ޒަޔާންގެ މަރާ ގުޅޭގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު މިއަދު ވަނީ ހާމަކޮށްފައި. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ޒަޔާންގެ މަރު

ޒަޔާންގެ މަރާއި މާލޭގެ ގޭންގަކާ ގުޅުން އެބައޮތް؛ އެންމެންގެ މައްޗަށް ހެކި އެބަހުރި: ފުލުހުން

އެ މައްސަލައިގައި، ހަތަރު ކުޑަކުދިން ހިމެނޭ ގޮތަށް ހައްޔަރުކުރި ޖުމުލަ 11 މީހުންގެ ތެރެއިން ކުޑަކުދިން ފިޔަވައި ދެން ތިބި މީހުންގެ ވަނަވަރު ވެސް ފުލުހުން ވަނީ މިއަދު އާންމުކޮށްފައި
19 އޮކްޓޯބަރު 2022
2

އައްޑޫ ފޭދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކަކަށް ފަހު މިދިޔަ ޖޫން މަހު މުހައްމަދު ޒަޔާން މަރާލުމުގައި މާލޭގައި ހަރަކާތްތެރިވާ ގޭންގެއްގެ ބައިވެރިވުން އެބައޮތް ކަމަށާއި ހައްޔަރުކޮށްފައިވާ އެންމެންގެ މައްޗަށް ވެސް ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ފޭދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކަކަށް ފަހު މިދިޔަ ޖޫން 2 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން، ސ. ފޭދޫ/ސޮލިޑް މަރާލީ ގޭންގަކުން އޭނާ ދިރިއުޅޭ ގެއަށް ވަދެގެންނެވެ.

ޒަޔާން މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަކީ އައްޑޫގެ 'މަގުއްދޫ ގްރޫޕް'އަށް ނިސްބަތްވާ ބައެކެވެ.

އެ މަރާ ގުޅޭ މައުލޫމާތު ހޯދުމަށް 'ދައުރު'ން ކުރި މަސައްކަތުގައި ޒަޔާން މަރާލަން އޯޑަރު ދިނީ، މަގުއްދޫ ގުރޫޕާ ގުޅިފައި އޮންނަ، މާލޭގައި ހަރަކާތްތެރިވާ ގޭންގަކުން ކަމަށް އެ ރަށުން މި ނޫހަށް މައުލޫމާތު ދިން މީހުން ވަނީ ބުނެފަ އެވެ.

ވީ ކިހިނެއް؟ - ޒަޔާން މަރާލިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން، އެ މަރާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން މިއަދު ބުނީ އެ މަރާއި މާލޭގެ ގޭންގަކާ ގުޅުން އެބައޮތް ކަމަށެވެ. ނަމަވެސް، އެއީ ކިހާ މިންވަރަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.

ޒަޔާންގެ މަރާ ގުޅޭގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި ފުލުހުންގެ ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ މި މަރާއި އަތޮޅުތެރޭގައި މީގެ ކުރިން ހިނގާފައި ހުރި މި ބާވަތުގެ މާރާމާރީތަކާއި މާލޭގައި ހަރަކާތްތެރިވާ ކުށްކުރާ މީހުންނާ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މި މައްސަލައިގައި ވެސް އެ ގުޅުން އެގޮތަށް އޮތްކަން ތަހުގީގަށް ވަނީ ދެނެގަނެވިފައި،" ސާމިހު ވިދާޅުވި އެވެ.

ޒަޔާން މަރާލަން އޯޑަރު ދިނީ މާލޭގެ ގޭންގެއްގެ އިސް މީހަކުތޯ ކުރި ސުވާލުގެ ޖަވާބުގައި ސާމިހު ވިދާޅުވީ އެކަންކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޒަޔާންގެ މަރާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާމިހު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

އެންމެންގެ މައްޗަށް ވެސް ހެކި އެބަހުރި

އެ މައްސަލައިގައި، ހަތަރު ކުޑަކުދިން ހިމެނޭ ގޮތަށް ހައްޔަރުކުރި ޖުމުލަ 11 މީހުންގެ ތެރެއިން ކުޑަކުދިން ފިޔަވައި ދެން ތިބި މީހުންގެ ވަނަވަރު ވެސް ފުލުހުން ވަނީ މިއަދު އާންމުކޮށްފަ އެވެ. ސާމިހު ވިދާޅުވީ އެ އެންމެންގެ މައްޗަށް ވެސް އެކަށީގެންވާ މިންވަރަށް ހެކި އެބަހުރި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ކުޑަކުދިންގެ ތެރޭގައި ހިމެނެނީ:

  • 15 އަހަރުގެ ދެ ކުދިން

  • 16 އަހަރުގެ ކުއްޖެއް

  • 17 އަހަރުގެ ކުއްޖެއް

ޒަޔާންގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު (ކުޑަކުދިން ނުހިމަނައި):

  • 1-

    އަހްމަދު ޝުއާއު (24އ)، ދިރިމާގެ/ސ. ފޭދޫ

  • 2-

    އަބްދުﷲ ޝިއާއު ރަޝީދު (22އ)، ދިރިމާގެ/ސ. ފޭދޫ

  • 3-

    އައިލިޝް އަލީ (19އ)، ފުފޫމާގެ/ސ. ފޭދޫ

  • 4-

    އަބްދުﷲ ނިޒާރު (28އ)، ކާމަރަގަގެ، ސ. ފޭދޫ

  • 5-

    އަހްމަދު އަބްދުﷲ (25އ)، ކަރަންފޫގެ، ސ. ފޭދޫ

  • 6-

    ޔައިޝް އަންވަރު (19އ)، ކަދުރުމާގެ، ސ. ހިތަދޫ

  • 7-

    އަހްމަދު ނަބީލް (34އ)، ސަންޝައިން، ސ. ފޭދޫ

މި އެންމެންނަކީ ވެސް، ފުލުހުން ބުނި ގޮތުގައި، އެކި މައްސަލަތަކުގެ ތުހުމަތުގައި މީގެ ކުރިން ވެސް ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހުންނެވެ. ފުލުހުން ބުނީ އޭގެ ތެރޭގައި ނުރައްކާތެރި ހަތިޔާރާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ރިކޯޑު އޮތް މީހުން ވެސް ހިމެނޭ ކަމަށެވެ.

ޒަޔާންގެ މަރާ ގުޅޭގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކުރަނީ. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

މި މައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު ޝާމިލުވި ނަމަވެސް، އޭނާ ވިދާޅުވީ އެ އެންމެންގެ މައްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ އުފުލޭނެތޯ ނުވަތަ ނޫންތޯ ބުނަން މިވަގުތު ދަތި ކަމަށެވެ.

"އެއީ ހަގީގަތުގައި އަޅުގަނޑުމެން ތަހުގީގަށް ބޭނުންވާ ވަރަށް ނުވަތަ އެކަށީގެންވާ ވަރަށް ހެކި އެއްކުރެވުނީމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް، މައްސަލަ ޕްރޮސެކިއުޓު މި ކުރަން މި ފޮނުވަނީ. ފޮނުވީމަ ޕްރޮސެކިއުޝަނުން ބަލާ މިންގަނޑުތަކަށް ބަލާފައި ދައުވާއާ މެދުގައި [ޕްރޮސެކިއުޝަނުން] ގޮތެއް ކަނޑައަޅާނީ،" އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުމެންނަށް، ތަހުގީގަށް އެކަށީގެންވާ މިންވަރަށް މި އެންމެންގެ މައްޗަށް ވެސް ވަނީ ހެކި ހޯދިފައި. އެހެންވީމަ އަޅުގަނޑުމެން އުންމީދުކުރަނީ މި އެންމެންގެ މައްޗަށް ވެސް މަރުގެ މައްސަލައިގައި ދައުވާ އުފުލިގެންދާނެ ކަމަށް."

ފުލުހުން މިއަދު ބުނީ ހައްޔަރުގައި ތިބި 11 މީހުންގެ ތެރޭގައި މި ހަމަލާ ރޭވި މީހުންނާއި ހަމަލާ ދިން މީހުންނާއި ހެކި ނައްތާލި މީހުންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް ލިބުނު ހެކިތަކުން ވެސް އަދި އިތުރު އެކަކު ނުހޯދޭ ކަމަށް ފުލުހުން ފާހަގަކުރި އެވެ.

ޒަޔާންގެ މަރާ ގުޅޭ ހާއްސަ ކަވަރޭޖު - 

ކޮމެންޓް (2)

މެންޓަލް

22 އޮކްޓޯބަރު 2022
ކީއްވެ މާލޭގަ ހަރަކާތްތެރިވާ ގޭންގުގެ ނަން ހާމަ ކުރަން ނުކެރުނީ؟ ބިރުންތަ؟؟ 🤌🏼🤌🏼
2 0

ކުޑަޔޯ ލޮލް

20 އޮކްޓޯބަރު 2022
ހަމަ ގާތުން ކިރުބޯ ވަރުގެ ކުޑަކުދިންތާ 16،17 އަދި 18 އަހަރު ވީމަ އެއީ. ސާބިތު ވާވަރަށް ހެކި ހުރިއްޔާ އެމީހުންގެ ވަނަވަރު ވެސް އާންމު ކުރަން ޖެހޭ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް