ނ. ތޮޅެންދޫ: ކުރިން މީހުން ދިރިއުޅުނު އެ ރަށް 21 އަހަރަށް ކުއްޔަށް ދޫކުރަން އެގްރިކަލްޗާ މިނިސްޓްރީން މަސައްކަތް ފެށުމުން އަތޮޅު ކައުންސިލުން ވަނީ އެކަމާ ދެކޮޅުކަން އަންގާފައި. (ފޮޓޯ/ މުހައްމަދު މިފްޒާލް)

ނ. އަތޮޅުގެ ރަށްތައް ދިނުން ހުއްޓުވަން ކޯޓުން އަމުރެއް ނުދިން

ކައުންސިލާ ދެކޮޅަށް ކޯޓުގެ ނިންމުން އައި އެއް ސަބަބަކީ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ފަދައިން، ޖުޑީޝަލް ރިވިއުގެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ކުރިން މަޝްވަރާކޮށްގެން ހައްލެއް ހޯދަން މަސައްކަތް ނުކުރާތީ
1 ފެބްރުއަރީ 2023

ނޫނު އަތޮޅުގެ ދެ ރަށެއްގައި ރިސޯޓު ހަދަން ކުއްޔަށް ދިނުމާ ދެކޮޅަށް އެ އަތޮޅު ކައުންސިލުން ރައީސް އޮފީހާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ މަސައްކަތް މަޑުޖައްސާލުމުގެ އަމުރެއް ނުނެރެން އެ ކޯޓުން ނިންމައިފި އެވެ.

އެނގުން މުހިންމު - ނޫނު އަތޮޅުގެ ރަށްތަކާއި ފަޅުތައް ދިނުން ހުއްޓުވަން ނ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކުރީ، އެ ތަންތަނުން އެ އަތޮޅު ރައްޔިތުންނަށް މަންފާ ނުލިބޭ ކަމަށް ބުނެ، މިދިޔަ އަހަރުގެ ސެމްޓެމްބަރުގަ އެވެ. 

އެއީ އެ އަތޮޅު ތޮޅެންދޫ 21 އަހަރަށް ކުއްޔަށް ދޭން އުޅުނު މައްސަލައިގަ އެވެ. ތޮޅެންދޫ މައްސަލައިގައި ސިވިލް ކޯޓުން ވަނީ އެ ރަށް ދޫކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދީފަ އެވެ. ދައުލަތުން އެ އަމުރު އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވެސް ވަނީ އަމުރަށް ތާއީދުކޮށްފަ އެވެ.

ވީ ކިހިނެއް؟ - މިހާރު ކޯޓުގައި ކުރިއަށް ދަނީ އެ އަތޮޅު ކެނދިވަރާއި ކަނޑޫދޫ (ދޮނައެރިކަނޑޫދޫ) ދިގު މުއްދަތަކަަށް ޓޫރިޒަމަށް ދިނުމާ ގުޅޭ މައްސަލައެކެވެ. މި މައްސަލަ ހުށަހަޅަމުން ކައުންސިލުން ބުނީ، ރައީސް އޮފީހާ ދެކޮޅަށް މައްސަލަ ހުށަހެޅީ އެ ކައުންސިލާ މަޝްވަރާ ނުކޮށް ރަށްތައް ދޭން ނިންމުން ލާމަރުކަޒީ ގާނޫނާ ހިލާފު ވާތީ ކަމަށެވެ.

ތަފްސީލް - ނ. އަތޮޅު ކައުންސިލުން މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދޭ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރީ:

  • ކޯޓުން ވަކި ގޮތެއް ނުނިމެނީސް ރަށްތައް ކުއްޔަށް ދީފިނަމަ ހުކުމުގެ ބާރު ކެނޑުން

  • އަތޮޅުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގެ މަތިކޮށްފައިވާ ފަރާތުގެ ހައިސިއްޔަތުން ދެ ރަށުގައި ވެސް ކައުންސިލުގެ މަސްލަހަތު ހިމެނުން

  • ރަށް ދިނުމުގެ އެއްބަސްވުންތައް އެކުލަވާލައިފި ނަމަ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުން އަދި ހުކުމް ތަންފީޒު ނުކުރެވޭނެ ހާލަތެއް އައުން

ނ. ތޮޅެންދޫ (ފޮޓޯ/ގޫގުލް އާތު)

ވަގުތީ އަމުރަށް އިންކާރުކުރަމުން ދިން ރައްދުގައި ދައުލަތުން ކޯޓުގައި ބުނީ، މި ދެ ރަށަކީ ވެސް ކުއްޔަށް ދޭން އެއްބަސްވެފައިވާ ރަށްތަކެއް ކަމުން އެއްބަސްވުން އުވާލައިގެން ލިބިދާނެ ގެއްލުމަށް ބަލާއިރު، މި މައްސަލައިގައި ދައުލަތުގެ މަސްލަހަތު މާ ބޮޑު ކަމަށެވެ. 

  • ކެނދިވަރު - މިދިޔަ މަހުގެ 22ގައި ދަމަކް އޯޝަން ހައިޓްސް ކޮމްޕެނީއަށް ކުއްޔަށް ދޫކޮށްފައި

  • ކަނޑޫދޫ - 12 ޑިސެމްބަރު 2017ގައި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުގެ ކްރޮސް ސަބްސިޑީގެ ގޮތުގައި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓަށް ދޭން ނިންމާފައި

އަބޫ ދާބީ ފަންޑުުގެ އެހީގައި ތަރައްގީކޮށްފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު (ފޮޓޯ/މޯލްޑިވިއަން)

އޭގެ އިތުރުން، މިހާރު އަމަލުކުރަމުންދާ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި ބާވަތުގެ ޖުޑީޝަލް ރިވިއުގެ މައްސަލަތަކުގައި، އެންމެ ފަހު ކަމަކަށް މެނުވީ ކޯޓަށް މައްސަލަ ހުށަހަޅައިގެން ހައްލު ހޯދަން ބަޔާންކުރި ނަމަވެސް ކައުންސިލުން އެފަދަ ކަމެއް ކޮށްފައި ނުވާ ކަމަށް ވެސް ދައުލަތުން ފާހަގަކުރި އެވެ.

ކައުންސިލުގެ އަމަލުތަކަށް ފާޑުކިޔަމުން، ދައުލަތުން ބުނީ މި މައްސަލައިގައި ގަރާރެއް ނެރެ، އެ ނިންމުމަށް ގޮންޖެހުމުގެ އިތުރަށް މައްސަލައިގައި ސުލްހަވެރި ހައްލެއް ހޯދަން އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާ ކަމަށެވެ. އަދި މިހާރު ވެސް، ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް މަޝްވަރާ ކުރުމުގެ ފުރުސަތު އޮތް އިރު، ޖުޑީޝަލް ރިވިއުގެ ދައުވާއެއް ހުށަހަޅައިގެން ކުރިއަށް ނުދެވޭނެ ކަަމަށް ވެސް ދައުލަތުން ބުންޏެވެ.

ފަނޑިޔާރުގެ ބަސް - ކޯޓުން ވެސް ބުރަވީ، މި ނުކުތާއަށެވެ. ޝަރީއަތުން ފާހަގަކުރި ގޮތުގައި، މި މައްސަލައިގައި ދައުލަތުން އެ ފާހަގަކުރާ ފަދައިން، މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް ހައްލު ހޯދަން އަތޮޅު ކައުންސިލުން ކޮށްފައިވާ މަސައްކަތެއް އެނގޭނެ ލިޔުމެއް ހުށަހަޅާފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް