ބޭންކް އޮފް މޯލްޑިވްސް (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލްގެ ވެރިންގެ މުސާރަ ހާމަކުރަން ހައިި ކޯޓުން ތާއީދުކޮށްފި

ހައި ކޯޓުން ނިންމީ ބީއެމްއެލްއަކީ ވެސް ސަރުކާރުން އުފައްދާފައިވާ ކުންފުންޏަކަށް ވީތީ އާރުޓީއައި ގާނޫނަށް ފެތޭ ކަމަށާއި، މުސާރަތަކަކީ ވިޔަފާރީގެ ސިއްރެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް
5 ފެބްރުއަރީ 2023

ސަރުކާރާއި އާންމުން ހިއްސާވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގެ މެމްބަރުންނާއި އިސް މުވައްޒަފުންގެ މުސާރަތައް ހާމަކުރަން ޖެހޭ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ކަނޑައެޅީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްގެ ޑިރެކްޓަރުންނާއި އިސް މުވައްޒަފުންގެ މުސާރަތަކާ ގުޅޭ މައްސަލަ އައިކޮމްއަށް ހުށަހެޅީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު (އާރުޓީއައި) އެކްޓިވިސްޓު އައިމަން ލަތީފެވެ. އޭގެ ކުރިން އެ މައުލޫމާތު ހޯދަން ބީއެމްއެލްއަށް ހުށަހެޅުމުން، ބޭންކުން އެ މައުލޫމާތު ދޭން އިންކާރުކުރި އެވެ.

އައިކޮމް އިން ނިންމީ، ބީއެމްއެލް އިން އެ މައުލޫމާތު ހާމަކުރަން ޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް ކޯޓުން ބުނީ ދައުލަތުގެ އިދާރާތަކުގެ މާނައިގެ ތެރޭގައި ދައުލަތުގެ ކުންފުނިތައް ހިމެނޭ ކަމަށް ބުނާ މާއްދާ އުނިކުރަން ނުޖެހޭ ކަމަށް މީގެ ކުރިން ހައި ކޯޓުން ހުކުމްކޮށްފައިވާތީ ކަމަށެވެ.

ތަފްސީލް - އައިކޮމްގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަމުން ބީއެމްއެލް އިން ބުނި ގޮތުގައި:

  • ބޭންކަކީ 'ދައުލަތުގެ އިދާރާ'އެއް ކަމަށް ކަނޑައެޅީ ގޯސްކޮށް

  • ކޮމިޝަނަރުގެ ނިންމުން އާރުޓީއައި ގާނޫނާ ހިލާފު

  • ދައުލަތުގެ އިދާރާއެއް ކަމަށް ބެލި ނަމަވެސް އެދިފައިވާ މައުލޫމާތު ކުންފުނީގެ ވިޔަފާރީގެ މަސްލަހަތަށްޓަކައި ހާމަކުރާކަށް ނުޖެހޭ

ބޭންކުން މިހެން ބުނި ނަމަވެސް، ފަނޑިޔާރުން ނިންމެވީ ބީއެއްއެލްއަކީ ސަރުކާރުން އުފައްދާފައިވާ ކުންފުންޏަކަށް ވާތީ އާރުޓީއައި ގާނޫނުގައި ބުނާ ދައުލަތުގެ އިދާރާއެއްގެ މާނައިގެ ތެރެއަށް ފެތޭ ކަމަށެވެ. އަދި އެ ކުންފުންޏަކީ ދައުލަތުގެ އަގުލަބިއްޔަތު (މެޖޯރިޓީ) ހިއްސާ އޮންނަ ކުންފުންޏެއްކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ.

މުސާރަތަކާ ގުޅިގެން ހައި ކޯޓުގެ ފަނޑިޔާރުން ނިންމެވީ، ވިޔަފާރީގެ މަސްލަހަތަށް ނުވަތަ މާލީ މަސްލަހަތަށް ގެއްލުން ވާނެ މައުލޫމާތު ހާމަނުކުރުމުގެ އިހުތިޔާރު ލިބުނު ނަމަވެސް، މުސާރަތަކަކީ ވިޔަފާރީގެ ސިއްރެއް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

"މި މައުލޫމާތަކީ ވިޔާފާރީގެ ސިއްރެއް ނުވަތަ ޓްރޭޑް ސީކްރެޓެއްގެ ގޮތުގައި ބެލެވިދާނެ މައުލޫމާތެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އަދި އެ މައުލޫމާތު ހާމަކުރުމަކީ [ބީއެމްއެލް]ގެ ވިޔަފާރީގެ ނުވަތަ މާލީ މަސްލަހަތަށް ގެއްލުން ވެދޭނެ ކެއް ކަމަށް ބެލެވިދޭނެ ސަބަބެއް [ބީއެމްއެލް]އަށް ބުނެދެވިފައެއް ނުވެ އެވެ،" ހުކުމުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް