ފަޅު ރަށެއް ކަމަށްވާ ނ. ތޮޅެންދޫ: ވިޔަފާރިއަށް ފަޅު ރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމާ އެކު އެ ވަސީލަތްތައް ދަނީ އާއްމުންނަށް ބަންދުވެގެން. (ފޮޓޯ/ މުހައްމަދު މިފްޒާލް)

އަތޮޅުތައް

ފަޅު ރަށްރަށުގެ މައްސަލަ އދގެ ކޮމިޓީއަކަށް؛ ދައުލަތް ޒިންމާދާރުކުރަން އެހީވާން ގޮވާލައިފި

ދައުލަތް ލައްވައި 6 ކަމެއް ކުރުވުމަށް ރާއްޖޭގެ ރަށްރަށަށާއި އަންހެނުންނަށް އެހީތެރިވުމަށް ލޭންޑް ސީ މޯލްޑިވްސް ޖަމްއިއްޔާ އިން ވަނީ އދގެ ސީޑޯ ކޮމިޓީއަށް ގޮވާލާފައި

ދިވެހި ރައްޔިތުންނަށް މިލްކުވެގެންވާ ގުދުރަތީ ވަސީލަތްތަކުން ނަފާ ހޯދުމުގެ އުފަލެއް އެ ރައްޔިތުންނަކަށް މިހާރަކު ނެތެވެ؛ ރާއްޖޭގެ އަމިއްލަ ޖަމްއިއްޔާއަކުން އެ ގޮތަށް ބުނީ، ރާއްޖޭގެ ފަޅު ރަށްތައް ބޭނުންކުރާނެ ގޮތް ރާވައި މެނޭޖުކުރުމުގައި އާއްމުން ބައިވެރި ނުކުރާތީ އޭގެ ގެއްލުން ދިވެހިން ތަހައްމަލްކުރަމުންދާކަން އދގެ ކޮމިޓީއަކަށް ހާމަކޮށްދެމުންނެވެ.

އަންހެނުންނާ މެދު ކުރާ ހުރިހާ ބާވަތެއްގެ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދގެ މުއާހަދާ (ސީޑޯ)ގެ ކޮމިޓީއަށް ލޭންޑް ސީ މޯލްޑިވްސް ޖަމްއިއްޔާ އިން މި ހަފްތާގައި ހުށަހެޅި އެ ޝަކުވާގައި ބުނިގޮތުގައި ދިވެހިންގެ ބިންތަކެއް އެ މީހުން އަތުން އަތުލުމުގެ ސަބަބުން ކާނާ އާއި އާމްދަނީގެ ވަސީލަތްތަކެއް ވަނީ ގެއްލިފަ އެވެ. އަދި އޭގެ އަސަރު އަންހެނުންނަށް ވަކިން ބޮޑަށް ވަނީ ފޯރައިފަ އެވެ.

އެނގުން މުހިއްމު - ފަޅު ރަށްރަށާއި ފަޅުތައް ފަދަ ގުދުރަތީ ވަސީލަތްތައް ދިގު މުއްދަތަށް ކުއްޔަށް ދޫކުރަމުންދާ ގޮތުން އެ ތަންތަނުގެ ސީދާ މަންފާ އިން އާއްމުން މަހުރޫމުވެފައިވާކަން ފަހަކަށް އައިސް ބައެއް އަތޮޅުތަކުން ދަނީ ފާހަގަކުރަމުންނެވެ. އެއް ކަމަކީ އާއިލާގެ ކެއުމަށާއި އާމްދަނީއަށް ފަޅު ރަށްރަށުން ތަކެތި ހޮވައިގެން އުޅޭ އަންހެނުންނަށް ލިބޭ ގެއްލުމެވެ. ޒަމާންވީ ފުން މި މައްސަލައިގައި އިންސާފު ހޯދަން ނ. އަތޮޅު ކައުންސިލުން ތެދުވެ، އިންތިގާލީ އިންސާފުގެ އޮފީހަށް މިދިޔަ މަހު މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

ސީޑޯ ކޮމިޓީން އަމިއްލަ ޖަމްއިއްޔާތަކަށް ދޭ ފުރުސަތުގައި ލޭންޑް ސީ މޯލްޑިވްސް އިން ބައިވެރިވެ ފަޅު ރަށްތަކުގެ މައްސަލަ ނެގީ، މޫސުމަށް އަންނަ ބަދަލުތަކުން މެދުވެރިވާ ކާރިސާތަކުގެ ހިރާސް ކުޑަކުރުމުގައި އަންހެނުންގެ ބޭނުންތަކަށް ބެލުމުގެ ދާއިރާ އާއި ދިރިއުޅުމަށްޓަކައި ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި މާހައުލެއް ލިބުމުގެ ހައްގާ ގުޅުވައިގެންނެވެ. 

ލާމަރުކަޒީ ހިންގުން ހަރުދަނާކުރުމަށާއި އިގްތިސޯދީގޮތުން އަންހެނުން ބާރުވެރިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ބާރު ގުދުރަތީ ވަސީލަތްތަކާއި ބިމުގެ މައްޗަށް އޮތް ގޮތް ރިވިއުކުރަން ޖެހޭ.

ލޭންޑް ސީ މޯލްޑިވްސް

'ބިންތަކަށް މަޖިލީހާއި ސަރުކާރުގެ ބާރު އޮތް ގޮތް ރިވިއުކުރަން ޖެހޭ'

ލޭންޑް ސީ މޯލްޑިވްސްގެ އެއް ފައުންޑަރު މުނާ މުހައްމަދު، ސީޑޯ ކޮމިޓީއަށް ހޯމަދުވަހު އޮންލައިންކޮށް ބަޔާން އިއްވަވަމުން ވިދާޅުވި ގޮތުގައި ގިނަ ބަޔަކަށް ފައިދާ ލިބެނިވި ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކާއި ފަޅު ރަށްތައް ބޭނުންކުރުމުގެ ހައްގުން އާއްމުން ވަނީ މަހުރޫމުވެފަ އެވެ؛ ހާއްސަގޮތެއްގައި، ކާނާ އާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި އާމްދަނީ ހޯދުމަށް ގުދުރަތީ ވަސީލަތްތަކަށް ބަރޯސާވާ މީހުންނަށް ގެއްލުން ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

ލޭންޑް ސީ މޯލްޑިވްސް އިން ބުނިގޮތުގައި ކާބޯތަކެތި ހޯދުމާއި ސިއްހީ ގޮތުން އަދި ބިން ފުރި ތޮއްޖެހުމުގެ ސަބަބުން ދިވެހިންނަށް ބޯހިޔާވަހިކަމުގެ މައްސަލަ އާއި އެތަކެއް އިޖުތިމާއީ އިގުތިސާދީ ގޮންޖެހުންތައް ކުރިމަތިވެފައި ހުރި އިރު، ފަޅު ރަށްރަށުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ހުރީ ޓޫރިޒަމަށް ދޫކޮށްފަ އެވެ. އަދި އެފަދައިން ޓޫރިޒަމަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް ރަށެއް ނަގާ ހިސާބުން އެ ރަށެއް އާއްމުންނަށް ބަންދުވެގެންދާކަން ބަޔާނުގައި މުނާ ފާހަގަކުރެއްވި އެވެ.

"ލާމަރުކަޒީ ހިންގުން ހަރުދަނާކުރުމަށާއި އިގްތިސޯދީގޮތުން އަންހެނުން ބާރުވެރިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ބާރު ގުދުރަތީ ވަސީލަތްތަކާއި ބިމުގެ މައްޗަށް އޮތް ގޮތް ރިވިއުކުރަން ޖެހޭ،" ސްވިޓްޒަލެންޑުގެ ޖެނީވާގައި ކުރިއަށްދާ ސީޑޯ ބައްދަލުވުމަށް އޮންލައިންކޮށް ބަޔާން އިއްވަވަމުން މުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ކާމިޔާބުކުރުމަށާއި ބޯހިޔާވަހިކަމުގެ ހައްގާއި ކާބޯތަކެތީގެ ކަށަވަރުކަމާއި އަންހެނުން ބާކީ ނުކުރާ، އެންމެންނަށް މަންފާ ލިބޭ އިގްތިސޯދެއް ބިނާކުރެވޭނީ ވަސީލަތްތައް ހިންގުމުގައި އެންމެންގެ ބައިވެރިވުން އޮވެގެންނެވެ.

މުނާ ސީޑޯ ކޮމިޓީއަށް ބަޔާން އިއްވަވަނީ
ސީޑޯ ކޮމިޓީގެ ޗެއާޕާސަން ބައްދަލުވުމުގައި

ޖަމްއިއްޔާގެ ގޮވާލުން: ދައުލަތުން 6 ކަމެއް ކުރަން ކޮމިޓީން ބާރު އެޅުން

މައްސަލަ ހުށަހަޅަމުން ލޭންޑް ސީ މޯލްޑިވްސް އިން ވަނީ ދައުލަތުގެ ޒިންމާތައް އަދާކުރުވުމަށް ރާއްޖޭގެ ރަށްރަށަށާއި އަންހެނުންނަށް އެހީތެރިވުމަށް ސީޑޯ ކޮމިޓީއަށް ގޮވާލައިފަ އެވެ. އެ ޒިންމާތަކުގެ ގޮތުގައި އެ ޖަމްއިއްޔާ އިން ހަ ކަމެއް ފާހަގަކުރި އެވެ. އެއީ:

  • 1-

    އާބާދީ ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުމަށް ބިން ހިއްކުމުގެ ބަދަލުގައި، މީހުން ދިރިއުޅުމަށް ގުދުރަތީ ރަށްރަށް ހަމަޖެއްސުމަށް އިސްކަންދިނުން (އެއީ ބިން ހިއްކުމުން ކަނޑުގެ މާހައުލީ ނިޒާމުތައް ނެތިގޮސް، މޫސުމަށް އަންނަ ބަދަލުތަކަށް ގުދުރަތީ ރައްކާތެރިކަން ހޯދުމުގެ ފުރުސަތުން މީހުން މަހުރޫމްވެގެންދާތީ)

  • 2-

    ގުދުރަތީ ވަސީލަތްތަކާއި ފަޅު ރަށްތައް ބޭނުންކުރުމުގައި ރަށްރަށުގެ ބޭނުންތަކަށާއި އަންހެނުންނަށް އަދި ދުޅަހެޔޮ ދިރިއުޅުމަކަށް އިސްކަންދިނުމަށް، ރައްޔިތުންގެ މަޝްވަރާގެ މަތިން އަދި ގާނޫނީ އޮނިގަނޑެއް ހިމެނޭ ގޮތަށް، ހަރުދަނާ ނިޒާމެއް ގާއިމްކުރުން

  • 3-

    އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި މެނޭޖުކުރުމުގެ ޕްލޭންތައް ހަދައި ތަންފީޒުކުރުމަށް އަތޮޅު ކައުންސިލްތަކަށް އެހީތެރިވުން

  • 4-

    ގުދުރަތީ ވަސީލަތްތަކާއި ބިމާއި ފަޅު ރަށްރަށް ވިޔަފާރީގެ ބޭނުމަށް ދޫކުރުމުގެ މުއާމަލާތްތައް ހިންގާ ހުރިހާ މަރުހަލާތަކެއްގެ މައުލޫމާތާއި ތަފާސްހިސާބު ހާމަކަމާ އެކު ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުން

  • 5-

    މިހާރު ރިސޯޓު ތަރައްގީކުރާ މޮޑެލްއާ ދުރަށް ގޮސް، މިހާރަށް ވުރެ ރަނގަޅަށް އެންމެންނަށް ފައިދާ ލިބޭ މޮޑެލްއަކަށް ޓޫރިޒަމް ދާއިރާ ބައްޓަންކުރުން

  • 6-

    އަންހެނުންނާއި ރަށްރަށު މީހުންގެ އިންސާނީ ހައްގުތައް ނިގުޅައިގަންނަ ގޮތަށް ބިން އަތުލާފައި ހުރި މައްސަލަތަކާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ރަށްރަށާއި ޓޫރިޒަމް އިންޑަސްޓްރީއާ ދެމެދު ވާހަކަތައް ފެށުން

ހޯމަދުވަހުން ފެށިގެން ނޮވެމްބަރު 12ގެ ނިޔަލަށް ކުރިއަށް ގެންދާ ސީޑޯގެ 80 ވަނަ ބައްދަލުވުމަށް ލޭންޑް ސީ މޯލްޑިވްސް އިން މިދިޔަ ސެޕްޓެމްބަރުގައި ހިޔަނި ރިޕޯޓެއް ވެސް ހުށަހެޅި އެވެ. ހިޔަނި ރިޕޯޓު ހުށަހަޅަން ގައުމެއްގެ އެކި ފަރާތްތަކަށް ފުރުސަތު ދެނީ ސަރުކާރުން ހުށަހަޅާ ރަސްމީ ރިޕޯޓަށް ދޭ ރައްދެއްގެ ގޮތުގަ އެވެ.

އަންހެނުންނާ މެދު ތަފާތުކުރުން ނައްތާލައި ހައްގުތައް ކަށަވަރުކުރުމަށް ރާއްޖެ އިން މަސައްކަތްކޮށްފައިވާ ގޮތާ ބެހޭގޮތުން ސީޑޯ ކޮމިޓީން ދިވެހި ސަރުކާރާ ސުވާލުކުރުން މިއަދާއި މާދަމާ އޮންނާނެ އެވެ.

  • އިތުރަށް ކިޔާލަން:

ކޮމެންޓް (3)

އަސްލުހާލަތު

20 އޮކްޓޯބަރު 2021
ލޭންޑު އެންޑު ސީއޭ ކިޔާ ޖަމުއްޔާ ހެދީމަ ކަލޭމެން ހިތީ ދަޢުލަތުގެ ބާރު ކސނޑުވާލެވޭނެކަމަށް؟؟ ކަލޭމެން ކަމަށްތަ ބިންތަކަށާއި ކަނޑުތަކަށް ބަސް ކިޔާ ސިޔާސަތު އެކުލަވާލަނީ؟؟ ބަލަ މައިސަރުކާރުގެ ބާރު ނުހިނގާހޮތަށް ބިންތަކާ ފަޅުތައް އޮތުމުގެ ސިޔާސަތު ތިޔައީ ފެޑެރަލް ވިސްނުމެއް މިއީ ޔުނިޓަރީ ދަޢުލަތެއްކަމަށްޤާނޫނު އަސާސީގަ އޮތީ.. ޔުނިޓަރީ ސިދަ ކަނޑުވާލަން ނޫޅޭ.. ދެން ފެންނާނި އެއް ބަދަލު ސުވަދީބު އަނެއްބަޔަކު ނޯތުދީބު އަނެއް ބަޔަކު މެދު ދީބު ހަދާ ޤައުމު ބައިބައިކޮށް މިނިވަންކަމާ ސިޔާދަތު ގެއްލޭތަން..
0 1

ލޭންޑް

20 އޮކްޓޯބަރު 2021
@އަސްލުހާލަތު ކޮމެންޓްކުރުމާ ޝަކުވާ ކުރުމަކީ އަދި ބިންތަކުގެ މައްޗަށް ޖަމިއްޔާއަކުން ބާރު ހިންގުން ކަމުގައި ދެކިގެން ނުވާނެ. އަދި އެއީ ސިޔާސަތު އެކުލަވާލުމުގެ ބާރު އަތުލަން މަސައްކަތް ކުރުން ކަމަށް ވެސް ނުބެލެވޭނެ. ސަރުކާރުން ހަދާ ސިޔާސަތުތަކުން މީހުންނަށް ކުރާ އަސަރުތައް ދުރާލާ ވިސްނޭ ބަޔަކު އެކަމާ ކަންބޮޑުވެ އެހެން މީހުންގެ އެހީތެރިކަމާއެކު އެ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރުމަކީ ސިޔާސީ ކަމެއް ވެސް ނޫން.
2 0

އިބްރާހިމް

20 އޮކްޓޯބަރު 2021
ވަރަށް ފުރިހަމަ އަދި އެހާމެ މުހިއްމު ލިޔުމެއް! ފަޅު ރަށްރަށާއި ފަޅުތައް ފަދަ ގުދުރަތީ ވަސީލަތްތައް ދިގު މުއްދަތަށް ކުއްޔަށް ދޫކުރަމުންދާ ގޮތުން އެ ތަންތަނުގެ ސީދާ މަންފާ އިން އާއްމުން މަހުރޫމުވެފައިވާކަން ފަހަކަށް އައިސް ބައެއް އަތޮޅުތަކުން ދަނީ ސަރުކާރު ތަކުގެ ސަމާލުކަމަށް ގެންނަމުން. އެކަމަކު މިކަމަކަށް އެއްވެސް އެދެވޭ ޖަވާބެއް ނުލިބޭ!
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް