ހުޅުމާލޭގެ ރެސްޓޯރަންޓެއްގެ ތެރޭގައި ބަންގްލަދޭޝްގެ އެމްޑީ ޝަމީމް މަރާލުމުގެ ތުހުމަތުކުރެވޭ ޕާކިސްތާނުގެ ޝެފް މުހައްމަދު އާބިދު: ވަކީލަކު ހަމަނުޖެހި އޭނާގެ ޝަރިއަތް އޮތީ މަޑުޖެހިފައި. (ދައުރު ފޮޓޯ)

އާބިދަށް އަދިވެސް ވަކީލަކު ހަމައެއްނުޖެއްސޭ؛ އަނެއްކާވެސް އިތުރު ފުރުސަތެއް ދީފި

އެންމެ ފަހުން، މީގެ ދެ މަސް ކުރިން އަޑުއެހުން ބޭއްވި ދުވަހު އާބިދުގެ ވަކީލު ވަނީ މައްސަލައިން ތަނާޒުލްވެފައި

ހުޅުމާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި ބަންގްލަދޭޝްގެ ވެއިޓަރަކަށް ވަޅިން ހަމަލާދީ ހިންގި މާރާމާރީގައި އެ ވެއިޓަރު މަރުވި މައްސަލައިގައި ދައުވާ އުފުލާފައިވާ އެ ރެސްޓޯރެންޓްގެ ކައްކާ، ޕާކިސްތާނުގެ މުހައްމަދު އާބިދަށް އަދިވެސް ވަކީލަކު ހަމަނުޖެއްސޭތީ މިއަދުގެ އަޑުއެހުން ވެސް ކުރިއަށް ނުގެންގޮސް ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ރޯދަ މަހު ހިންގި މި މާރާމާރީއާ ގުޅިގެން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާބިދުގެ މައްޗަށް އުފުލީ މިދިޔަ ޖޫން 15ގަ އެވެ. އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ، މީގެ ދެ މަސް ކުރިން އޮކްޓޯބަރު 13ގަ އެވެ. އެގޮތުން:

  • އެ އަޑުއެހުމުގެ 30 މިނެޓް ކުރިން އާބިދުގެ އޭރުގެ ވަކީލު ވަނީ މައްސަލައިން ތަނާޒުލްވެފައި

  • ދިފާއީ ވަކީލު މައްސަލައިން ވަކީވީ، އާބިދުގެ "އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭތީ" ކަމަށް ވިދާޅުވެ؛ އޭގެ ކުރިން އައްޔަންކުރި ވަކީލު ވެސް މައްސަލައިން ތަނާޒަލްވި

  • އޭގެ ދެ މަސް ފަހުން އަނެއްކާވެސް މި މައްސަލައިގައި އަޑުއެހުމެއް މިއަދު ބޭއްވި

ތަފްސީލު - މިއަދުގެ އަޑުއެހުމަށް އާބިދު ހާޒިރުވިއިރު ވެސް، ދިފާއި ވަކީލަކު އޮތީ ހަމަނުޖެހި އެވެ. މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ ވަކީލަކު އައްޔަންކުރުމަށް އޭނާއަށް އަނެއްކާވެސް އިތުރު ފުރުސަތެއް ދެއްވާފަ އެވެ. ގާޒީ ވިދާޅުވި ގޮތުގައި، މިއީ މަރުގެ މައްސަލައެއް ކަމަށް ވުމުން ދިފާއީ ވަކީލަކު ނެތި، ޝަރީއަތް ކުރިއަށް ނުގެންދެވޭނެ އެވެ.

އާބިދު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބުނީ:

  • މީގެ ކުރިން ތަނާޒުލްވި ވަކީލަށް ދެ ފަހަރަށް ފައިސާ ދިން ކަމަށާއި އެ ވަކީލު މިހާރު ހަބަރެއް ނުވާ ކަމަށް އާއިލާ އިން ބުނެފައިވާ ކަމަށް

  • އާއިލީ ބައްދަލުވުންތައް ލިބެނީ މަހަކު ދެ ފަހަރު ކަމަށް ވުމުން، ވަކީލަކު ހަމަޖެއްސުމުގައި ދަތިތަކެއް އެބަހުރި

މިކަމުގައި އާބިދަށް ލުއި ގޮތެއް ހަމަޖައްސައިދިނުމަށް ގާޒީ ވަނީ ދައުލަތަށް އަންގަވާފަ އެވެ. އަދި އެއަށް ފަހު، 15 މިނެޓެއް ހާއިރަށް ކުރިއަށްގެންދިޔަ މި އަޑުއެހުން ވަނީ ނިންމާލާފަ އެވެ.

ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި އަޑުއެހުމެއްގައި އާބިދު.

މައްސަލައިގެ ފެށުން - ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަ 'ހާންޖީ' ރެސްޓޯރަންޓުގެ ތެރޭގައި މިދިޔަ އޭޕްރީލް 18ގައި ހިނގި ހަމަނުޖެހުމެއްގައި ބަންގްލަދޭޝްގެ ވެއިޓަރެއް ކަމަށްވާ އެމްޑީ ޝަމީމް މަރާލުމުގެ ތުހުމަތުގައި އާބިދު، 26، ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް އެ ރޭ ދަންވަރު، ހުޅުމާލޭ ދެވަނަ ފޭސްގެ އަތިރިމަތީގައި ހުއްޓަ އެވެ. އެގޮތުން:

  • މިދިޔަ ޖޫން މަހު އަޑުއެހުންތައް ފެށުމަށް ފަހު، ދެން ކުރިއަށް އޮތީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ 

  • ދައުވާ އިއްވުމަށް ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައި؛ އާބިދު ބުނަނީ، ހަމަލާ ދިނީ ގަސްތުގައި ނޫން ކަމަށާއި އެއީ ނަފްސުގެ ދިފާއުގައި ކުރި ކަމެއް ކަމަށް

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް