ހައި ކޯޓު

ބަދަލުގެ ގޮތުގައި ރައްޔިތުންގެ ފައިސާ ނާޖާއިޒްކޮށް ދިނުން ހައްލުކުރަން ޖެހޭ: ހައި ކޯޓު

11 އޮކްޓޯބަރު 2021

ދައުލަތުން އެކި ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކާ ހަދާ އެއްބަސްވުންތަކުން އުފަންކުރުވާ މައްސަލަތަކުގައި، ބަދަލުގެ ގޮތުގައި ރައްޔިތުންގެ ފައިސާ ނާޖާއިޒްކޮށް ދޫކޮށް ދައުލަތް ބަނގުރޫޓުވާ ދިމާލަށް ދިއުމަކީ ހައްލުކުރަންޖެހޭ މައްސަލައެއް ކަމަށް ހައި ކޯޓުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ހައި ކޯޓުން މިހެން ބުނީ ބްރިޖު ވިއުއިން ޕްލެޓްފޯމުގައި ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހުރި ބިން ހުސްކޮށް، ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކަން އަންގައި ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް މިއަދު ކުރި ހުކުމްގަ އެވެ.

ތަފްސީލް - އެ މައްސަލައިގައި ސްޓްރާޑާ އިން ވަނީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދައުލަތުން ދޭންޖެހޭ ކަމަށް ބުނެފަ އެވެ. އަދި އެ ފައިސާ ދޭން އޭރުގެ ސަރުކާރުން މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ އެކަން ހުއްޓުވައިފަ އެވެ.

ސްޓްރާޑާއިން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، ބަދަލުގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ވާހަކަ ފާހަގަކުރި އެވެ. ހައި ކޯޓުން ބުނީ، އެ ބަދަލު ސްޓްރާޑާއަށް ދޭންޖެހޭކަމަށް ހައުސިން މިނިސްޓްރީން ނުވަތަ އެތަނުގެ މުވައްޒަފަކު ބުނި ކަމުގައި ވިޔަސް، އެ ބުނުމުގެ މައްޗަށް އެކަނި ބިނާކޮށް ދައުލަތުން ސްޓްރާޑާއަށް އެބަދަލު ދޭންޖެހޭކަން ސާބިތުވާކަމަށް ކަނޑައެޅިދާނެ ކަމަކަށް ނުފެންނަ ކަމަށެވެ.

ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް ފައިސާ ޖާއިޒު ސޫރަ ދައްކައިގެން ނާޖާއިޒުކޮށް އެކި ފަރާތްތަކަށް ދޫކޮށް، ދައުލަތް ބަނގުރޫޓުވުމާ ދިމާއަށް ދާ ދިއުމަކީ ޝަރުއީ ކޯޓުތަކުގެ އިތުރުން، ދައުލަތުގެ ކަންކަމާ ހަވާލުވެ ތިބޭ ޒިންމާދާރު ފަރާތްތަކުން ސަމާލުވެ، ވިސްނައި، ހައްލުކުރަންޖެހޭ މައްސަލައެއްކަމުގައި ދެކެން

ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ

ހައި ކޯޓުގެ ބަސް - މައްސަލަ ބެއްލެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔުގައި ވިދާޅުވީ ދައުލަތުން އެކި ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކާ ހަދާ އެއްބަސްވުންތަކުން އުފައްދާ ނުވަތަ އުފަންކުރުވާ މައްސަލަތަކުގެ ތެރެއިން އެކި ފަރާތްތަކަށް ބަދަލުގެ ނަމުގައި ފައިސާ ދޫކުރުމުގެ މައްސަލައަކީ ދައުލަތުގެ ކަންކަމާ ހަވާލުވެތިބޭ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ މައްސަލައެއް ކަމަށެވެ.

ހަމައެއާއެކު، ބަދަލު ދިނުމާ ގުޅޭ މައްސަލަތައް ޝަރުއީ ކޯޓުތަކުން ބެލުމުގައި ވެސް އިތުރަށް ސަމާލުވާންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް ފައިސާ ޖާއިޒު ސޫރަ ދައްކައިގެން ނާޖާއިޒުކޮށް އެކި ފަރާތްތަކަށް ދޫކޮށް، ދައުލަތް ބަނގުރޫޓުވުމާ ދިމާއަށް ދާ ދިއުމަކީ ޝަރުއީ ކޯޓުތަކުގެ އިތުރުން، ދައުލަތުގެ ކަންކަމާ ހަވާލުވެ ތިބޭ ޒިންމާދާރު ފަރާތްތަކުން ސަމާލުވެ، ވިސްނައި، ހައްލުކުރަންޖެހޭ މައްސަލައެއްކަމުގައި ދެކެމެވެ." ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ޝުއައިބުގެ ރައުޔަށް ފަނޑިޔާރު މުހައްމަދު ނިޔާޒް އާއި ފަނޑިޔާރު މުހައްމަދު ފައިސަލް ތާއީދުކުރެއްވި އެވެ.

އެނގުން މުހިންމު - ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބުރިޖް ސަރަހައްދުގައި ރެސްޓޯރަންޓަކާއި ބުރިޖް ބަލާ ޕްލެޓްފޯމެއް ހަދަން ސްޓްރާޑާއަށް ދީފައިވާ މައްސަލައިގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށް އެ ކުންފުންޏަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާ ކަމުގެ ތުހުމަތުގައި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާކޮށް ދިނުމަށް އޭސީސީން ވަނީ ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް