މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް ފަހު އާބިދު ކޯޓުން ނުކުންނަނީ: އޭނާގެ ވަކީލު ވަނީ މައްސަލައިން ވަކިވިކަން ކޯޓަށް މިއަދު އަންގާފައި. (ދައުރު ފޮޓޯ)
އާބިދު ބަންދުގައި 6 މަސް: ޝަކުވާއަކީ އަމިއްލަ އަންނައުނު ނުލިބުން
ހުޅުމާލޭގައި ހުންނަ 'ހާންޖީ' ރެސްޓޯރެންޓްގެ ތެރޭގައި މިދިޔަ ރޯދަ މަހު ބަންގްލަދޭޝްގެ ވެއިޓަރަކަށް ވަޅިން ހަމަލާދީ ހިންގި މާރާމާރީއެއްގައި އެ ވެއިޓަރު މަރުވި މައްސަލައިގައި ދައުވާ އުފުލާފައިވާ އެ ރެސްޓޯރެންޓްގެ ކައްކާ، ޕާކިސްތާނުގެ މުހައްމަދު އާބިދު ބަންދުގައި ހުންނަތާ ހަ މަސްދުވަސް ވީއިރު އަމިއްލަ އަންނައުނު ނުލިބޭ ކަމަށް ބުނެ އެކަމުގެ ޝަކުވާ އޭނާ މިއަދު ކްރިމިނަލް ކޯޓުގައި ކޮށްފި އެވެ.
މައްސަލައިގެ ފެށުން - ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަ 'ހާންޖީ' ރެސްޓޯރަންޓުގެ ތެރޭގައި މިދިޔަ އޭޕްރީލް 18ގައި ހިނގި ހަމަނުޖެހުމެއްގައި ބަންގްލަދޭޝްގެ ވެއިޓަރެއް ކަމަށްވާ އެމްޑީ ޝަމީމް މަރާލުމުގެ ތުހުމަތުގައި އާބިދު، 26، ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް އެ ރޭ ދަންވަރު، ހުޅުމާލޭ ދެވަނަ ފޭސްގެ އަތިރިމަތީގައި ހުއްޓަ އެވެ. އެގޮތުން:
-
އެ މައްސަލައިގައި އާބިދުގެ މައްޗަށް ދައުވާކޮށް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ޖޫން 15ގައި
-
ދައުލަތުން އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ
ވީ ކިހިނެއް؟ - ޖޫން މަހު އަޑުއެހުންތައް ފެށުމަށް ފަހު، މިހާރު ކުރިއަށް ދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. ދައުވާ އިއްވުމަށް ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އާބިދު ބުނަނީ، ހަމަލާ ދިނީ ގަސްތުގައި ނޫން ކަމަށާއި އެއީ ނަފްސުގެ ދިފާއުގައި ކުރި ކަމެއް ކަމަށެވެ.
-
އިތުރަށް ކިޔާލަން - ޝަމީމް މަރާލުމުގެ ދައުވާއަށް ކައްކާ އާބިދު އިންކާރު ކޮށްފި
ތަފްސީލު - އާބިދު ހައްޔަރުކުރުމަށް ފަހު، ހުޅުމާލޭ ކޯޓަށް ބަންދާ މެދު ގޮތެއް ނިންމުމަށް ގެންދިއުމުން އެ ދުވަހު ވެސް އޭނާ ވަނީ އަމިއްލަ އަންނައުނު ނުލިބޭ ކަމުގެ ޝަކުވާކޮށްފަ އެވެ. މިހާރު އޭގެ ފަހުން ހަ މަސްވީއިރު، މިއަދު ވެސް އޭނާ ކުރީ އެ ޝަކުވާ އެވެ.
"އަހަރެންގެ ލަގެޖްގައި ހުރި އަންނައުނު އަދިވެސް ނުލިބޭ. އެހެންވެ ވަރަށް އުދަނގޫވޭ. މީގެ ކުރިން ވެސް ފުލުހުންނާއި ކަރެކްޝަންގައި އެ ވާހަކަ ބުނިން،" އުރުދޫ ބަހުން އާބިދު ބުންޏެވެ.
ގާތްގަނޑަކަށް 30 މިނެޓަށް ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި އާބިދުގެ ފަރާތުން ދައްކަން ބޭނުންވާ ވާހަކައެއް އެބައޮއްތޯ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަރީފް އާބިދުގެ ކިބައިން އެހުމުން އޭނާ ހަމައެކަނި ކުރީ އަންނައުނު ނުލިބުމުގެ ޝަކުވާ އެވެ.
ބައެއް ފަހަރު ޕަންޖާބު ބަހުން ވެސް ވާހަކަދައްކާ އާބިދުގެ ވާހަކަތައް ޕާކިސްތާނުގެ ތަރުޖަމާނަކު ދިޔައީ ތަރުޖަމާކޮށްދެމުންނެވެ.
ދެވަނަ ވަކީލު ވެސް ތަނާޒުލް
މިއަދުގެ އަޑުއެހުން ފުރަތަމަ ތާވަލްކޮށްފައި އޮތީ މެންދުރު ފަހު 2 އަށެވެ. ނަމަވެސް އާބިދުގެ މައްސަލަ ބަލާ ކްރިމިނަލް ކޯޓުގެ އެ ސެކްޝަންގެ ޝަރީއަތެއް ނުނިމި ލަސްވުމުން، މި މައްސަލައިގެ އަޑުއެހުން މެންދުރު ފަހު 3އަށް ލަސްކުރި އެވެ.
އަޑުއެހުން ފެއްޓެވުމަށް ފަހު ގާޒީ އިސްމާއިލް ޝަރީފް ވިދާޅުވީ، އާބިދުގެ ދިފާއީ ވަކީލު އިބްރާހިމް އަލީ މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ.
"މިއަދު މެންދުރު 1:30ގައި ދިފާއީ ވަކީލު ވަނީ ކޯޓަށް އަންގާފައި މައްސަލައިން ތަނާޒުލްވި ކަމަށް،" ގާޒީ ވިދާޅުވި އެވެ.
މި މައްސަލަ ފުރަތަމަ ތާވަލް ކުރި ގަޑީގެ 30 މިނެޓް ކުރިން ދިފާއީ ވަކީލު މައްސަލައިން ވަކީވީ، ގާޒީ ވިދާޅުވި ގޮތުގައި، އާބިދުގެ "އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭތީ" ކަމަށް ބުނެ އެވެ.
މިއަދު ހެކިންގެ ހެކިބަސް ނެގުމަށް އޮތް ނަމަވެސް، ދިފާއީ ވަކީލު މައްސަލައިން ވަކިވެފައިވާތީ، މިއަދުގެ އަޑުއެހުމުގައި އިތުރު ކަމެއް ކުރިއަށް ނުގެންދިއުމަށް ގާޒީ ނިންމެވި އެވެ. އަދި އިތުރު ވަކީލެއް ހަމަޖެއްސުމަށް އާބިދަށް ފުރުސަތު ދެއްވި އެވެ. އެގޮތުން ގާޒީ ވިދާޅުވީ:
-
ފުރަތަމަ ގޮތަކީ އާބިދު އަމިއްލައަށް ވަކީލަކު ހަމަޖެއްސުމަށް އާއިލާއާ ވާހަކަ ދެއްކުން
-
ދެވަނަ ގޮތަކީ، އެ ވަރުގެ މާލީ ތަނަވަސްކަމެއް ނެތް ނަމަ، މަރުގެ މިފަދަ ބޮޑު މައްސަލައަކަށް ވުމުން، ދައުލަތުން އޭނާއަށް ވަކީލަކު ހަމަޖައްސައިދިނުން
ތަރުޖަމާނު އެކަން ސާފުކޮށްދިނުމުން، ކުރިއަށް ބިޑި އަޅުވާފައި އިން އާބިދު ބުނީ، "ބައްޕައާ ވާހަކަ ދެއްކުމަށް ފަހު ގޮތެއް ނިންމާނެ" ކަމަށެވެ.
އެނގުން މުހިންމު - މިއީ އާބިދުގެ ވަކީލަކު މިގޮތަށް މައްސަލައިން ވަކިވި ދެވަނަ ފަހަރެވެ. ފުރަތަމަ ވަކީލު ވެސް ވަނީ ދައުވާ އުފުލި ފަހުން މައްސަލައިން ތަނާޒުލްވެފަ އެވެ.
މިއަދު އަޑުއެހުން ނިމުމުގެ ކުރިން ގާޒީ ވަނީ ވަކީލަކު ހަމަޖެއްސުމަށް އާބިދަށް އޭނާގެ އާއިލާއަށް ގުޅޭނެ އިންތިޒާމް ހަމަޖެއްސައިދިނުމަށް ކަރެކްޝަންސްއަށް އަންގަވާފަ އެވެ. އަދި ކަރެކްޝަންސް އިން އެކަން ކުރޭތޯ ދައުލަތުން ކަށަވަރުކޮށްދިނުމަށް ވެސް ގާޒީ އެދިވަޑައިގެންނެވި އެވެ.
"އެހެން ނޫނީ ވަކީލަކު ހަމަނުޖެހި އަނެއްކާވެސް ޝަރީއަތް ދިގުލައިގެން ގޮސްދާނެ،" އާބިދު އިތުރުކަމެއް ފާހަގަކުރަން ވާހަކަ ދައްކަން ފުރުސަތު ދިނުމުގެ ކުރިން ގާޒީ ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - އާބިދު ރޮމުން ބުނީ ހަމަލާ ދެވުނީ ނަފްސުގެ ދިފާއުގައި ކަމަށް