ނ. ކެދިވަރު (ފޮޓޯ/ގޫގުލް އާތު)

ކެނދިވަރާއި ކަނޑޫދޫ ދޫކުރުން ހުއްޓުވަން ނ. އަތޮޅު ކައުންސިލުން ކޯޓަށް

8 ޖެނުއަރީ 2023

ނޫނު އަތޮޅުގެ ފަޅުތަކާއި ރަށްތައް ދިގުމުއްދަތަށް ދޫކުރުމާ ދެކޮޅަށް އަތޮޅު ކައުންސިލުން ފާސްކޮށްފައިވާ ގަރާރާއި ލާމަރުކަޒީ ގާނޫނާ ހިލާފަށް ނ. ކެނދިވަރާއި ނ. ކަނޑޫދޫ ޓޫރިޒަމްގެ ބޭނުންތަކަށް ދޫކުރުން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ނ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

އެނގުން މުހިންމު - ނޫނު އަތޮޅުގެ ރަށްތަކާއި ފަޅުތައް ދިނުން ހުއްޓުވަން ނ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކުރީ އެތަންތަނުން އެ އަތޮޅު ރައްޔިތުންނަށް މަންފާ ނުލިބޭ ކަމަށް ބުނެ މިދިޔަ އަހަރުގެ ސެމްޓެމްބަރުގަ އެވެ. 

އެ މައްސަލަ ފެށުނީ އެ އަތޮޅު ތޮޅެންދޫ 21 އަހަރަށް ކުއްޔަށް ދޭން އުޅުމުންނެވެ. ތޮޅެންދޫ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ އެ ރަށް ދޫކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދީފަ އެވެ. މި އަމުރަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

ވީ ކިހިނެއް ؟ - ކެދިވަރާއި ކަނޑޫދޫ ކުއްޔަށް ދިނުން ހުއްޓުވަން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދެމުން ނ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ބަޝީރު 'ދައުރު'އަށް ވިދާޅުވީ، ކައުންސިލުގެ ގަރާރާ އެއްގޮތަށް ޑިސެމްބަރު 26ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، އެ ކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

ތަފްސީލް - ކެނދިވަރާއި ކަނޑޫދޫ ދިގު މުއްދަތަށް ކުއްޔަށް ދިނުން ހުއްޓުވަން ނ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކުރީ މިދިޔަ ޑިސެމްބަރު 20ގަ އެވެ. އެ ދުވަހުގެ ޖަލްސާގައި ބައިވެރިވި 9 މެމްބަރުންގެ ތެރެއިން 7 މެމްބަރުންގެ ވޯޓާއެކު ފާސްކުރި މި ގަރާރުގައި ބަޔާންކުރި ގޮތުގައި:

  • ޓޫރިޒަމްގެ ބޭނުމަށް ސިންގަލް ޕާސަލް އުސޫލުން ރަށްތައް ދޫކުރަން ރައީސް ކަނޑައެޅުއްވީ ލާމަރުކަޒީ ގާނޫނޫ ހިލާފަށް، އަތޮޅު ކައުންސިލާ މަޝްވަރާނުކޮށް

  • މައްސަލަ ކޯޓަށް ހުށަހަޅަނީ އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ރަށް ދޫކުރުން ހުއްޓުވައިދޭން އެދި

ނ. ތޮޅެންދޫ (ފޮޓޯ/ގޫގުލް އާތު)

މި ރަށްތައް ދޫކުރުމާ ވެސް ކައުންސިލުން ދެކޮޅީ ތޮޅެންދޫ ދޭން ދެކޮޅު ހެދި ސަބަބުތަކެވެ. އެގޮތުން އެއީ ނާޒުކު ތިމާވެއްޓެއް އޮތް، ވެށީގެ ދިރުމުގެ ގޮތުން މުއްސަނދި އަގު ހުރި ރަށެއް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އަދި މި ރަށްތައް ރައްޔިތުން ދަތުރު ގޮސް ހަދާށާއި ކޮމިއުނިޓީ ފާމިން ފަދަ ކަންކަމަށް ހާއްސަކުރުން މާ ބޭނުންތެރި ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އެނގުން މުހިންމު - ސަރުކާރުގެ 'އައިލްސް' ވެބްސައިޓުން ދައްކާ ގޮތުގައި:

  • ކެދިވަރަކީ މީގެ ކުރިން، އެކުއަޕޯނިކްސް މަސައްކަތް ކުރަން އަމިއްލަ ބަޔަކަށް ކުއްޔަށް ދިން ރަށެއް؛ އެ ރަށުގެ އެއްބަސްވުން ހަމަވީ 2019ގައި

  • ކަނޑޫދޫއަކީ އެގްރިކަލްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ރަށެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް