ސީލައިފްގެ ވެރިޔާ އަހްމަދު މުސާ: އޭނާ މިއަދު ވަނީ ކޯޓުން ދޫކޮށްލާފައި

އާއިލާގެ ދެ މީހަކު ޖާމިނުކޮށް ސީލައިފްގެ ވެރިޔާ ދޫކޮށްލައިފި

ކަފާލާތުގެ ދަށުން އަހްމަދު މޫސާ ދޫކޮށްލީ ޝަރުތުތަކަކާ އެކު

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ފިލި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކަފާލާތުގެ ދަށުން މިއަދު ކޯޓުން ދޫކޮށްލައިފި އެވެ.

މައްސަލައިގެ ފެށުން - ދެހާސް ސާދަ ވަނަ އަހަރު، އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެެޅުމަށް 280 މީހުންގެ އަތުން އޭނާ ފައިސާ ނެގި އެވެ. އަދި މަޝްރޫއު ކުރިއަށް ނުދާ މައްސަލަ ތަހުގީގު ކުރަން ފެށުމުން އޭނާ ލަންކާއަށް ގޮސް ފިލި އެވެ. އެ މައްސަލާގައި:

  • ކޮންމެ މީހެއްގެ އަތުން އަހުމަދު މޫސާ 50،000ރ. ނެގި ކަމަށް ބުނޭ

  • ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނެސް އޭނާ ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހު

  • ހިޔާނާތުގެ 42 ދައުވާއެއް އޭނާގެ މައްޗަށް އުފުލީ މިދިޔަ މެއި މަހު

  • ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި ޖޫން މަހު އޭނާ ބަންދުން ދޫކުރުމުން، ހައިކޯޓުން އަނެއްކާ ވެސް އޭނާ ބަންދުކުރަން އަމުރު ނެރުނު

ތަފްސީލު - ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަހްމަދު މުސާ ދޫކޮށްލަން ކޯޓުން ނިންމީ އޭނާގެ ދައްތަ އާއި ކޮއްކޮ ޖާމިނު ކުރުމަށް ފަހު ޝަރުތުތަކަކާ އެކު އެވެ. އެއީ؛

  • ކޮންމެ ދުވަހަކު 9:30އަށް ކަރެކްޝަންސްއަށް ސޮއި ކުރަން ދިޔުން

  • މާލެ އިން ބޭރަށް ދާނަމަ ކޯޓަށް އެންގުން

  • ހެކިންނަށް ނުފޫޒު ނުފޯރުވުން؛ ހެކިންނާ ބައްދަލުކޮށް ވާހަކަ ދައްކައި އެފަދަ އެއްވެސް ކަމެއް ނުކުރުން

އަހުމަދު މޫސާގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ. މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އޭނާގެ ބަންދު މުރާޖާކޮށްފައިވެ އެވެ. އެ ތިން ފަހަރު ވެސް ފިލާފާނެ ކަމަށް ބަލައި ކޯޓުން ހުކުމް ކުރީ ދޫކޮށްލެވެން ނެތް ކަމަށެވެ. އެންމެ ފަހުން މިދިޔަ މަހު 16 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް އަހްމަދު މުސާ އެދިފައި ވަނީ މީހަކު ޖާމިނުކޮށްފައި އޭނާ ދޫކޮށްލުމަށެވެ. 

މީގެ ކުރިން، އަހުމަދު މުސާ ކޯޓުގައި ބުނެފައި ވަނީ، އޭނާ ލަންކާގައި އުޅުނީ ފިލައިގެން ނޫން ކަމަށާއި އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން ކަމަށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް