އަހުމަދު މޫސާ މުހައްމަދު: ކޯޓުން މިއަދު ހުކުމް ކުރީ އޭނާ ދޫކޮށްލެވެން ނެތް ކަމަށް.
އަނެއްކާވެސް ފިލާފާނެ ކަމަށް ބަލައި އަހުމަދު މޫސާ ދޫކޮށެއް ނުލި
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކާރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ފިލައިގެން އުޅުނު ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުުހައްމަދު (އައްމަޓީ) ދޫކޮށްލެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ައންގައިފި އެވެ.
މައްސަލައިގެ ފެށުން - 2014 ގައި، އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެެޅުމަށް 280 މީހުންގެ އަތުން އޭނާ ފައިސާ ނެގި އެވެ. މަޝްރޫއު ކުރިއަށް ނުދާ މައްސަލަ ތަހުގީގު ކުރަން ފެށުމުން ލަންކާއަށް ގޮސް އޭނާ ފިލި އެވެ.
މި މައްސަލައިގައި:
-
ކޮންމެ މީހެއްގެ އަތުން އަހުމަދު މޫސާ 50،000ރ. ނެގި ކަމަށް ބުނޭ
-
ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނެސް އޭނާ ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީގައި
-
ހިޔާނާތުގެ 42 ދައުވާއެއް އޭނާގެ މައްޗަށް އުފުލީ މިދިޔަ މެއި މަހު
-
ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި ޖޫން މަހު އޭނާ ބަންދުން ދޫކުރުމުން، ހައިކޯޓުން އަނެއްކާ ވެސް އޭނާ ބަންދުކުރަން އަމުރު ނެރުނު
ވީ ކިހިނެއް؟ - އަހުމަދު މޫސާގެ ބަންދު މުރާޖާ ކުރުމަށް އޮތް އަޑުއެހުމުގައި ދައުލަތުން އެދުނީ، ބަންދަށް ބަދަލެއް ގެންނަޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަހްމަދު މޫސާ އެދުނީ ޝަރުތަކަކާއެކު އޭނާ ދުކޮށްލުމަށެވެ. އެ ޝަރުތުރަކަކީ:
-
1-
ޕާސްޕޯޓު ހިފެހެއްޓުން
-
2-
މާލޭން ފުރައިގެން ދާ ނަމަ ކޯޓުގެ ހުއްދަ ހޯދުން
-
3-
ކަފާލާތުގެ ދަށުން މީހަކު ޖާމިނުކޮށްފައި ދޫކޮށްލުން
ދައުލަތުން ފާހަގަ ކުރި މުހިންމު ބައެއް ނުކުތާތައް:
-
ދައުވާ އުފުލާފައިވާ 42 މައްސަލައިގައި ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ހުރިކަން
-
ހައިކޯޓުން އޭނާ ބަންދުކުރުމަށް ކޮށްފައިވާ ހުކުމަށް ރިއާޔަތްކޮށް އަދިވެސް އޭނާ ފިލާފާނެ ކަމުގެ ބިރު އޮތުން
-
ރެޑް ނޯޓިސް ނެރުމުން ވެސް މީގެ ކުރިން އޭނާ ތަހުގީގަށް ހާޒިރުވެފައި ނުވުން
-
2011 ގައި އޭނާގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވުން
-
ބަންދުގައި ބެހެއްޓުމަށް ސިއްހީ ހާލަތު ތަންދިނުން
ހުކުމް - ކޯޓުން ހުކުމް ކުރީ، ދައުލަތުން އެދުނު ގޮތަށް، ޝަރުތުތަކަކާއެކުވެސް އަހުމަދު މޫސާ ދޫކޮށްލެވެން ނެތް ކަމަށެވެ. އެގޮތުން، ކޯޓުން ބުނީ:
-
އޭނާގެ މައްޗަށް އުފުލާފައިވާ 42 ދައުވާއަކީ، ގިނަ އަދަދެއްގެ ފާއިސާއަށް ހިޔާނާތްތެެރިވެފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި މައްސަލަތަކެއްކަން
-
އަހުމަދު މޫސާގެ ފަރާޔުން ހުށަހެޅި ލިިޔެކިޔުންތަކުން، ބަންދަށް ލުޔެއް ދޭން ޖެހޭ ހާލަތެއް ނެތްކަން އެނގޭކަން
"ބަންދުން ދޫކޮށްލައިފި ނަމަ، އަހުމަދު މުސާ ކޯޓަށް ހާޒިރުވު ނުވެ، ފިލާފާނެ ކމުގެ އިހްތިމާލު ދެމިއޮތް ކަމަށް ބެލެވޭއިރު، އެ އިހްތިމާލު ފިލާދާނެ ކަމެއް މުއްތަހަމުގެ ފަރާތުން ހުށަހެޅިފައި ނުުވާތީ، ބަންދުގައި ހުރި ހުރުން ދެމެހެއްޓުމަށް ނިންމަމެވެ،" ގާޒީ ހަސަން ސައީދު ކުރެއްވި ހުކުމްގައިވެ އެވެ.
އިތުރު ތަފްސީލް - އަހުމަދު މޫސާގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދު މުރާޖާކޮށްފައިވެ އެވެ. ދެ ފަހަރު ވެސް ކޯޓުން ހުކުމް ކުރީ ދުކޮށްލެވެން ނެތް ކަމަށެވެ.
މީގެ ކުރިން، އަހުމަދު މުސާ ކޯޓުގައި ބުނެފައިވަނީ، އޭނާ ލަންކާގައި އުޅުނީ ފިލައިގެން ނޫން ކަމަށާއި އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން ކަމަށެވެ.