ބްރިޖް ބަލާ ޕްލެޓްފޯމް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒާއި ސްޓުރަޑާގެ މެނޭޖިން ޑިރެކްޓަރު ޒާހިދު ރަމީޒު ސޮއި ކުރެއްވުމަށް ފަހު އެއްބަސްވުން ބަދަލު ކުރަނީ

ބްރިޖް ބަލާ ޕްލެޓް ފޯމު މަޝްރޫއާ ގުޅިގެން މޭޔަރު މުއިއްޒަށް ދައުވާކޮށްދޭން އެދިއްޖެ

އެ މަޝްރޫއު ހިންގަން ހަވާލުކުރީ ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒުގެ ކުންފުންޏަކާ. އެ ކުންފުނިން އެދުނުހާ ގޮތަކަށް އެއްބަސްވުމަށް ބަދަލު ގެނެސްފައިވޭ
6 އޮކްޓޯބަރު 2021

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބުރިޖް ސަރަހައްދުގައި ރެސްޓޯރަންޓަކާއި ބުރިޖް ބަލާ ޕްލެޓްފޯމެއް ހަދަން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ މައްސަލައިގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށް އެ ކުންފުންޏަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާ ކަމުގެ ތުހުމަތުގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާކޮށް ދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

މުއިއްޒުގެ އިތުރުން އެ މައްސަލައިގައި އެ މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބުގެ މައްޗަށް ވެސް ދައުވާކޮށް ދިނުމަށް ވަނީ އެދިފަ އެވެ.

ވީ ކިހިނެއް؟ - މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު 2016ގައި ބުރިޖާ އިންވެގެން އޮންނަ ހުސްބިމުގައި ބުރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓްތަކެއް އަދި ޕާކިން އޭރިޔާއެއް ތަރައްގީ ކުރުމަށް ސްޓްރާޑާ ކުންފުންޏާ ހަވާލުކުރި މަޝްރޫއާ މެދު ކުރި ތުހުމަތުތައް ބެލުމަށް ފަހު އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މަޝްރޫއުގެ ހުރިހާ ކަމެއްގައި ދައުލަތުގެ މަސްލަހަތާއި ފައިދާއަށް ވުރެ ބޮޑަށް މުއިއްޒާއި ހަބީބު ތަކުރާރުކޮށް އިސްކަން ދީފައި ވަނީ ސްޓްރާޑާ ކުންފުނީގެ މަސްލަހަތަށް ކަމަށް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

ބުރިޖް ބަލާ ޕްލެޓްފޯމާއި އެ ސަރަހައްދުގައި ހަދާފައިވާ ރެސްޓޯރަންޓް

ތަފްސީލް - އޭސީސީގެ ތަހުގީގަށް ފާހަގަވި ކަންތައްތަކަކީ:

  • އެއްބަސްވުން ހެދި ފަހުން އެ ސަރަހައްދުން ސްޓުރާޑާއަށް އިތުރަށް 2،464 އަކަފޫޓުގެ ބިންދީފައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށްކަން

  • ބަރާބަރަށް ކުލި ދައްކަމުން ނުދިޔަ ނަމަވެސް ސްޓްރާޑާއަށް ފައިދާވާ ގޮތަށް އެއްބަސްވުމަށް އެކި ފަހަރު މަތިން އެކި ބަދަލުތައް ގެނެސްފައިވާކަން. އެކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ލަފާ ހޯދާފައި ނުވުން

  • އެ ސަރަހައްދުގައި ފުޓްސަލް ދަނޑެއް އެޅުމަށް ސްޓުރަޑާއިން ހުށަހެޅުމުން އެ އެދުނު ގޮތަށް އެއްބަސްވުމުގެ މުއްދަތު ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށްދީފައިވޭ

  • ސީއެސްއާރުގެ ގޮތުގައި ސަރުކާރަށް ދައްކަން ސްޓުރަޑާއިން އެއްބަސްވި ދެ މިލިއަން ރުފިޔާ ނުދައްކާ

  • އެއްބަސްވުމާ އެއްގޮތަށް ކުންފުނިން ކުލީގެ ގޮތުގައި 1.98 މިލިއަން ރުފިޔާ ސަރުކާރަށް ނުދެއްކި ނަމަވެސް އެއްބަސްވުން ބާތިލްކޮށްފައި ނުވުން

  • އެ ކުންފުނިން އެ ސަރަހައްދުގައި ހެދި "ޗާޓައިމް" ރެސްޓޯރަންޓު ނަގާފައިވަނީ އެ ކުންފުނީގެ ރުހުމުގައި ނަމަވެސް އެއްބަސްވުމަށް ބަދަލު ގެނެސް ދެ ފަހަރެއްގެ މަތިން ބަދަލު ދޭން ނިންމުން

  • އެގޮތުން ސްޓުރަޑާއަށް 32.17 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ނިންމުން. ނަމަވެސް އެ އަދަދު ކުޑަކޮށް 14 މިލިއަން ރުފިޔާ ދޭން މަސައްކަތް ކުރި ނަމަވެސް އޭސީސީން އަންގައިގެން އެކަން ހުއްޓުވިކަން

ދައުވާތައް - އެ ކަންކަމާ ގުޅިގެން މުއިއްޒުގެ މައްޗަށް ކުރުމަށް އޭސީސީން ޕީޖީގައި އެދިފައިވާ ދައުވާތަކަކީ:

  • ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި ދައުލަތަށް ފައިދާ ނުލިބޭގޮތަށް އަމަލުކުރުމުގެ ދައުވާ؛ މި ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި ގާނޫނުގެ 13ވަނަ މާއްދާގެ (ހ) ގެ ދަށުން

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ؛ މި ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން

ހަބީބުގެ މައްޗަށް ދައުވާކުރަނީ:

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ؛ ގާނޫނުލް އަގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން

އެނގުން މުހިންމު - ސްޓުރަޑާ ކުންފުންޏަކީ ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒުގެ ކުންފުންޏެކެވެ. އެ ކުންފުނީގެ ފަރާތުން އެތަނުގައި ހެދީ ބުރިޖް ޕްލެޓްފޯމަކާއި ފުޓްސަލް ދަނޑެއްގެ އިތުރުން "ނިއުޕޯޓް ވިއު" ކިޔާ ރެސްޓޯރަންޓެކެވެ. ނަމަވެސް މި ސަރުކާރު އައުމަށް ފަހު އެ ރެސްޓޯރަންޓާއި ބުރިޖް ބަލާ ޕްލެޓް ފޯމް ހިންގުން ވަނީ ހުއްޓާލައިފަ އެވެ. 

އެތަން މިހާރުވަނީ ވީރާނާވާން ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް