ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މަޖިލީހުގެ ޖަލްސާއެއްގައި. (ފޮޓޯ/ މަޖިލިސް)

2 ފޮށި ޑްރަގު ގެއްލުނު މައްސަލަ މަޖިލީހަށް ހުށަހަޅާނަން: ރިޔާޒު

ގިނަ އަދަދެއްގެ ޑްރަގު ހުރި ދެ ފޮށި ގެއްލުނު މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ދެ ފޮށި ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) އިން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އިދާރާތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވައިގެ މަގުން ރާއްޖެ އެތެރެކުރި މި މަސްތުވާތަކެތީގެ މައްސަލައިގައި:

  • ފުރަތަމަ ލަގެޖް ގެއްލުނީ މި މަހުގެ 8 ވަނަ ދުވަހު 

  • އެ މައްސަލަ ބަލަމުން ދަނިކޮށް، އެހެން ފޮއްޓެއް އިއްޔެ ގެއްލިފައިވާކަން 'ދައުރު'އަށް ވަނީ އެނގިފައި

މިކަމުގެ ކަމުގެ ކަންބޮޑޫވުން ރިޔާޒު ފާޅުކުރެއްވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ބުނީ ކީކޭ؟ - ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޔާޒު ވިދާޅުވީ، މިފަދަ ކަންކަން ހިނގަނީ "އެ މީހަކު ހިތަށް އެރި ގޮތަކަށް ކަންކަން ކުރެވޭ ގޮތަށް އިންތިޒާމްވެފައި އޮތުމުން" ކަމަށެވެ.

"މި މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވާނަން. މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް،" އެމްއެންޕީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓޫރިސްޓުންތަކެއް ލަގެޖް ހޯދުމުގެ އިންތިޒާރުގައި: ޑްރަގު ހުރި ދެ ފޮއްޓެއް ގެއްލުނު މައްސަލައެއް ވަނީ ފެންމަތިވެފައި. (ދައުރު ފޮޓޯ)

އެނގުން މުހިންމު - މިހާތަނަށް ފުލުހުން ރަސްމީކޮށް ހާމަކޮށްފައި ވަނީ، ފުރަތަމަ ފޮށި ގެއްލުނު މައްސަލައިގެ މައުލޫމާތެވެ. އެގޮތުން، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ:

  • ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތެކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ  

  • ކަސްޓަމްސް އިން އެ މީހާ ފުލުހުންނާ ހަވާލުކުރި ނަމަވެސް، ލަގެޖް ހަވާލުކޮށްފައެއް ނުވޭ 

  • ހެކި ނެތުމުން އެ މީހާ މިހާރު ވަނީ ދޫކޮށްލާފައި

"އޭނާ ރާއްޖެ އައި އިރު، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި އެ ލަގެޖް ގެންދިޔަ މީހަކު ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުންގެ މެސެޖުގައި ބުންޏެވެ.

"މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފޫޓޭޖްތަކުން އެ ލަގެޖް އަދި ދެނެގަނެވިފައެއް ނުވޭ. އެއާޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތްކަން ފާހަގަކުރެވޭ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް