މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ އެމްއެމްސީ)

ނޫސްވެރިންގެ އެވޯޑް ދޭ ގޮތާ މެދު ހިތްހަމަނުޖެހި 20 ނޫސްވެރިޔަކު ކޯޓަށް

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އިރު ނޫސްވެރިކަމުގެ އިނާމު ދޭ ހަފްލާ މި މަހުގެ 11 ގައި ބާއްވާނެ
6 އޮކްޓޯބަރު 2021

މި މަހުގެ 11 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ނޫސްވެރިކަމުގެ އިނާމާ ގުޅޭ މައްސަލައެއް، 20 ނޫސްވެރިއެއްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ކުރިއަށް ދަނީ، މިދިޔަ ފެބުރުއަރީ މަހު އާންމުކުރި އުސޫލާ ހިލާފަށް ކަމަށް ބުނެ، ނޫސްވެރިން ސޮއިކޮށް މީޑިއާ ކައުންސިލަށް ޕެޓިޝަނެއް ހުށަހެޅި އެވެ. ނަމަވެސް ޕެޓިޝަން ލީއިރު ހުށަހެޅުންތައް ޖަޖްކޮށްް އެވޯޑް ލިބޭ ނޫސްވެރިން ހޮވާފައިވާތީ މީޑިއާ ކައުންސިލުން އެ ޕެޓިޝަން ބަލައިގެންފައެއް ނުވެ އެވެ.

ތަފްސީލް - އެ މައްސަލައިގައި ނޫސްވެރިންތަކެއް ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ނޫސްވެރިންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޝުނާނާ އެންޑް ކޯ ލޯ ފާމްގެ ފަރާތުންނެވެ.

އެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ:

  • 2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނޫސްވެރިން ހޮވުމުގައި، ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް މީޑިއާ ކައުންސިލުން އަމަލުކޮށްފައިވާ ކަމަށް

  • ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ 20 ނޫސްވެރިން ބައިވެރިވާ މައްސަލައެއް

އެނގުން މުހިންމު - ނޫސްވެރިކަމުގެ އިނާމާ ގުޅޭގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަން ފެށީ، ޕްރިންޓް/އޮންލައިން އަދި ބްރޯޑްކާސްޓިން މީޑިއާ އެއްކޮށްލައިގެން އިނާމު ދޭން މީޑިއާ ކައުންސިލުން ނިންމާފައިވާ ކަމަށް ބުނެ އެވެ. އެކަމާ ގުޅޭގޮތުން މީޑިއާ ކައުންސިލުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މީޑިއާ ކައުންސިލްގެ އުސޫލު ބުނާގޮތުން، މި އަހަރު 12 ދާއިރާއަކުން އެވޯޑު ދޭނެ އެވެ.

މި އެވޯޑް ބާއްވާތާ އެތައް އަހަރެއް ވެފައިވާ އިރު މީގެ ކުރިން ނޫސްވެރިން ދުވަހަކު ވެސް އެވޯޑާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހަޅައި އިހުތިޖާޖުކޮށްފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް