ހިޔާނާތުގެ ތެރެއިން ދޫކުރި ރ. ފުއްގިރި ފެންނަ ގޮތަށް ގޫގްލް މެޕްސްއިން ނަގާފައިވާ ސްކްރީންޝޮޓެއް.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ އިތުރު 3 މައްސަލައެއްގައި ދައުވާ ކުރަން މަޝްވަރާ ކުރަނީ

އެންމެ ފަހުން އޭސީސީން ބުނެފައިވަނީ ފަސް މައްސަލައެއްގައި ދައުވާ ކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް
6 ފެބްރުއަރީ 2023

ރިސޯޓު ހަދަން ރަށްތަކާއި ފަޅުތައް ވިއްކައިގެން ހިންގި އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ އިތުރު މައްސަލަތަކެއްގައި ޖިނާއީ ދައުވާ ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މަޝްވަރާތައް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ އިތުރު މައްސަލަތަކެއްގައި ދައުވާ ކުރަން މަޝްވަރާ ކުރަމުންދާކަން ރައީސް ހާމަކުރެއްވީ، އެ މަސައްކަތް ކުރަން މި ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނަށް ނަތީޖާ ނުނެރެވި އުވާލެއްވިތާ އަހަރެއް ވާން ގާތްވެފައި ވަނިކޮށެވެ. އެ ފަހުން ރައީސް އެ މަސައްކަތް ހަވާލުކުރެއްވީ އަލަށް މެމްބަރުން އައްޔަންކުރި އޭސީސީއާ އެވެ.

ބުނީ ކީކޭ؟ - ރައީސް ސޯލިހު ވަނީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލެއްވި ނަމަވެސް، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ މައްސަލަތަކުގެ ތަހުގީގުތަކާއި ދައުވާ ކުރުމާ ގުޅޭ ކަންކަން ކުރިއަށްދާ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން މިދިޔަ އަހަރު އަޅުގަނޑު ދެންނެވި ގާނޫނީ މަރުހަލާތައް ފެށިގެން ކުރިއަށް އެބަދޭ. ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުގެ މައްޗަށް މައްސަލަތައް ކުރިއަށް ގެންދަވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން" ރައީސް ސޯލިހު ދެއްވި ފަސް ވަނަ އަދި މި ދައުރުގެ ފަހު ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު ރިޔާސީ ބަޔާން އިއްވަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީގެ މަސައްކަތްތައް މިހާތަނަށް ހިނގާފައިވާ ގޮތާ ގުޅޭ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި:

  • 14 މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެ (ކުރީ ސަރުކާރުން ހުށަހެޅި މައްސަލަތައް ހިމަނައިގެން)

  • އޭގެ ތެރެއިން ފަސް ފަރާތަކަށް ކުރި 43 ދައުވާ ކޯޓުގައި ސާބިތުވެއްޖެ

  • ހަތް ފަރާތަކާއި ދެ ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށް އެބަދޭ

  • އޭސީސީން 53 މައްސަލައެއް ދަނީ ތަހުގީގުކުރަމުން

  • އޭގެ ތެރެއިން 8 މައްސަލައެއްގައި ޖިނާއީ ދައުވާ ކުރަން މަޝްވަރާ ކުރަނީ

އޭސީސީން މިދިޔަ އޮކްޓޯބަރުގައި ބުނީ، އަމިއްލަ ފަރުދުންނާއި ކުންފުނިތައް ހިމެނޭހެން ފަސް މައްސަލައެއްގައި ޖިނާއީ ދައުވާ ކުރަން ޕީޖީ އޮފީހާ އެކީ ޑިއުޓީ ޕްރޮސިކިއުޝަންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެންކަމުން، ރައީސް ވިދާޅުވި އަށް މައްސަލައިގެ ތެރޭގައި އިތުރު ތިން މައްސަލައެއް ހިމެނެ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ބޭއްވި އެންޓި-ކޮރަޕްޝަން ފޯރަމްގައި ރައީސް އޭސީސީގެ އިސް ވެރިންނާ އެކު. (ފައިލް ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިންމު - އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މިހާރު ކޯޓުގައި ކުރިއަށްދާ މައްސަލަތަކަކީ:

  • ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތައް

  • ފުއްގިރި މައްސަލައިގައި އަހުމަދު ކްރިކު ރިޒާގެ މައްޗަށް ކުރާ ދައުވާތައް

  • ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަނަށް ކުރާ ދައުވާތައް

  • ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްސަލަ

  • މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްސަލަ

  • އޭސީސީގެ ކުރީގެ އިންވެސްޓިގޭޓަރު އަބްދުﷲ އާޒިމްގެ މައްސަލަ

މި ހިޔާނާތާ ގުޅިގެން ދައުވާ ސާބިތުވެގެން މިހާތަނަށް ހުކުމް އިއްވާފައިވަނީ:

  • ކުރީގެ ރައީސް ޔާމީން 

  • ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 

  • ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް 

  • ހިޔާނާތުގެ ދުވަސްވަރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު

މީގެ ތެރެއިން ޔާމީންގެ މައްޗަށް، ގއ. ވޮޑަމުލާ މައްސަލައިގައި އިއްވި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް