ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީ: އެ މަނިކުފާނުގެ ވެރިކަން ވައްޓާލުމަށްފަހު ކުރި ހުކުމް ބާތިލްކުރުމަށް ހުށަހެޅި މައްސަލަ ވަނީ ބަލައިގެންފައި

އަމީން ދީދީއަށް އިންސާފު ހޯދާ މައްސަލަ އިންތިގާލީ އޮފީހުން ބަލައިގެންފި

އެ މައްސަލައަކީ ބެލޭނެ މައްސަލައެއް ކަމަށް ވަނީ ނިންމައިފައި. ތަހުގީގު ފަށާނީ ކަމާގުޅުންހުރި ފަރާތްތަކުން މައުލޫމާތު ހޯދުމަށްފަހު
11 އޮކްޓޯބަރު 2021

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން ވައްޓާލުމަށް ފަހު އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދި، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލައަކީ ބެލޭނެ މައްސަލައެއް ކަމަށް ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ ފަރާތުންނެވެ.

ތަފްސީލް - މައްސަލައިގައި އެދިފައިވަނީ:

  • އަމީންގެ މައްޗަށް ކުރި ދައުވާ ސާފުކުރުމަށާއި އަމީންގެ މައްޗަށް ޝަރީއަތެއް ކޮށް، އެ މަނިކުފާނަކީ "ހާއިނެއް" ކަމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކައިގެ ސައްހަކަން ކަށަވަރުކުރަން

  • އަމީނަށް އަނިޔާކުރުމަށް ފަހު، ފަތްޖެހި އެނދެއްގައި ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށްފައި ވަނީ އިންސާނީ ކަރާމާތް ގެއްލޭ ފަދަ ގޮތަކަށް ކަމަށާއި "ބިރުވެރިކަމުގައި ޝަރީއަތް ކޮށްފައި ވާތީ"، އެކަން ހިނގާ ދިޔަ ގޮތް ސާފުކުރަން

  • އަމީން ދީދީ މާލެ ގެނެވުނު ސަބަބު ސާފުކުރުން

  • ހަވަރަށް ދިނުމުގައި އަމަލީގޮތުން ބައިވެރިވީ ކޮން ބައެއްކަމާއި، އެކަން ރާވައި އިންތިޒާމްކުރީ ކޮން ބައެއްތޯ ބެލުން

  • އަމީން ހަވަރަށް ދިން މީހުންނާ މެދު އަދުލުއިންސާފުގެ ތެރެއިން ނިޔާ ކަނޑައެޅުން

  • އަމީންގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް ގައުމީ ފެންވަރުގައި އެކަން ފާހަގަކުރުން

ނިންމި ގޮތް - އިންތިގާލީ އޮފީހުން ވަނީ އެއީ ބެލޭނެ މައްސަލައެއް ކަމަށް އެ އޮފީހުން ނިންމިކަން މެމްބަރު އިބްރާހިމް ރަޝީދަށް ލިޔުމުން އަންގައިފަ އެވެ. އެ އޮފީހުން މެމްބަރަށް ފޮނުވި ސިޓީގައި ބުނީ އެއީ އާންމު މަސްލަހަތާ ގުޅުންހުރި މައްސަލައަކަށް ވުމުގެ އިތުރުން ގިނަ ދުވަސްވީ މައްސަލައަކަށް ވުމުން، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ހައްގުތަކާ ގުޅުންހުރި ކަންކަމުގައި ކަމާގުޅުންހުރި ފަރާތްތަކުން މައުލޫމާތު ހޯދުމަށްފަހު ތަހުގީގު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެނގުން މުހިންމު - އެ މައްސަލައިގައި މާލީ ބަދަލު ހޯދަން އެދިފައެއް ނުވެ އެވެ. އެދިފައި ވަނީ މުހައްމަދު އަމީންއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަން ބަލައި އަމީންގެ މައްޗަށް ހާއިނެއް ކަމަށް ބުނެ އިއްވާފައިވާ ހުކުމް ބާތިލް ކުރުމަށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް