ދަނޑިކޮށި ޖަގަހަގައި ރޭ ބޭއްވި ޖަލްސާގައި މަރިޔާ ބައިވެރިވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)
މާރިޔާއަށް، ޔާމީން މިނިވަންވި ސުޕްރީމް ކޯޓުގެ ހުކުމް 'ހަލާލެއް' ނުވި
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރު އިއްވި ހުކުމަށް ފާޑުވިދާޅުވެ، އެއީ ހަލާލު ނޫން ހުކުމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު 1 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑަކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން، ޔާމީންގެ މައްޗަށް އޭރު އިއްވާފައި އޮތް ހުކުމް، އިސްތިއުނާފު މަރުހަލާގައި ސުޕްރީމް ކޯޓުން ބާތިލް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގެ ޖަގަހަ ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުން މާރިޔާ ވަނީ އެ ހުކުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
ތަފްސީލު - ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ އެހެން މައްސަލައެއްގައި ޔާމީން 11 އަހަރަށް ޖަލަށް ލުމަށް މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް އިޝާރާތްކުރައްވައި މާރިޔާ ވިދާޅުވީ އެއީ "ހާރާމް ހުކުމެއް" ކަމަށް އިދިކޮޅުން ގޮވަމުންދާއިރު، މީގެ އެއް އަހަރު ކުރިން ސުޕްރީމް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމް އެ ކޯލިޝަނަށް "ރަނގަޅު" ކަމަށެވެ.
"ބައްލަވާ ސުޕްރީމް ކޯޓުގެ ނިންމުން، ކުރީގެ ފަހަރު ރައީސް ޔާމީންގެ [މައްސަލައިގައި]. ފާހަގަކުރެވުނު ނުކުތާތަކުގެ ތެރޭގައި އޮތީ، ރައީސް ޔާމީން އެކައުންޓުގައި މި ފައިސާ ހުރުން އެއީ ގޯހެއް، ދެން އޮންނަ ކަމެއް ވެސް ގޯހޭ، ވެރިޔަކަށް ހުރެގެން މިކަން ކޮށްގެން ނުވާނޭ، އެކަން ކޮށްގެން ނުވާނޭ. ދެން ކުރައްވަން ނުވާނޭ ކަންތައްތަކުގެ ލިސްޓު އައީ ނިމެންދެން،" ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒުމިރާލްދާ ޒާހިރާއި ފަނޑިޔާރު މުހައްމަދު އިބްރާހިމްއާ އެއް ބެންޗެއްގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ޝަރީއަތުގައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި އެ ހުކުމަށް ފާޑުވިދާޅުވާން ފައްޓަވަމުން މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، އެ ހުކުމްގައި ފާހަގަ ކުރި ނުކުތާތަކުގައި ގިނަ ކަން ގޯސް ކަމަށް ނިންމުމަށް ފަހު، "ކޮންމެވެސް ނަންބަރެއްގެ ސަބަބުން ޔާމީން ނިމުނީ މައުސޫމް މީހަކަަށް" ކަމަށެވެ.
"އެ ދުވަހު އެ ހުކުމް ރަނގަޅު. އެކަމަކު މިއަދު މި ހުކުމް މިވީ ހަރާން ހުކުމަށް،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތުގައި، އެގޮތަށް ހުރިހާ ކަމެއް ގޯސް ކަމަށް ނިންމުމަށް ފަހު، "ނަންބަރެއްގެ ސަބަބުން" އެ ގޮތަށް ހުކުމް ކުރުމުން އެކަން ހަރާމްތޯ ނުވަތަ ހަލާލުތޯ ރައްޔިތުން ވިސްނަން ޖެހެ އެވެ.
"ހަމަ ޔަގީނުން ވެސް އަޅުގަނޑު ދަންނަ ޝަރީއަތުގައި، ފާހަގަކުރެވުނު ނުކުތާތައް ގޯސް ކަމަށް ވަންޏާ، ހުކުމް އަންނަން ޖެހޭނީ ފާހަގަ ކުރެވޭ ނުކުތާއާ އެއްގޮތަށް. އެހެން ނޫނީ އެ ހުކުމް ހަލާލެއް ނުވާނެ،" ފަނޑިޔާރު މަހާޒު ލިޔުއްވައި، އަނެއް ދެ ފަނޑިޔާރުން ތާއީދު ކުރެއްވި އެ ހުކުމަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވި އެވެ.
"އެކަމަކު އެ ދުވަހު އެ ހުކުމް ހަލާލުވެފައި މިއަދުގެ ހުކުމް ހަރާމްވެފައި، މިއަދު ގާޒީ ބިރުގަންނަވާފައި ގާޒީއާ ދިމާލަށް ހުރިހާ އެއްޗެއް ކިޔަމުން އެ އޮތް ދަނީ."
-
އިތުރަށް ކިޔާލަން - މަނީ ލޯންޑަރިންގެ ކުށް ސާބިތުނުވެ ޔާމީން މިނިވަންވެއްޖެ
އެނގުން މުހިންމު - ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ، އެމްއެމްޕީއާރުސީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1 މިލިއަން ޑޮލަރުގެ ރިޝްވަތު އެމަނިކުފާނު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވުމުގެ ކުށް ސާބިތުވެގެންނެވެ. އިދިކޮޅުން ބުނަނީ، އެއީ އިންޑިއާގެ ނުފޫޒުން ކުރި "ހަރާން" ހުކުމެއް ކަމަށެވެ.
ކުށް ސާބިތުވި 1 މިލިއަން ޑޮލަރާ ބެހޭގޮތުން ދިފާއުގައި ޔާމީން ވިދާޅުވެފައި ވަނީ، އެއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ ހުކުމްގައި ބުނެފައިވަނީ، އެމަނިކުފާނު ހުށަހެޅުއްވި ބައެއް ހެކިތަކަކީ ސައްހަ ނޫން ހެކިތަކެއް ކަމަށާއި އެއީ ނުހިނގާ ކަމެއް ހިނގި ކަމަށް ދެއްކުމަށް ކުރި ކަމެއް ކަމަށެވެ.
-
އިތުރަށް ކިޔާލަން - ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
ކޮމެންޓް (2)
ފިކުރެއްގެ ނިމުން
ނެތޭ.