އައްޑޫގައި ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި މުހައްމަދު ޒަޔާން، 21.

ޒަޔާންގެ މަރު

ޒަޔާން މަރުގައި ހިމެނޭ ކުޑަކުދިން ރެކްރޫޓުކުރި ކަމަށް ބުނާ 7 މީހަކަށް ދައުވާކޮށްފި

ޒަޔާން މަރާލި މައްސަލައިގައި 11 މީހަކު ހިމެނޭއިރު، ދެން ތިބީ ހަތަރު ކުޑަކުދިން
28 ނޮވެމްބަރު 2022
6

މުހިންމު ނުކުތާތައް

ރެކްރޫޓު ކުރުމުގެ ދައުވާތައް އުފުލީ "ގޭންގު"ގެ ބޮޑުންނަށް

ޒަޔާންގެ މަރުގައި ބައިވެރިވުމުގެ ދައުވާތައް ވެސް އެ މީހުންގެ މައްޗަށް ކުރޭ

މިއީ ރެކްރޫޓު ކުރި މައްސަލައެެއްގައި އެންމެ ގިނަ ބަޔަކަށް ދައުވާ ކުރެވުނު ފަހަރު

އައްޑޫ ފޭދޫގެ ދެ ގްރޫޕެއްގެ މެދުގައި ހިނގި ސިލްސިލާ މާރާމާރީތަކަށް ފަހު މުހައްމަދު ޒަޔާން މަރާލި މައްސަލައިގައި ހިމެނޭ ކުޑަކުދިން ރެކްރޫޓު ކުރުމުގެ ތުހުމަތުގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ޖޫން 2 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން، ސ. ފޭދޫ/ސޮލިޑް މަރާލީ ގޭންގަކުން އޭނާ ދިރިއުޅޭ ގެއަށް ވަދެގެންނެވެ. ޒަޔާން މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަކީ އައްޑޫގެ 'މަގުއްދޫ ގްރޫޕް'އަށް ނިސްބަތްވާ ބައެކެވެ.

އެ މަރާ ގުޅޭ މައުލޫމާތު ހޯދުމަށް 'ދައުރު'ން ކުރި މަސައްކަތުގައި ޒަޔާން މަރާލަން އޯޑަރު ދިނީ، މަގުއްދޫ ގުރޫޕާ ގުޅިފައި އޮންނަ، މާލޭގައި ހަރަކާތްތެރިވާ ގޭންގަކުން ކަމަށް އެ ރަށުން މި ނޫހަށް މައުލޫމާތު ދިން މީހުން ވަނީ ބުނެފަ އެވެ. މިކަން ފަހުން ކަށަވަރުކޮށްދެމުން ފުލުހުން ވެސް ބުނީ ޒަޔާންގެ މަރާ މާލޭގެ ގޭންގަކާ ގުޅުން އެބައޮތް ކަމަށެވެ.

ވީ ކިހިނެއް؟ - ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި، ދައުވާ ކުރަން ފޮނުވި މީހުންނަށް ކުރަނީ:

  • ހަ މީހެއްގެ މައްޗަށް ކުޑަކުދިން ލައްވާ ކުށް ކުރުވުމުގެ އަށް ދައުވާ

  • ބާކީ ހުރި މީހާގެ މައްޗަށް ކުޑަކުދިން ލައްވާ ކުށް ކުރުވުމުގެ ހަތަރު ދައުވާ

މި ހުރިހާ ދައުވާތަކަކީ ވެސް ހެއްކާ އެކު ކޮންމެ ކުށެއް ވަކިން ސާބިތުކުރެވޭނެ ދައުވާތަކެއް ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ 24 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޕީޖީ ފާހަގަކުރެއްވި އެވެ.

ޒަޔާންގެ މަރުގެ މައްސަލައަކީ، ކުޑަކުދިންތަކެއް ލައްވާ ޖިނާއީ ކުށެއް ކުރުވުމުގެ ދައުވާ އެންމެ ގިނަ ބަޔެއްގެ މައްޗަށް އެއް މައްސަލައެއްގައި ދައުވާތައް އުފުލި މައްސަލަ އެވެ.  

ޒަޔާންގެ މަރާ ގުޅޭގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކުރަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ތަފްސީލް - ޒަޔާންގެ މަރާ ގުޅިގެން މިހާތަނަށް 11 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ. މި މައްސަލައިގައި ހިމެނޭ ކުޑަކުދިންނަކީ:

  • 15 އަހަރުގެ ދެ ކުދިން

  • 16 އަހަރުގެ ކުއްޖެއް

  • 17 އަހަރުގެ ކުއްޖެއް

ޕީޖީ އޮފީހުން ވަނީ މި ހަތަރު ކުދިންގެ މައްޗަށް ދައުވާ ކުރަން މިދިޔަ އޮކްޓޫބަރު މަހު ފޮނުވާފަ އެވެ. ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރީ އޭގެން އެއް ކުއްޖެއްގެ މައްޗަށެވެ. އަނެއް ތިން ކުދިންގެ މައްޗަށް ކުރީ، ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. 

މި މައްސަލައިގައި ހިމެނޭ ދެ ކުއްޖަކު ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އެހެންވެ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، އެ ކުދިން ކުށުގެ ވެއްޓާ ދުރުކުރަން ޑައިވާޝަން ފުރުސަތު ވަނީ ދީފަ އެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ހިމެނޭ ކުޑަކުދިން ފިޔަވައި ބާކީ ތިބި މީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ފުލުހުން ބުނާ ގޮތުގައި މި އެންމެންނަކީ ވެސް ކުށުގެ ރެކޯޑުު އޮންނަ މީހުން ކަމަށެވެ. އެއީ: 

  • އަހްމަދު ޝުއާއު (24އ)، ދިރިމާގެ/ސ. ފޭދޫ

  • އަބްދުﷲ ޝިއާއު ރަޝީދު (22އ)، ދިރިމާގެ/ސ. ފޭދޫ

  • އައިލިޝް އަލީ (19އ)، ފުފޫމާގެ/ސ. ފޭދޫ

  • އަބްދުﷲ ނިޒާރު (28އ)، ކާމަރަގަގެ، ސ. ފޭދޫ

  • އަހްމަދު އަބްދުﷲ (25އ)، ކަރަންފޫގެ، ސ. ފޭދޫ

  • ޔައިޝް އަންވަރު (19އ)، ކަދުރުމާގެ، ސ. ހިތަދޫ

  • އަހްމަދު ނަބީލް (34އ)، ސަންޝައިން، ސ. ފޭދޫ

ރެކްރޫޓު ކުރުމުގެ ދައުވާތަކުގެ އިތުރުން މި މީހުންގެ ތެރެއިން ޔައިޝް އާއި އައިލިޝްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. ދެން ތިބި 5 މީހުންނަށް ކުރަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ. 

ގުޅުން ހުރި ކަމެއް - ޒަޔާންގެ މަރުގެ މައްސަލައިގައި މީގެ ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މައްސަލައިގައި ހިމެނޭ ކުޑަކުދިން ރެކްރޫޓު ކުރި ގޮތާ ގުޅޭ ގޮތުން، ފުލުހުން ވެސް ބައެއް ކަންކަން ހާމަކޮށްފައިވެ އެވެ. ފުލުހުން ބުނި ގޮތުގައި:

  • ކުޑަކުދިން ގޭންގަށް ރެކްރޫޓު ކުރަން ބޭނުންކުރީ އޮންލައިން ގޭމެއް

  • ކުދިންނާ މުއާމަލާތްކޮށް ވަކިކަންކަން ކުރަން ހިއްވަރު ލައިދެނީ ގޭމުގެ ތެރެއިން

  • ސައިކަލާއި ފޯނާއި ފޯނަށް ބޭނުންވާ ޑޭޓާ ހަދިޔާއަށް ދޭ

  • އެޕާޓްމަންޓުތައް ކުއްޔަށް ހިފައިގެން ކުދިން އެތަންތަނުގައި ބައިތިއްބާ

"ކުޑަކުދިން ގްރޫމްކޮށް، އެކްސްޕްލޮއިޓް ކުރާ ފަރާތްތަކުން އެ ކުދިންނަށް ބައިސްކަލު ގަނެދީ، ބައެއް ފަހަރު ސައިކަލު ދީ، ބައެއް ހާލަތްތަކުގައި ކޮފީ ބޯ ތަންތަން ހަދައިދީ، ކޮފީ ބޯން ރެސްޓޯރެންޓްތަކަށް ގެންގޮސްދީ. އަދި ބައެއް ހާލަތްތަކުގައި 16 އަހަރާ 18 އަހަރާ ދެމެދުގެ ބައެއް ކުދިން ވަކި ތަންތަން ކުއްޔަށް ހިފައި ބައިތިއްބާ. މިކަންކަން ކުރަމުންދާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަވި،" ފުލުހުންގެ ސައުތު ރީޖަންގެ ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރައްވާފައިވެ އެވެ.



ކޮމެންޓް (6)

ކާޅު ތުއްކަލާގޭ އާމިނަ

28 ނޮވެމްބަރު 2022
މަ ޢެރު ވެސް ބުނިން މިއީ ބޮނޑިވަރެއް ބޯނެ ސޮރެކޭ. ވަޅިއާއި ފުރޮލާއި ހަނު ލައިގެން ރޭގަނޑު ނުނިދާ ދުވެ އެއްލަމުން ދުވަނިކޮށް ރީތި ގޮތެއް ވެއްޖެ އެއްނު
0 0

ލޯދުބެ

28 ނޮވެމްބަރު 2022
@ކާޅު ތުއްކަލާގޭ އާމިނަ ކީކޭ ބުނާނީ. މިވެރިންގެ ގަމާރުކަމާހެދި މުޅިގައުމުގެ އައިކިއު ވެއްޓެނީ.
0 0

ގާއިމް

28 ނޮވެމްބަރު 2022
އެހެންނޭ ވާނީ ހިމޭނުން ނުތިބެވެންޏާ
0 0

ބެލްޖިއަމް

28 ނޮވެމްބަރު 2022
ދިރިމާގެ އެއީ ކުށްކުރުމުގެ ޔުނިވާސިޓީއެއްތަ؟
1 0

އިބްރޭ

28 ނޮވެމްބަރު 2022
އަދަބު ލިބުން ދޯ މުހިންމީ، ކޯޓުން ސަލާމަތްނުވާނެގޮތް ވާނެ ހދަން ކޮނމެހެން ވެސް.
1 0

އަބުލް ބެރިކޭޑް ޔޫސްފުލް ބްލޫބެރީ

28 ނޮވެމްބަރު 2022
ކޮބާ. ތާހިރު ވެއްޖެއެއްނުން. އަދިވެސް ދުވޭ ވަޅިޖަހަމުން ހޭބަލިވެގެން. މަންމަ ޓިއުޝަނަށް ފޮނުވީމަ ބޭޑް ބޯއިސް ހެދިގެން ލައްކަ ދުވަހު އުޅެވިއްޖެއެންނުން. ކިރުބުއި ދަތް ވެއްޓުނު ތަނުން ހޫނު ނުފިލައިގެން އަދި މިއުޅެނީ މިވެރިންގެ. ގޭ ތެރޭ އަންމާފޮތް ކިޔަވަން އޮވެބަލަ ދުއްތުރާލަކަށް ނުވެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް