Majlis 2024

ޒަޔާންގެ މަރާ ގުޅޭގޮތުން ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ޒަޔާންގެ މަރު

ޕަބްޖީ ކްރެޑިޓް: ގޭންގުތަކުން ކުޑަކުދިން ހައްލައިލަން ބޭނުންކުރާ އުކުޅެއް

ޒަޔާންއަށް ހަމަލާ ދިނުމާއި ހެކި ނައްތާލުމުގެ ބައިގައި އިސްކޮށް ހަރަކާތްތެރިވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން. އެ ހަމަލާ ރޭވުމާއި އެކަމަށް ހަރަދުކުރި ކަމަށް ތުހުމަތު ކުރެވޭ 'މަގުއްދޫ' ގުރޫޕުގެ ބޮޑުން އޭގެ ތެރެއިން ބައެއް ކުދިން ރެކްރޫޓް ކުރަން ބޭނުންކުރީ އޮންލައިން ގޭމެއް
20 އޮކްޓޯބަރު 2022
6

ޕަބްޖީއޭ ބުނުމުން އެއީ ކޯއްޗެއްކަން ޒުވާނުންނަށް އެނގޭނެ އެވެ. މިއީ މޮބައިލް ގޭމިންގައި މުޅި ދުނިޔެއަށް ބަލައިލިޔަސް އެންމެ ގިނަ މީހުން ކުޅޭ އެއް ގޭމެވެ. ރާއްޖޭގައި ވެސް މި ގޭމު ކުޅޭ ޒުވާނުންނާއި ކުޑަކުދިންގެ އަދަދު ހާހުން ގުނާލެވޭނެ އެވެ. ތަރުހީބު އެހާ ބޮޑެވެ. ނުރައްކާތެރި ގޭންގުތަކުން އޭގެ ނާޖާއިޒު ފައިދާ ވަރަށް ރަނގަޅަށް ވެސް ނަގައިފި އެވެ.

އައްޑޫ ފޭދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކަކަށް ފަހު މިދިޔަ ޖޫން މަހު މުހައްމަދު ޒަޔާން މަރައިލީ އޭނާ ދިރިއުޅޭ ގޭގެ ތެރޭގަ އެވެ. އެ މަރަށް ހަތަރު މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންމެވެސް ވަރަކަށް އެ މައްސަލައިގެ ކަންކަން ނިއުޅުވާލަދިނެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ފާހަގަވި މުހިންމު ކަމެއް އިއްޔެ ހާމަކުރި އެވެ. އެއީ ޒަޔާން މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި އައްޑޫ 'މަގުއްދޫ' ގުރޫޕަށް ނިސްބަތްވާ 11 މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ތެރެއިން ބައެއް ކުދިން ރެކްރޫޓު ކުރި ގޮތެވެ. ފުލުހުން ބުނީ އެއީ އޮންލައިން ގޭމެއްގެ ތެރެއިން ހިނގާ ކަމެއް ކަމަށެވެ. އެއީ ވާހަކައިގެ އެއްބައި ނަމަވެސް، އެއީ އާންމުން އަދި ވަކިން ހާއްސަކޮށް ބެލެނިވެރިން ސަމާލުވުން މުހިންމު ކަމެކެވެ.

ޒަޔާންގެ މަރާ ގުޅޭގޮތުން ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ކުޑަކުދިން ވާ ވައްދާލަނީ ވާޗުއަލް ފައިސާކޮޅަކަށް

"މި ހަމަލާގައި ބައިވެރިވި ބައެއް ކުދިން ރެކްރޫޓުކުރެވިފައި ހުރި ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އޮންލައިން ގޭމިންގެ ތެރެއިން،" ފުލުހުންގެ ސައުތު ރީޖަންގެ ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް ވިދާޅުވި އެވެ.

"ގޭމުގެ ތެރެއިން ކުދިންނާ މުއާމަލާތް ކުރެވިގެން، އެކުދިންނަށް އެކަމަށް ހިތްވަރުދެވިގެން، އެ ކުދިންނާ ބައްދަލުކުރެވިގެން، ވަކި ކަހަލަ މާހައުލުތަކެއް އުފައްދައިދީގެން އެތަނުގައި ގޭމް ކުޅޭނެ ފުރުސަތު ދީގެން މި ކަންތައްތައް ކުރެވިފައި ހުރިކަން ފާހަގަވީ."

ފުލުހުންގެ ސައުތު ރީޖަންގެ ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

މިކަމާ ގުޅޭ އިތުރު މައުލޫމާތު، ފޭދޫއިން 'ދައުރު'އާ ވާހަކަދެއްކި މީހުންގެ ފަރާތުން ވަނީ ލިބިފަ އެވެ. އެމީހުން ބުނާ ގޮތުގައި މަގުއްދޫ ގުރޫޕުން ކުދިން ރެކްރޫޓު ކުރާ އެއް ގޮތަކީ ޕަބްޖީ އެވެ. ޕަބްޖީ ގޭމުގެ ފައިސާ (އަންނޯން ކްރެޑިޓް ނުވަތަ ޔޫސީ) އަކީ އަސްލު ފައިސާއިން ގަނެވޭ، އެ ގޭމުގެ ތެރޭގައި އެކި ކަންކަމަށް ހަރަދުކުރަން ބޭނުންކުރާ ވާޗުއަލް ފައިސާ އެވެ.

"ގޭމް ކުޅޭއިރު އެ މީހުންނާ ބައްދަލުވާ ކުދިން ވާ ވައްދަނީ ޔޫސީ އަޅައިދޭނަމޭ ކިޔާފައި،" މަގުއްދޫ ގުރޫޕުގެ ބައެއް ހަރަކާތްތައް އެނގޭ ޝަހުދު [އަސްލު ނަމެއް ނޫން] 'ދައުރު'އަށް ކިޔައިދިނެވެ.

"އެކަން އަސްލު އެންމެ ގަދައަށް ކުރީ ކޮވިޑްގެ ބޮޑު ލޮކްޑައުން ދުވަސްވަރު. އެގޮތަށް ޔޫސީ އަޅައިދޭތީ އެމީހުންގެ [ކުޑަކުދިންގެ] އެހެން ރައްޓެހިން ވެސް އެ ގުރޫޕާ ގާތްވީ."

ޕަބްޖީ ޔޫސީ ބޭނުންކުރަނީ އެ ގޭމުގައި ބޭނުންކުރަން އެ ނޫން ގޮތަކަށް ނުލިބޭ 'ކޫލް' ބަޑިތަކާއި ކެރެކްޓާތަކުގެ ސްކިން ނުވަތަ އަންނައުނު ފަދަ ތަކެތި ގަތުމަށެވެ. ވާޗުއަލް ފައިސާކޮޅެއް ގަންނަން، އަސްލު ފައިސާ ހަރަދުކުރުމަކީ ދަރިން ދެކެ ކިތަންމެ ލޯބިވިޔަސް، ގިނަ މައިންބަފައިން ކޮށްދޭނެ ކަމެއް ނޫނެވެ. އެއީ މަދު ހާލަތެއްގައި ފިޔަވައި ބޭކާރު ހަރަދެކެވެ. ނަމަވެސް، އެއީ ބޭކާރު ހަރަދެއްކަން މިފަދަ ގޭމުކުޅޭ ގިނަ ޒުވާނުންނަށް ވެސް ނުވިސްނޭ ހާލުގައި، ކުޑަކުއްޖަކަށް އަމުދުން ވިސްނޭނެހެނެއް ހިޔެއް ނުވެ އެވެ.

ދެވަނަ މަރުހަލާ: އިތުރު ހަދިޔާތަކާއި އިނާޔަތްތައް

މައިންބަފައިން ނުކޮށްދޭ ހަރަދުގައި މި ހިފަނީ ގޭންގުތަކުންނެވެ. ނަމަވެސް ޝަހުދު ސިފަކުރީ އެއީ އަދި ފުރަތަމަ މަރުހަލާ ކަމަށެވެ. ނުވަތަ އެއީ ރެކްރޫޓު ކުރާ އެއްގޮތް ކަމަށެވެ. ޔޫސީ އަޅައިދީ، އެކުގައި ގޭމު ކުޅެ، ޝަމީމް އެ ވިދާޅުވި ފަދައިން އެ ކުދިންނާ ގުޅުން ބަދަހިކުރަމުން ގޮސް، އެ ކުދިންނާ ބައްދަލު ކުރެ އެވެ. އެހިސާބުން ދެނީ ޕަބްޖީ ޔޫސީ އެކަންޏެއް ނޫނެވެ. ސައިކަލު ބުރުޖަހަން ގޮސް، ސައިކަލު ދުއްވާލަން އެ ކުދިން އަތަށް ދިނުން ފަދަ ކަންތައްތައް ކުރެ އެވެ. އަގުބޮޑު ސްމާޓްފޯން ފަދަ ތަކެތި ގަނެދީ ފޯނަށް ޑޭޓާ އަޅައިދެ އެވެ. 

"ވަކި ކަހަލަ މާހައުލުތަކެއް އުފައްދައިދީގެން، އެތަނުގައި ގޭމް ކުޅޭނެ ފުރުސަތުތައް ދީގެން" ކަމަށް ޝަމީމް ވިދާޅުވި ކަމަކީ މާލޭގައި ވެސް އެކަން ހިނގާ ގޮތެވެ. މުއްސަނދި ގޭންގުތަކުން އެޕާޓްމަންޓުތައް ކުއްޔަށް ނަގައިގެން އެތަނުގައި ގޭމިން ކޮންސޯލް ބަހައްޓައި، ކުދިން ހިތްފުރެންދެން ގޭމު ކުޅެން ބައިތިއްބަ އެވެ. އެކަމަކު، އެއީ ބަދަލުގައި އެ މީހުން ބުނާ "ޓާސްކުތައް" ފުރިހަމަކޮށްދޭ މަތިންނެވެ.

ފުލުހުންގެ ސައުތު ރީޖަންގެ ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

"ކުޑަކުދިން ގްރޫމްކޮށް، އެކްސްޕްލޮއިޓް ކުރާ ފަރާތްތަކުން އެ ކުދިންނަށް ބައިސްކަލު ގަނެދީ، ބައެއް ފަހަރު ސައިކަލު ދީ، ބައެއް ހާލަތްތަކުގައި ކޮފީ ބޯ ތަންތަން ހަދައިދީ، ކޮފީ ބޯން ރެސްޓޯރެންޓްތަކަށް ގެންގޮސްދީ. އަދި ބައެއް ހާލަތްތަކުގައި 16 އަހަރާ 18 އަހަރާ ދެމެދުގެ ބައެއް ކުދިން ވަކި ތަންތަން ކުއްޔަށް ހިފައި ބައިތިއްބާ. މިކަންކަން ކުރަމުންދާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަވި،" ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަންކަމުގެ ގޮތުގައި ޝަމީމް ފާހަގަކުރެއްވި އެވެ.

ޝަމީމް ވިދާޅުވި ބައެއް ވާހަކަތަކުގެ ތަފްސީލު، ޝަހުދު އޮޅުންފިލުވައިދިނެވެ. ޝަމީމް އެ ވިދާޅުވި ގިނަ ކަންކަމަކީ، ޝަހުދު ބުނި ގޮތުގައި، އެއް ފުރާޅެއްގެ ދަށުން ކުރެވޭ ގޮތަށް ހުންނަ ކަންކަމެވެ.

"ފޭދޫ ބޮޑު މަގުގައި ހުންނަ އެ ގުރޫޕުގެ ނަން ބޮޑުކޮށް ޖަހާފައި ހުންނާނެ ފާރެއް. އެ ފާރު ހުންނަ ގެއަކީ އެ މީހުންގެ [ކުރީގެ] އައްޑާ. އެއީ ކުޑަވަރެއްގެ ކުލަބެއް،" އޭނާ ބުންޏެވެ.

"އެތާ އޭރު ހުންނަނީ ކޮފީ އާއި ޝީޝާ ބޮވޭ ގޮތަށް. ޕްލޭސްޓޭޝަން އެއްޗެހި ހުންނާނެ ބަހައްޓާފައި."

އެއީ، ޑުރަގް ވިޔަފާރި އާއި ޖުވާކުޅުމާއި އެ ނޫން ވެސް ޖަރީމާތަކުން ލައްކައިން މިލިއަނުން ފައިސާ ނަގާ ގޭންގަކަށް، ކުރަން އެއްގޮތަކަށް ވެސް އުނދަގޫ ކަންކަމެއް ނޫނެވެ.

ރެކްރޫޓުކުރާ ދެވަނަ ގޮތް: ރަހުމަތްތެރި ދައުވަތެއް، ނޫނެކޭ ބުނެފިނަމަ އިންޒާރު

ޒަޔާންގެ މަރާ ގުޅިގެން 'ދައުރު' އިން މީގެ ކުރިން ޖެހި ރިޕޯޓެއްގައި ވެސް، މަގުއްދޫ ގޭންގަށް ކުޑަކުދިން ރެކްރޫޓު ކުރާ ގޮތް ކޮންމެވެސް ވަރަކަށް ކިޔައިދީފައިވާނެ އެވެ. ފޭދޫއަށް އަތްގަދަކޮށްގެން އުޅުނު މަގުއްދޫ ގުރޫޕުން އަންގައިދީފައި އޮންނަނީ އެ ރަށު ސްކޫލް ކުދިންނަށް އެ މީހުންނާ ގުޅުން ނޫން ގޮތެއް ނޯންނާނެ ކަމެވެ.

"ފޭދޫ ސްކޫލުން ގުރޭޑް 10 ނިންމާ ކުދިން ޖެހޭނީ އަހަރެމެންނާ ގުޅެން. އެހެން ނޫނީ މި ރަށުގައި އުޅެން ވަރަށް އުނދަގޫ ވާނެ އެ ބަޔަކަށް،" މީގެ ދެ އަހަރު ކުރިން މަގުއްދޫ ގުރޫޕުގެ އިސް މީހަކު އެ ރަށު ކެފޭއެއްގެ ތެރޭގައި ހުރެ އާންމުކޮށް އަންގައި އިއުލާންކުރި އެވެ. އެ އަޑު އެހި މީހުން ބައިވަރެވެ.

އައްޑޫ ފޭދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/އައްޑޫލައިވް)

މަގުއްދޫ ގްރޫޕުގެ ނުފޫޒު ފޭދޫ ސްކޫލްގައި އެންމެ ގަދަވި ދުވަސްވަރު އެކަން ތަޖުރިބާކުރި މޫސަ (އަސްލު ނަމެއް ނޫން) 'ދައުރު'އަށް ކިޔައިދިން ގޮތުގައި އެކަމަށް އިޖާބަ ނުދޭ ކުދިންނަށް، މަގުއްދޫ ގްރޫޕުން ރެކްރޫޓުކޮށްފައިވާ ކުދިން ސްކޫލް ތެރެއިން އަހުވަ ދައްކަ އެވެ.

"އެމީހުންގެ އޮވޭ ބޮޑު ގްރޫޕެއް ސްކޫލް ތެރޭގައި. ފުރަތަމަ ބުނަނީ އެމީހުންނާ ޖޮއިން ކުރާށޭ. ނޫނެކޭ ބުނީމަ ދެން އަނިޔާކުރަން ފެށީ،" އޭނާ ބުންޏެވެ.

"ޓީޗަރުން ތިއްބަސް އެމީހުން ކުރާ ކަމެއް ކުރޭ. ސްކޫލަށް އަންނައިރު އަންނަނީ ކަޓަރާއި ވަޅި ކަހަލަ އެއްޗެހި ހިފައިގެން."

އެ އުނދަގޫ ބޮޑުވެގެން ގޮސް، އޭނާ ބުނި ގޮތުގައި، ބައެއް ކުދިންނަށް ނަފްސާނީ ގޮތުން އަނިޔާ ލިބި، ކިޔެވުމާއި ރަށް ދޫކޮށް އެހެން ތަންތަނަށް ގޮސްފައި ވެސް އެބަހުއްޓެވެ.

ރެކްރޫޓު ކުރުމަށް ފަހު 'ތަމްރީން' ކުރަން މާލެއަށް

ރެކްރޫޓު ކުރުމަށާއި ރެކްރޫޓު ކުރާ ކުދިންނަށް ޑުރަގު ފައިސާއިން އަގުބޮޑު ތަކެތި ގަނެފައި ދެނީ ހިލޭސާބަހަކަށް ނޫނެވެ. ކުރިން ބުނި ގޮތަށް، އެމީހުންނަށް ދޭ ޓާސްކުތައް ފުރިހަމަ ކުރަން ޖެހެ އެވެ. އެކި މީހުންނަށް ދެނީ އެކި ޓާސްކުތަކެވެ.

"ކުދިން އަތަށް އެއްޗެހި ދީފައި ބުނަނީ މި އެއްޗެހި އެމީހުން [މަގުއްދޫ ގުރޫޕުގެ ބޮޑުން] ބުނަންދެން ފޮރުވަދޭށޭ،" މޫސަ ބުންޏެވެ.

ގުރޫޕުތަކުގެ ކޯޑު ބަހުން ބުނާ ނަމަ، މޫސަ އެ ބުނީ، އެ ކުދިން މަގުއްދޫ ގުރޫޕުގެ ތިޖޫރި އަކަށް ހަދާ ވާހަކަ އެވެ. އެއީ މާލޭގައި ވެސް އާންމު ކަމެކެވެ. މަސްތުވާތަކެތި ފޮރުވަން ގޭންގުތަކުން ރެކްރޫޓުކޮށްފައި ތިބޭ ކުޑަކުދިންނާ ހަވާލުކުރެ އެވެ. އެގޮތަށް ތިޖުރީގެ ގޮތުގައި ކުޑަކުދިން ބޭނުންކުރުމުގެ އިތުރަށް، ބައެއް ކުދިން ޑްރަގު ވިއްކަން މަގުމައްޗަށް ވެސް ނެރެ އެވެ.

ދެން އޮތީ ރެކްރޫޓުމަންޓުގެ އަނެއް ބައެވެ. ޝަހުދު ބުނި ގޮތުގައި މަގުއްދޫ ގުރޫޕަށް ރެކްރޫޓު ކުރާ ބައެއް ކުދިން ތަމްރީން ކުރަން ގެންނަނީ މާލެ އަށެވެ.

"މިހާރު ވެސް އެބައުޅޭ މާލޭގައި ޓްރެއިނިންއަށް ގެނެސް ތިބި ކުދިން،" އޭނާ ބުންޏެވެ.

ޝަހުދު ބުނީ މިގޮތަށް ރެކްރޫޓު ކޮށްފައި ތިބޭ ބައެއް ކުދިން ގުރޭޑު 10 ނިންމުމަށް ފަހު މާލެ އަންނަނީ ވަޒީފާއެއް ލިބިއްޖެ ކަމަށް ބުނެ، މައިންބަފައިންނަށް އޮޅުވާލައިގެން ކަމަށެވެ. ބައެއް ކުދިން ފިލައިގެން ވެސް އާދެ އެވެ. އަދި ބައެއް ކުދިންނަކީ ސްކޫލުން ކެނޑިގެން އުޅޭ ކުދިންނެވެ. އެގޮތަށް އައިސް ތިބޭ ތިބުމުގައި މަސްތުވާތަކެތި ވިއްކައި، މާލޭގައި ހިންގާ މާރާމާރީތަކުގައި އަމަލީ ގޮތުން އެމީހުން ބައިވެރިވެ އެވެ.

އެ ގުރޫޕަށް ނިސްބަތްވާ ބަޔަކު 30 އޭޕްރީލް 2022 ގައި ހުޅުމާލޭ ހިޔާ ފްލެޓަކުން މަސްތުވާތަކެއްޗާއި އެތަކެތި ބަންދުކުރަން ބޭނުންކުރާ ތަކެއްޗާއި ބައި ލައްކަ ރުފިޔާއާ އެކު ވެސް ހައްޔަރުކޮށްފައިވެ އެވެ. ޝަހުދު ބުނި ގޮތުގައި އޭގެ ތެރޭގައި ވެސް ތަމްރީން ކުރަން ގެނައި މީހުން ހިމެނެ އެވެ. އެ މައްސަލައިގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލި ބައެއް މީހުންގެ ތެރެއިން އެކަކު ޒަޔާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.

ހަމަލާގެ ކުރިއަށް ނެރުނީ ކުޑަކުދިން؛ ބޮޑުން ތިބީ ނޫން ކަމަށް ހެދިގެން

އިއްޔެގެ ބައްދަލުވުމުގައި ފުލުހުން ދިން މައުލޫމާތަށް ބަލާއިރު، ޒަޔާން މަރާލަން ހަމަލާ ދިނުމާއި ހެކި ނައްތާލުމުގައި އުޅުނު މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. ބޮޑުން ތިބީ ނޫން ކަމަށް ހެދިގެން ކޮފީ ބޯ ތަނެއްގެ ތެރޭގަ އެވެ.

"މިހާތަނަށް ކުރެވުނު ތަހުގީގުން އަޅުގަނޑުމެންނަށް ކަށަވަރު ކުރެވުނު އެއް ކަމަކީ، މި ހަމަލާ ދިނުމުގައި އަދި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައިވަނީ ހަ މީހެއްކަން. އެ ފަރާތްތަކުގެ އުމުރުފުރާ އަކީ 15 އަހަރާއި 19 އަހަރު [ދެމެދު]،" ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވި އެވެ.

ފުލުހުންގެ ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

އެ މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ބަލާއިރު 18 އަހަރު ނުފުރޭ ހަތަރު ކުދިން ވެސް ޒަޔާން މަރާލަން ހަމަލާ ދިނުމުގައި، ނުވަތަ ހެކި ނައްތާލުމުގައި ހަރަކާތްތެރިވިކަން އެނގެ އެވެ. އަދި އެކަމުގައި ދެން އުޅުނު ދެ މީހުންނަކީ ކޮން ބައެއްކަން ވެސް، ހައްޔަރުކުރި މީހުންގެ ލިސްޓު ބަލައިލުމުން އެނގެ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެން ތިބި މީހުން އަދާކުރި ދައުރަކީ، ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، އެ ހަ މީހުންނަށް މަޝްވަރާދީ، ހިތްވަރުދީ، ހަމަލާ ދިނުމަށް ބޭނުންކުރާނެ ހަތިޔާރު އެމީހުންނަށް ހޯދައިދިނުމެވެ. ކުރުކޮށް ބުނާ ނަމަ، މި މާރާމާރީ ޕްލޭންކޮށް، ފައިނޭންސް ކުރީ އެމީހުންނެވެ.

"މި ހަމަލާ ދިން މީހުން ސޮލިޑްގޭގައި ތިބިއިރު، ރޭވުމުގައި އިސްކޮށް އުޅުނު މީހުން ސ. ފޭދޫގައި ހުރި ކެފޭއެއްގެ ތެރޭގައި، މެންދަމު 12 އިން 1 އާ ދެމެދުގެ ވަގުތެއްގައި ހަމަލާ ދިނުމާ ހަމައަށް، ހަމަލާގެ އިންތިޒާރުގައި ތިބިކަން ތަހުގީގަށް ފާހަގަކުރެވިފައިވޭ،" ސާމިހު ވިދާޅުވި އެވެ.

"ހަމަލާއަށް ފަހު ހަމަލާދޭން ދިޔަ މީހުންގެ ތެރެއިން އެކަކު، ކެފޭގައި ހަމަލާގެ އިންތިޒާރުގައި ތިބި މީހުންގެ ތެރެއިން މީހަކަށް ގުޅާފައިވާކަން ކޯލް ލޮގް ޑީޓެއިލްއިން ތަހުގީގަށް ދެނެގަނެވިފައިވޭ. އެގޮތުން މި ދެންނެވުނު ފަރާތްތައް ކެފޭގައި ތިބި ތިބުމަކީ މައިގަނޑު ގޮތެއްގައި އެ ފަރާތްތަކުން މި ހަމަލާގެ އެއްވެސް ކަމެއް އެނގޭނެ ބައެއް ނޫންކަން އަދި އޭރު އެމީހުން ތިބީ ދެންނެވުނު ކެފޭގައިކަން ރައްޔިތުންނަށާއި ތަހުގީގަށް ދެއްކުމަށްކަން ތަހުގީގަށް ފާހަގަވެފައިވޭ."

ސާމިހު ވިދާޅުވި ގޮތުގައި އެ މީހުންނަކީ ކުޑަކުދިންނަށް އެކި ގޮތްގޮތުން އެހީތެރިވެ، މަގުފުރައްދައިގެން ރެކްރޫޓު ކުރުމުގެ މުގުލުގައި ތިބި މީހުންނެވެ.

ޒަޔާން މަރާލި މައްސަލައިގައި ހައްޔަރުކުރި ކުޑަކުދިންގެ ތެރޭގައި ހިމެނެނީ:

  • 15 އަހަރުގެ ދެ ކުދިން

  • 16 އަހަރުގެ ކުއްޖެއް

  • 17 އަހަރުގެ ކުއްޖެއް

ޒަޔާންގެ މަރާ ގުޅިގެން ހައްޔަރުކުރި ބޮޑެތި މީހުން:

  • 1-

    އައިލިޝް އަލީ (19އ)، ފުފޫމާގެ/ސ. ފޭދޫ

  • 2-

    ޔައިޝް އަންވަރު (19އ)، ކަދުރުމާގެ، ސ. ހިތަދޫ

  • 3-

    އަބްދުﷲ ޝިއާއު ރަޝީދު (22އ)، ދިރިމާގެ/ސ. ފޭދޫ

  • 4-

    އަހްމަދު ޝުއާއު (24އ)، ދިރިމާގެ/ސ. ފޭދޫ

  • 5-

    އަހްމަދު އަބްދުﷲ (25އ)، ކަރަންފޫގެ، ސ. ފޭދޫ

  • 6-

    އަބްދުﷲ ނިޒާރު (28އ)، ކާމަރަގަގެ، ސ. ފޭދޫ

  • 7-

    އަހްމަދު ނަބީލް (34އ)، ސަންޝައިން، ސ. ފޭދޫ

ޒަޔާންގެ މަރާ ގުޅޭގޮތުން ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ރެކްރޫޓްކުރާ ގޮތް ބައިވަރެވެ. އެކަމަކު ޒަޔާންއަށް ހަމަލާ ދިނުމުގައި ބައިވެރިވި ބައެއް ކުދިން ރެކްރޫޓުކޮށްފައިވަނީ އޮންލައިން ގޭމިންގެ ތެރެއިންނެވެ. ބޭރުގައި ކުދިން އުޅޭ އުޅުން ބަލަންޖެހޭ ގޮތަށް، ގިނަ ކަންކަން ޓެކްނޮލޮޖީގެ އެހީގައި ކުރެވޭ މިފަދަ ޒަމާނެއްގައި މިއީ ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ.

"އަޅުގަނޑުމެންގެ ތުއްތު ދަރިން ގޭތެރޭގަ އާއި އެހެން މާހައުލުތަކުގައި ގޭމް ކުޅޭއިރުވެސް އަދި އެހެނިހެން ހަރަކާތްތަކުގައި ވެސް ކުރަމުންދާ ކަންތައްތައް ވީހާ ވެސް ގާތުން ބަލަމުންދިޔުމަކީ، މިފަދަ ކަންތައްތައް، މިފަދަ ހިތާމަވެރި ކަންތައްތަކުގައި އާއިލާ އާއި ކުދިން ވަކިވުމާއި މިފަދަ ކުށްތަކުގައި ކުދިން ޝާމިލުވެގެން ދިއުން ކުޑަކުރެވޭނެ ކަމެއް،" ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމުގެ ކުރިން ޝަމީމް ވިދާޅުވި އެވެ.

ޒަޔާންގެ މަރާ ގުޅޭ ހާއްސަ ކަވަރޭޖު - 

ކޮމެންޓް (6)

ސަމްވަން

21 އޮކްޓޯބަރު 2022
ގޭމް އެއް ނޫން މީހުންގެ ސިކުނޑި ނުބައީ. ޓި ނޫނަސް ގޭމް ކުޅޭ މީހުން އުޅޭ.ބެލެނިވެރިންނަށް ވެސް ރަނގަޅު ތަރުބިއްޔަތެއް ނުދެވޭތީވެ ކުދިން ނުބައި މަގަށް އެޅެނީވެސް.އެކަމު އެންމެންނަށް ވެސް ނުބައި ވަނީ ގޭމު. ވަރަށްވާހަކަ ދެން މި.
1 1

މމމމަަަލް

22 އޮކްޓޯބަރު 2022
@ސަމްވަން ގޭމް ކުޅެން އިނދެފަ ނަމާދަށް ދަންތަ.
0 0

ކޮންމެސް މީހެއް

21 އޮކްޓޯބަރު 2022
ބަޔަކު ގަބޫލްކުރިޔަސް ނުކުރިޔަސް އަހަރެން ބުނާނީ ޕަބްޖީގެ ވަބާގައިޖެހި ޖީލެއް ހަލާކުވެގެން ދިޔުމުގެ ކުރިން މިކަން ހުއްޓުވުން ބުއްދިވެރިއޭ…….
0 1

ފީއަލީ

21 އޮކްޓޯބަރު 2022
މިހުރިހާ ވިޔާނުދާ ކަންތައްތައް ހިގާގޮތް އިގޭ ހާލުގައި މިކަން ނުހުއްޓުވާ ތިބެގެން ތިޔަވާހަކަ ދެއްކެވުމަކީ ލަދުވެތިކަމެއް..
0 0

ހުސެއިން ހޫދު.

20 އޮކްޓޯބަރު 2022
ހަގީގަތް ނުބަލާ ޚަބަރު ނުލިޔޭ. ފުލުހުން ވިދާލެއް ނުވޭ ވަކި ގޭމެއް😒
0 1

ސަމީނު

22 އޮކްޓޯބަރު 2022
@ހުސެއިން ހޫދު. ލިޔުން ކިޔައިނުލާ ކޮމެންޓް ނުކުރޭ! ލިޔުންތެރިޔާ ނުބުނޭ ފުލުހުން ބުންޏެކޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް