ނޫސްވެރިކަމުގެ އިނާމު 2019ގެ ހަފްލާ
ނޫސްވެރިކަމުގެ އެވޯޑާ ގުޅޭ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި
މިރޭ ބާއްވާ ނޫސްވެރިކަމުގެ އިނާމާ ގުޅޭގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ކުރިއަށް ދަނީ، މިދިޔަ ފެބުރުއަރީ މަހު އާންމުކުރި އުސޫލާ ހިލާފަށް ކަމަށް ބުނެ، ނޫސްވެރިން ސޮއިކޮށް މީޑިއާ ކައުންސިލަށް ޕެޓިޝަނެއް ހުށަހެޅި އެވެ. ނަމަވެސް ޕެޓިޝަން ލީއިރު ހުށަހެޅުންތައް ޖަޖްކޮށްް އެވޯޑް ލިބޭ ނޫސްވެރިން ހޮވާފައިވާތީ މީޑިއާ ކައުންސިލުން އެ ޕެޓިޝަން ބަލައިގެންފައެއް ނުވެ އެވެ.
އެންމެ ފަހުން 20 ނޫސްވެރިއެއްގެ ފަރާތުން އެ މައްސަލަ ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެވޯޑު ހުއްޓުވަން އެދި ނޫސްވެރިންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޝުނާނާ އެންޑް ކޯ ލޯ ފާމްގެ ފަރާތުންނެވެ.
ތަފްސީލް - އެ މައްސަލައިގައި މިއަދު ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ.
މީޑިއާ ކައުންސިލްގެ ރައީސް، ސަހުބާން ފަހުމީ މިއަދު 'ދައުރު' ނޫހަށް ވިދާޅުވީ، އެ މައްސަލަ ހުށަހަޅާފައި ވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށްވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ކޯޓުން ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ:
-
މައްސަލަ ހުށަހަޅާފައި ވަނީ ނުބައި ސެކްޝަނަކަށް ކަމަށްވާތީ
-
ސުޕްރީމް ކޯޓުން 2015 ގައި ނެރުނު ސާކިއުލާއެއްގައި ސިވިލް ކޯޓުގެ ފަސް ޑިވިޝަނެއް ކަނޑައަޅާފައިވޭ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންގޮސްފި ނަމަ، އެ ސާކިއުލާއާ ހިލާފުވާނެ ކަމަށް ކޯޓުން ބުނި.
"އެހެންވެ މައްސަލަ ވަނީ ބޭރުކޮށްލާފައި،" ސަހުބާން ވިދާޅުވި އެވެ.
އެނގުން މުހިންމު - ނޫސްވެރިކަމުގެ އިނާމާ ގުޅޭގޮތުން ނޫސްވެރިން ކަންބޮޑުވުންފާޅުކުރަން ފެށީ، ޕްރިންޓް/އޮންލައިން އަދި ބްރޯޑްކާސްޓިން މީޑިއާ އެއްކޮށްލައިގެން އިނާމު ދޭން މީޑިއާ ކައުންސިލުން ނިންމާފައިވާ ކަމަށް ބުނެ އެވެ. މި އެވޯޑް ބާއްވާތާ އެތައް އަހަރެއް ވެފައިވާ އިރު މީގެ ކުރިން ނޫސްވެރިން ދުވަހަކު ވެސް އެވޯޑާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހަޅައި އިހުތިޖާޖުކޮށްފައެއް ނުވެ އެވެ.
އެވޯޑު ހަފްލާ އޮންނާނީ މިރޭ 9 ޖަހާއިރު އެވެ. އެ ޖަލްސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަނީ ދައުވަތު އަރުވައިފަ އެވެ.
އިތުރަށް ކިޔާލަން -