ހަލާކު އޮންނާނީ ވަރަށް ކައިރީގައި ނުވަތަ ހަލާކުވެފައި އެ އޮތީ."

އެނގުން މުހިންމު - ހަސަން ލަތީފް ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ، "ގާނޫނުން ކުށާއި އަދަބު ކަނޑައަޅާފައިވާ ކަމެއް ނަފީވާ ގޮތަށް ގަވައިދެއް ހަދައި އެ ގަވާއިދު ތަންފީޒުކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ. އޭނާ  ސަރުކާރަށް ގޮވާލައްވާފައި ވަނީ އެ ގަވާއިދުގައިވާ ގާނޫނާ ތައާރަޒުވާ ބައިތައް އުނިކުރުމަށެވެ.

ފަސްމަންޒަރު - މި މަހުގެ 6 ވަނަ ދުވަހު، ވައިގެ މަގުން ރާއްޖެ އައި ބްރެޒިލްގެ 23 އަހަރުގެ ފަސިންޖަރެއްގެ ލަގެޖުން 6.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. އެ މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު، މި ގަވައިދުގެ ދަށުން އޭނާ ވަނީ ފުރުވާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް