ހައި ކޯޓު ހިންގާ އިމާރާތް: މިއަދު އެ ކޯޓުން ކުރި ހުކުމާ އެކު، ސަރުކާރުން އުފައްދާފައިވާ ހުރިހާ ކުންފުނިތަކަށް ވެސް މައުލޫމާތު ހާމަކުރުމަށް ވަނީ މަޖުބުރޫވެފައި.
އާރުޓީއައި ގާނޫނު ސަރުކާރު ކުންފުނިތަކަށް ވެސް ހިނގާނެ: ހައި ކޯޓު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި)ގެ ދަށުން، ސަރުކާރުން އުފައްދާފައިވާ ހުރިހާ ކުންފުނިތަކުން ވެސް މައުލޫމާތު ހާމަ ކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ކުރި ހުކުމެއްގައި ބުނެފި އެވެ.
އެނގުން މުހިންމު - އެ ގާނޫނުގައި ބުނާ 'ދައުލަތުގެ އިދާރާ'ތަކުގެ ގޮތުގައި ސަރުކާރު ކުންފުނިތައް ނުހިމެނޭ ކަމަށް ބުނެ، ބައެއް ކުފުންފުނިތަކުން އާރުޓީއައިގެ ދަށުން މައުލޫމާތު ހާމަކުރަން ދެކޮޅު ހަދަ އެވެ.
ވީ ކިހިނެއް؟ - ހައި ކޯޓުން މިގޮތަށް ހުކުމް ކުރީ، ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންނާއި އިސް މުވައްޒަފުންގެ މުސާރަތަކުގެ ތަފްސީލު ހޯދުމަށް ސޯޝަލް މީޑިއާ އެކްޓިވިސްޓު އައިމަން ލަތީފް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް ހުށަހެޅި މައްސަލައިގައި އެ ބޭންކުން ކުރި އިސްތިއުނާފާ ގުޅިގެންނެވެ. އެގޮތުން:
-
އައިކޮމް އިން ނިންމާފައިވަނީ، އެ މައުލޫމާތަކީ ދޭން ޖެހޭ މައުލޫމާތެއް ކަމަށް
-
ނަމަވެސް އައިކޮމްގެ އެ ނިންމުމާ ދެކޮޅު ހަދައި އެ މައުލޫމާތު ނުދީ، މި މައްސަލަ ބީއެމްއެލްއިން އިސްތިއުނާފް ކުރި
-
ހައި ކޯޓުން ހުކުމް ކުރީ، އައިކޮމްއިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް
ތަފްސީލު - އައިމަން އެދުނު މައުލޫމާތު ދިނުމަށް ބީއެމްއެލްއިން ދެކޮޅު ހެދި އެއް ސަބަބަކީ، ގާނޫނޫގައި ބުނާ 'ދައުލަތުގެ އިދާރާ'ތަކުގެ ތެރޭގައި އެ ބޭންކް ނުހިމެނޭ ކަމަށް ބުނެ އެވެ. ބޭންކުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައި ވަނީ:
-
ބީއެމްއެލްއަކީ، ދައުލަތުގެ އިދާރާއެއް ކަމަށް އައިކޮމް އިން ކަނޑައަޅާފައިވަނީ، ގާނޫނާ ހިލާފަށް ކަމަށް
މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދު ނެެރުއްވި ރައުޔުގައި ބީއެމްއެލްގެ އިސްތިއުނާފީ އެ ނުކުތާއަށް ވަރަށް ތަފްސީލު ޖަވާބެއް ދެއްވާފައިވެ އެވެ. އެ ރައުޔަށް، މި ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ހަސަން ޝަފީއު ތާއީދު ކުރައްވާފައިވެ އެވެ.
އެ ރައުޔުގައި، ގާނޫނުގައި ދައުލަތުގެ އިދާރާ މާނަކޮށްފައިވާ ގޮތާއި އައިކޮމްއިން ހަދާފައިވާ ގަވައިދުގައި މަނާކޮށްފައިވާ ގޮތް ހިމަނާފައިވެ އެވެ. އެގޮތުން:
-
ގާނޫނުގައި ދައުލަތުގެ އިދާރާ ކަމަށް ބުނެފައި ވަނީ، ވެރިކަން ހިންގާ ފަރާތާއި މަޖިލީހާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމާތީ ހިދުމަތްތަކާއި އިންތިހާބުކުރެވޭ ކައުންސިލަރުން ހިމެނޭ ގޮތަށް؛ އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާ ކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް ހިމެނޭނެ
-
ގަވައިދުގައި ދައުލަތުގެ އިދާރާ މާނަކޮށްފައި ވަނީ، ވެސް ހަމަ އެގޮތަށް؛ ނަމަވެސް އިތުރު ބަޔަކަށް ހިމަނާފައި ވަނީ، "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ވެސް މި ގަވައިދުގެ ބޭނުމަށް ބަލަނީީ ދައުލަތުގެ އިދާރާ" ކަމަށް
މަޒީދުގެ ރައުޔުގައި ފާހަގަކުރެއްވި ގޮތުގައި، ގާނޫނުގައި ނެތް އިބާރާތެއްގެ ގޮތުގައި ގަވައިދުގައި އޮތް "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ވެސް" ދައުލަތުގެ އިދާރާގެ ގޮތުގައި ހިމެނުމަކީ ގާނޫނީ މައްސަލައެއް ކަމަކަށް ނުފެނެ އެވެ.
"އެކަން ވެގެންދާނީ ގާނޫނުގައި 'ދައުލަތުގެ އިދާރާ'އަށް ދީފައިވާ މާނަ ތަފްސީލުކޮށްދޭ ނުވަތަ ޝަރަހަކޮށްދޭ ދިނުމެއް"ގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް މަޒީދު ލިޔުއްވާފައިވެ އެވެ.
ބީއެމްއެލްއިން ދެން ނެގި އިސްތިއުނާފީ ނުކުތާއަކީ، އައިމަން ހޯދުމަށް އެދުނު މައުލޫމަތަކީ ވިޔަފާރީގެ މަސްލަހަތަށްޓަކައި ހާމަ ނުކުރެވޭނެ މައުލޫމާތެއް ކަމަށެވެ. ނަމަވެސް ޝަރީއަތުން އެކަން ގަބޫލެއް ނުކުރެ އެވެެ.
"މި މައުލޫމާތަކީ ވިޔަފާރީގެ ސިއްރެއް ނުވަތަ ޓްރޭޑް ސީކްރެޓެއްގެ ގޮތުގައި ބެލެވިދާނެ މައުލޫމާތެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އަދި އެ މައުލޫމާތު ހާމަކުރުމަކީ ބޭންކް އޮފް މޯލްޑިވްސްގެ ވިޔަފާރީގެ ނުވަތަ މާލީ މަސްލަހަތަށް ގެއްލުން ވެދާނެ ކަމެއް ކަމަށް ބެލެވިދާނެ ސަބަބެއް [ބީއެމްއެލް]އަށް ބުނެދެވިފައެއް ނުވެ އެވެ،" ހުކުމުގައިވެ އެވެ.
އެހެންކަމުން ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރެއްވީ، އައިކޮމްއިން މި މައުލޫމާތު ހާމަކުރުމަށް ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
-
އިތުރަށް ކިޔާލަން: ބީއެމްއެލްގެ ވެރިންގެ މުސާރަ ހާމަކުރަން ހައިި ކޯޓުން ތާއީދުކޮށްފި