ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީ: އެ މަނިކުފާނުގެ ވެރިކަން ވައްޓާލުމަށްފަހު ކުރި ހުކުމް ބާތިލްކުރުމަށް ވަނީ ހުށަހަޅާފައި.

އަމީނަށް ކުރި ހުކުމް ބާތިލްކޮށްދޭން އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފި

އަމީން ދީދީ ހަވަރަށް ދިން މީހުންނާ މެދު އަދުލު އިންސާފުގެ ތެރެއިން ނިޔާ ކަނޑައެޅުމަށް މައްސަލައިގައި އެދިފައިވޭ
12 ސެޕްޓެމްބަރު 2021

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން ވައްޓާލުމަށް ފަހު އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ ފަރާތުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މެމްބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ އަމީންގެ ވެރިކަން ނިމުނުގޮތް ސާފުނުވުމާ ކަމަށާއި ދެކެވޭ ވާހަކަތަކުންނާއި ލިބެންހުރި މައުލޫމާތުން ދޭހަވަނީ ތަފާތު ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން، އެކަމުގެ ހަގީގަތަކީ ކޮބައިކަން ސާފުކޮށް، މިހާރުގެ ޖީލަށް އޭގެ ސައްހަ މައުލޫމާތު ސާފުކޮށްދޭން ޖެހޭ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

ތަފްސީލް - މައްސަލައިގައި އެދިފައިވަނީ:

  • އަމީންގެ މައްޗަށް ކުރި ދައުވާ ސާފުކުރުމަށާއި އަމީންގެ މައްޗަށް ޝަރީއަތެއް ކޮށް، އެ މަނިކުފާނަކީ "ހާއިނެއް" ކަމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކައިގެ ސައްހަކަން ކަށަވަރުކުރަން

  • އަމީންއަށް އަނިޔާކުރުމަށް ފަހު، ފަތްޖެހި އެނދެއްގައި ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށްފައި ވަނީ އިންސާނީ ކަރާމާތް ގެއްލޭ ފަދަ ގޮތަކަށް ކަމަށާއި "ބިރުވެރިކަމުގައި ޝަރީއަތް ކޮށްފައި ވާތީ"، އެކަން ހިނގާ ދިޔަ ގޮތް ސާފުކުރަން

އިތުރު ކަންކަން:

  • އަމީން ދީދީ މާލެ ގެނެވުނު ސަބަބު ސާފުކުރުން

  • ހަވަރަށް ދިނުމުގައި އަމަލީގޮތުން ބައިވެރިވީ ކޮން ބައެއްކަމާއި، އެކަން ރާވައި އިންތިޒާމްކުރީ ކޮން ބައެއްތޯ ބެލުން

  • އަމީން ހަވަރަށް ދިން މީހުންނާ މެދު އަދުލުއިންސާފުގެ ތެރެއިން ނިޔާ ކަނޑައެޅުން

  • އަމީންގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް ގައުމީ ފެންވަރުގައި އެކަން ފާހަގަކުރުން

މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެފައި ވަނީ އަމީންގެ ހިދުމަތްތަކަކީ އަގު ނުކުރެވޭނެ ހިދުމަތްތަކެއް ކަމަށާއި އެހެންކަމުން މާލީ ބަދަލެއް ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން އެދޭ ފަރުވާ އަކީ، އަލްމަރްހޫމް މުހައްމަދު އަމީންއާ ބެހޭގޮތުން ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަމާއި އެ ބޭފުޅާގެ މައްޗަށް ހާއިނެއް ކަމަށް ބުނެ އިއްވާފައިވާ ހުކުމް ބާތިލް ކުރުމެވެ،" މައްސަލަ ހުށަހެޅި ފޯމުގައި ބުނެފައިވެ އެވެ.

އަމީނަށް އަނިޔާކުރިކަން ސާބިތުކޮށްދިނުމަށް ހެއްކެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެދޭ ގޮތް:

  • އަމީންގެ ނިމުން ރަސްމީކޮށް ބަލައި އެކަމުގެ ހަގީގަތް ރަސްމީ ސިފައެއްގައި އާންމުންނަށް އަންގައިދިނުން

  • މި މައްސަލައާ ގުޅުންހުރި ފަރާތްތައް ހޯދަން އިންތިގާލީ އިންސާފުގެ އޮފީހުން އަމުރެއް ނުވަތަ އިއުލާނެއް ނެރުމާއެކު، އެމީހުންގެ ފަރާތުން ލިބެންހުރި މައުލޫމާތު އެއްކޮށް، މައްސަލައިގައި އިންސާފުވެރި ނިޔާ ކަނޑައެޅުން

  • އަމީންއަކީ ހާއިނެއް ކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމް ބާތިލްކުރުން ނުވަތަ އަލުން އެ ޝަރީއަތް ކުރުން

އެނގުން މުހިންމު - އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ:

  • އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ތަނެއް 

  • އަމިއްލަ ނަމުގައި މުއުމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވޭ

  • ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެއް

އޮމްބަޑްސްޕާސަން އޮފީހުގެ މަސައްކަތަކީ:

  • ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިފައިވާ ނަމަ އެކަން ބެލުން

  • އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުން

  • ޖެނުއަރީ 1953 އިން 17 ނޮވެމްބަރު 2018އާ ދެމެދު ހިނގާފައިވާ އެފަދަ މައްސަލަތައް ބެލޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް